އިސްރާއީލުން ބަންދުކުރި ފްލޮޓިލާގެ އެކްޓިވްސްޓުން ދޫކޮށްލައިފި

އިސްރާއީލުން ޣައްޒާ ހިސާރުކޮށްފައި އޮތް އޮތުން ނައްތާލައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑުމަގުން ދަތުރުކުރި ސުމުދް ފްލޮޓީލާގެ އެކްޓިވިސްޓުން އިސްރާއީލު ސިފައިންގެ ބެލުމުގެ ދަށުގައި ބޭތިއްބުމަށް ފަހު ދޫކޮށްލައިފިއެވެ. އެ މީހުން މިހާރު ވަނީ ތުރުކީގެ ވެރިރަށް އިސްތަންބޫލަށް ގޮސްފައެވެ. އެ އެކްޓިވިސްޓުން އިސްރާއީލުން ފުރައިގެން ދިޔައީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އެ މީހުންގެ އުޅަނދުތައް ހުއްޓުވުމާ ގުޅިގެން ތުރުކީގެ ކޯޑިނޭޝަންގެ ދަށުން ޓާކިޝް އެއާލައިންސްގެ ފްލައިޓްތަކުގައެވެ. ބައެއް އެކްޓިވިސްޓުންނާ ހަވާލާދީ ޓީއާރުޓީ ވޯލްޑުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެކްޓިވިސްޓުން ބަންދުގައި ބައިތިއްބާފައިތިބިއިރު، އެ މީހުންނަށް އިސްރާއީލު ސިފައިން ކަންތައްކުރީ ވަރަށް އަނިޔާވެރިކޮށެވެ. "އަޅުގަނޑުމެންނަށް ޖިސްމާނީ އަނިޔާ ދީ، ގިނަ ދުވަހު ބަންދުގައި ބައިތިއްބައި ބައެއް މީހުންނަށް އަނިޔާވެރި ވެސް ވެފައިވަނީ،" އެކްޓިިވިސްޓަކު ބުންޏެވެ. އެކްޓިވިސްޓް ބުނީ، މި ތަޖުރިބާގެ ސަބަބުން އިސްރާއީލުގެ ޑިޓެންޝަން ފެސިލިޓީތަކުގައި ފަލަސްތީނުގެ މީހުންނާ މެދު އަމަލުކުރާ ގޮތާ މެދު ކަންބޮޑުވާ ކަމަށެވެ. ތުރުކީގެ ކަމާބެހޭ ފަރާތްތަކުން އެކްޓިވިސްޓުންނަށް އިސްތަންބޫލް އެއާޕޯޓުން މަރުހަބާ ކިޔާފައިވާއިރު، އަނިޔާވި ބައެއް މީހުން ވަނީ ފަރުވާ ދިނުމަށް ގެންގޮސްފައެވެ. ތުރުކީގެ 78 ރައްޔިތުން ހިމެނޭ ގޮތަށް 420 އަށް ވުރެ ގިނަ އެކްޓިވިސްޓުން ރަމޮން އެއާޕޯޓުގައި ތުރުކީ އެއާލައިންސްގެ ވަކިވަކި ތިން މަތިންދާބޯޓަކުން ވަނީ ދަތުރުކޮށްފައެވެ. ގްލޯބަލް ސުމޫދު އެހީގެ ފްލޮޓިލާއިން އަންގާރަ ދުވަހު ބުނީ، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދިން ހަމަލާތަކުގައި އެދަތުރުގައި ބައިވެރިވި 50 އުޅަނދު ވެސް އިސްރާއީލުން އަތުލައިގެންފައިވާ ކަމަށެވެ. ސާޅީސް ހަތަރު ގައުމަކުން 428 މީހުންނާ އެކު ދަތުރުކުރި މި ފްލޮޓިލާ މިދިޔަ ބުރާސްފަތި ދުވަހު ތުރުކީގެ މާމަރިސް ޑިސްޓްރިކްޓުން ފުރީ 2007 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ގަވާއިދާ ޚިލާފަށް ޣައްޒާ ހިސާރުކޮށްފައި އޮތް އޮތުން ނައްތާލުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ