ޓްރަމްޕް, ޓައިވާންގެ ލީޑަރާ މަޝްވަރާ ކުރަން އުޅޭ ދަނޑިވަޅެއްގައި ދިވެހި ސަރުކާރުން ޗައިނާއަށް އޮތް ތާއީދު ހާމަކޮށްފި

ދިވެހިރާއްޖޭގެ ސަރުކާރުން "ވަން ޗައިނާ ޕްރިންސިޕަލް" ނުވަތަ އެއް ޗައިނާގެ ސިޔާސަތަށް ދޭ ސާބިތުކަން އަލުން ކަށަވަރުކޮށްދީ، މުޅި ޗައިނާ ތަމްސީލުކުރާ ގާނޫނީ ހަމައެކަނި ސަރުކާރަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު ކަމަށް ބަލައިގަންނަކަން ހާމަކޮށްފި އެވެ. 
ދުނިޔެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ޗައިނާއާ އެކު ސިޔާސީ ގުޅުން ގާއިމުކުރީއްސުރެ ރާއްޖެއިން ގެންގުޅެމުންދާ ދެގޮތެއް ނުވާ ސިޔާސަތު ދަމަހައްޓާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.
"އދ. ގެ އާންމު މަޖިލީހުގެ 2758 ވަނަ ގަރާރާއި ބައިނަލްއަގުވާމީ ގާނޫނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޓައިވާނަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ސަރަހައްދުން ވަކިނުކުރެވޭނެ ބައެއް ކަމަށް ރާއްޖެއިން ގަބޫލުކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.
ޗައިނާއާ އެކު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށާއި ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް ޗައިނާއިން މެދުނުކެނޑި ދެމުންދާ އެހީތެރިކަން ބަލައިގަންނަ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.  
ދިވެހި ސަރުކާރުން މިފަދަ ބަޔާނެއް ނެރިފައިވާ އިރު، މީގެ ކުރިން އަމަލުކުރަމުން ދިޔަ ޑިޕްލޮމެޓިކް ގޮތްތަކާ ހިލާފަށް، ޓައިވާނުގެ ލީޑަރު ލައި ޗިން-ޓޭއާ ސީދާ މަޝްވަރާތަކެއް ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. 
އެމެރިކާ އާއި ޓައިވާނުގެ ލީޑަރުން ސީދާ މަޝްވަރާތަކެއް އެންމެ ފަހުން ބާއްވާފައި ވަނީ 1979 ވަނަ އަހަރުގަ އެވެ. އެއީ ޗައިނާގެ ސަރުކާރު ބަލައިގަތުމަށްޓަކައި، އެމެރިކާއިން ޓައިވާނާއެކު އޮތް ރަސްމީ ގުޅުން ކަނޑާލި އަހަރެވެ.
ޗައިނާގެ ސަރުކާރުން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ސަރަހައްދެކެވެ. އަދި ބާރުގެ ބޭނުންކޮށްގެން ނަމަވެސް އެ ރަށް ހޯދާނެ ކަމުގެ އިންޒާރު ޗައިނާއިން ވަނީ ދީފަ އެވެ. ނަމަވެސް 2024 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޓައިވާނުގެ ރައީސް ލައި ޗިން-ޓޭ އަކީ، ފާއިތުވި އަހަރުތަކުގައި އެ ރަށުގެ ދިފާއީ ބާރު ވަރުގަދަކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވާ ލީޑަރެވެ.
އެމެރިކާއަކީ ޒަމާނުއްސުރެ ޓައިވާނަށް ތާއީދުކުރާ ގައުމެކެވެ. އަދި ޓައިވާނުގެ އަމިއްލަ ދިފާއަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެމެރިކާގެ ގާނޫނުން ލާޒިމުކުރެ އެވެ. މިކަން ކުރަމުންދާއިރު ޗައިނާއާއެކު އޮންނަ ހާރިޖީ ގުޅުން ދެމެހެއްޓުމުގައި އެމެރިކާއިން ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
އެމެރިކާއިން 1979 ވަނަ އަހަރު ފާސްކުރި "ޓައިވާން ރިލޭޝަންސް އެކްޓް" ގައި ބަޔާންކޮށްފައި ވަނީ، ޓައިވާނުގެ ދިފާއަށް ބޭނުންވާ ހަތިޔާރު އެމެރިކާއަށް ފޯރުކޮށްދެވިދާނެ ކަމަށެވެ. އެމެރިކާއިން މިހާރު ވެސް ޓައިވާނަށް ހަތިޔާރު ވިއްކަމުންދަނީ އެ ގާނޫނުގެ ދަށުންނެވެ.
ޓައިވާނަށް 14 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް މިހާރު ވަނީ ހުށަހަޅާފަ އެވެ. މީގެ ތެރޭގައި ޑްރޯންތަކާ ދެކޮޅަށް ބޭނުންކުރާ ސާމާނާއި ވައިގެ ދިފާއީ މިސައިލް ނިޒާމުތައް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނާއިރު، މި މުއާމަލާތް ކުރިއަށް ގެންދިއުމާ މެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ