ކުޅިވަރާއި ސިޔާސީ ކަންކަމާ ކިތައްމެ ދުރުކުރަން އުޅުނަސް އެކަމެއް ނުވާނެ އެވެ. މި ފަހަރުގެ ވޯލްޑް ކަޕް މި އޮތީ ސިޔާސީ ރުޅިވެރިކަމުގެ ތެރެއަށް ވެސް ވެއްޓިފަ އެވެ. މުބާރާތުގެ އެއްބައި ކުޅެނީ އެމެރިކާގަ އެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމައިގެ ސަބަބުން ދިވެހިންގެ ގިނަ ބަޔަކު އެމެރިކާ ދެކެ ރުޅިއާދެ އެވެ. ވޯލްޑް ކަޕްގައި ބަލިވާން އެދުނެވެ.
ނަމަވެސް ޕެރަގުއޭއާ ދެކޮޅަށް އެމެރިކާއިން މިއަދު ހެނދުނު މުބާރާތް ފެށީ ތަފާތު ބޮޑު ކާމިޔާބީއަކާ އެކުގަ އެވެ. ނަތީޖާއަކީ 4-1 އެވެ. މިއީ ވޯލްޑް ކަޕަށް ބަލާ ނަމަ ވަރަށް ފުރިހަމަ މޮޅެކެވެ.
ފްރާންސްގެ މޮނާކޯއަށް ކުޅޭ ފޯވަޑް ފޮލަރިން ބަލޮގަންގެ ދެ ލަނޑަކީ މުބާރާތުގައި މިހާތަނަށް އެއް ކުޅުންތެރިއެއްގެ އެންމެ ގިނަ އަދަދެވެ. އެމެރިކާގެ ފުރަތަމަ ލަނޑަކީ ޕެރަގުއޭގެ ކުޅުންތެރިއެއްގެ ފަރާތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ހަތަރު ވަނަ ލަނޑު ޖެހީ މެޗުގެ ފަހު ވަގުތުކޮޅު ޖިއޯ ރޭނާ އެވެ.
ގްރޫޕް ޑީގެ މި މެޗުން މޮޅުވުމަކީ ނޮކްއައުޓް ބުރަށް ދާން އެމެރިކާއަށް ހުޅުވުނު މުހިންމު ދޮރެކެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ތުރުކީ އާއި އޮސްޓްރޭލިޔާ އެވެ.
މުބާރާތް ބާއްވާ ތިން ވަނަ ގައުމު ކެނެޑާގެ ފުރަތަމަ މެޗު ރޭ ނިންމާލަން ޖެހުނީ ބޮސްނިޔާއާ ދެކޮޅަށް ކުޅެ 1-1 އިންނެވެ.
އެމެރިކާ ދެކެ ގިނަ މީހުން ހިތްހަމަނުޖެހެނީ ހަމައެކަނި އީރާނާ ދެކޮޅު ހަނގުރާމައާ ހެދިއެއް ނޫނެވެ. ވޯލްޑް ކަޕްގެ މެޗުތައް ބަލަން އެމެރިކާއަށް ދަތުރުކުރުމުގައި ކުރިމަތިވި ހުރަސްތައް ވެސް ގިނަ އެވެ. އެހެންކަމުން މި ވޯލްޑް ކަޕަކީ އެތައް މައްސަލަތަކާއި ހިތްހަމަނުޖެހުންތައް ގިނަ މުބާރާތެކެވެ.
ގިނަ ދިވެހިން ބޭނުންނުވިޔަސް އެމެރިކާ މޮޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ