ޒުވާނުން ބޭނުންވަނީ ހަމައެކަނި ”ޒުވާން މޫނެއް“ ނޫން، ބޭނުން ވަނީ ހައްލު ހޯދައިދޭނެ ގާބިލް ލީޑަރެއް: ފައްޔާޒް

މިއަދު ޒުވާނުން ބޭނުން ވަނީ ހަމައެކަނި ޒުވާން މޫނެެއް ނޫން ކަމަށާއި ޒުވާނުން ބޭނުން ވަނީ ޒުވާނުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ކޮށްދެވޭނެ ފަދަ ގާބިލް ލީޑަރެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ”ބޮޑު ބަދަލު“ ގެ ނަމުގައި އާޓިފިޝަލް ބީޗުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވީ، މީގެ ވިހި އަހަރު ކުރިން ރާއްޖެއަށް ޑިމޮކްރަސީއާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދުމަށްޓަކައި ދިވެހިން ވީ ބޮޑެތި ގުރުބާނީތައް މިއަދު މުޖުތަމައުގެ ތެރޭގައި ހަނދާން ނެތެމުންދާ ކަމަށެވެ. 2008 ވަނަ އަހަރު ރާއްޖެއަށް އައި އިސްލާހީ ބަދަލުތަކަކީ އެތައް ބައެއްގެ ފުރާނައާއި، މުދަލާއި، އަދި މިނިވަންކަން ގުރުބާންކޮށްގެން ލިބުނު ނަތީޖާއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ އެ އިސްލާހީ މަސައްކަތުން ލިބުނު އެންމެ އަގުބޮޑު ހައްގު ކަމުގައި ސިފަކުރައްވަމުން ފައްޔާޒް ވިދާޅުވީ، މިއަދު އެ މިނިވަންކަން މަޑުމަޑުން ބީވަމުންދާ ކަމަށެވެ. އަދި ނޫސްވެރިންނާއި އެކްޓިވިސްޓުން ޖަލަށްލަމުންދާ ކަމަށް ތުހުމަތު ކުރައްވައި، އެފަދަ ފަރާތްތައް ވަގުތުން މިނިވަން ކުރުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.
ޒުވާން ޖީލާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ފައްޔާޒް ވިދާޅުވީ، ޒުވާނުން ބޭނުންވަނީ ހަމައެކަނި ޒުވާން މޫނެއް ނޫން ކަމަށާއި، ގައުމުގެ މައްސަލަތަކަށް ހައްލު ހޯދައިދެވޭނެ ފަދަ ގާބިލު ލީޑަރެއް ކަމަށެވެ.
 ”ޒުވާނުން ބޭނުންވަނީ ހަމައެކަނި ޒުވާން މޫނެއް ނޫން، ބޭނުން ވަނީ ހައްލު ހޯދައިދޭނެ ގާބިލް ލީޑަރެއް،“ ފައްޔާޒް ވިދާޅުވިއެވެ.
”ބޮޑު ބަދަލު“ ހަރަކާތުގެ މަގްސަދަކީ ރައްޔިތުންގެ ހަގީގީ ކަންބޮޑުވުންތައް އަޑުއެހުން ކަމަށާއި، ރައީސް މުހައްމަދު ނަޝީދުގެ އިރުޝާދުގެ ދަށުން ހުށަހަޅާ އިސްލާހީ ބަދަލުތަކާއެކު ރާއްޖެއަކީ މިއަށްވުރެ ފާގަތި ތަނަކަށް ހެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާނަހުރި އިސްލާހީ ބަދަލުތަކާއެކު ގައުމު ކުރިއަށް ގެންދަންޖެހޭ ކަމަށް ވިދާޅުވެ ފައްޔާޒްގެ ވާހަކަ ނިންމާލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ