ދ. މީދޫ ކައުންސިލްގެ ރައީސް ހޮވަން އަލުން ވޯޓުލާން ފަށައިފި

ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓު އެއްވަރުވުމުން، އަލުން ވޯޓުލުން މިއަދު ފަށައިފިއެވެ.
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00ގައެވެ.
ދ. މީދޫ ކައުންސިލް އިންތިހާބުގެ އިތުރު ބުރުގެ ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ތިން ފޮއްޓެއް ބަހައްޓާފައެވެ. މި އިންތިހާބުގައި ވޯޓުލުން އެރަށުގައި ކުރިއަށްދާނީ ދ. އަތޮޅު މަދުރަސާގައެވެ. އަތޮޅު މަދުރަސާގައި ދެ ފޮށި ބަހައްޓާފައިވާއިރު މާލޭގެ ދަރުމަވަންތަ ސްކޫލުގައި ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އިންތިހާބުގެ ވޯޓުލުން ހެނދުނު 8:00 އިން 4:00 އަށް ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ހާމަކޮށްފައެވެ.
މި ބުރުގައި ވެސް ވާދަކުރައްވަނީ އެމްޑީއޭގެ ކެންޑިޑޭޓް މޫސާ އަހުމަދާއި، ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލުމުގެ ކަންކަން އަމާންކަމާއެކު ކުރިއަށްދާ ކަމަށާއި، ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ ރައްޔިތުންވެސް ވީހާވެސް އަވަހަކަށް ވޯޓުލުމުގެ މަރުކަޒުތަކަށް ވަޑައިގެން ވޯޓުލުމުގެ ހައްގު އަދާކުރުމަށް އެދޭ ކަމަށެވެ.
މި އިންތިހާބު އަލުން އަލުން ބާއްވަން ނިންމީ 2026 އެޕްރީލް 04 ވީ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ދ. މީދޫގައި ބެހެއްޓުނު ވޯޓު ފޮށިތަކުގެ ތެރެއިން ފޮއްޓަކަށް ލި 1 ވޯޓު ކަރުދާސް ސައްހަކަމަށް ކަނޑައަޅައި ހުކުމްކުރުމާ ގުޅިގެން، ދ. މީދޫ ކައުންސިލް ރައީސްކަމަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވެފައިވާތީ ކަމަށް އީސީން ވަނީ ހާމަކޮށްފައެވެ.
ކުރިން ބާތިލުކަމަށް ނިންމި އެ ވޯޓު ސައްހަ ކަމަށް ކަނޑައެޅުމުން އެމްޑީއޭގެ ކެންޑިޑޭޓަށް ވޯޓެއް އިތުރުވެ، ޖުމްލަ ނަތީޖާ އެއްވަރުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ