ހުއްދަ ނުނަގާ އަދި ރަޖިސްޓްރީނުކޮށް ރާއްޖޭގައި 21 ބޭހެއް ވިއްކަމުންދާކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހާމަކޮށްފިއެވެ.
އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ބޭސް އެތެރެކުރުމުގެ ހުއްދަ ނެތި މިފަދަ ބޭސްތައް ވިއްކުމަކީ ސިއްހީ ގޮތުން ބޮޑެތި ނުރައްކާތަކެއް އޮތް ކަމެއް ކަމަށެވެ.
އެމްއެފްޑީއޭއިން ބުނި ގޮތުގައި، ބޭހާ ބެހޭ ގަވާއިދުގެ ދަށުން ރާއްޖެއަށް ބޭސް އިމްޕޯޓް ކުރެވޭނީ އެ އޮތޯރިޓީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި އިމްޕޯޓްކުރާ ބޭސްތަކަކީ ”އެޕްރޫވްޑް ޑްރަގް ލިސްޓު“ ގައި ހިމެނޭ، ރަޖިސްޓްރީކޮށްފައިވާ ބޭސްތަކަކަށް ވާންޖެހޭނެ ކަމަށްވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
ބޭސް އެތެރެކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން އެކި ގޮތްގޮތުން ބޭސް އެތެރެކޮށް، އޮންލައިން ޕްލެޓްފޯމްތަކާއި އާދައިގެ ފިހާރަތަކުގައި ވިއްކަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެމްއެފްޑީއޭއިން ބުނީ މިފަދަ ބޭސްތަކަކީ އޭގައި ހިމެނޭ މާއްދާތައް ކަށަވަރު ކުރެވިފައިވާ ބާވަތްތަކެއް ނޫން ކަމަށާއި، އޭގެ ފެންވަރާއި ރައްކާތެރިކަމުގެ އެއްވެސް ގެރެންޓީއެއް ނެތް ކަމަށެވެ.
އެމްއެފްޑީއޭއިން އާންމުކުރި 21 ބޭހުގެ ލިސްޓުގައި އެންމެ ގިނައީ ޖިންސީ ބަލިކަށިކަމަށް ބޭނުންކުރާ ބޭހާއި ހަންގަނޑު އަލިކުރުމަށް ބޭނުންކުރާ ބޭސްތަކެވެ. އެގޮތުން ޖިންސީ ބަލިކަށިކަމަށް ބޭނުންކުރާ 7 ބޭހެއް އަދި ހަންގަނޑު އަލިކުރާ 6 ބޭހެއް މި ލިސްޓުގައި ހިމެނެއެވެ. މީގެ އިތުރުން، އާންމުންގެ މެދުގައި މަގުބޫލު ”މޫވް ސްޕްރޭ“ އާއި ”މޫވް އޮއިންޓްމަންޓް“ ވެސް ހުއްދަ ނެތި އެތެރެކޮށް ވިއްކާކަން ވަނީ ފާހަގަކުރެވިފައެވެ.
މިފަދަ ގޮތް ނޭނގޭ ބޭސްތައް ބޭނުންކުރުމުން ހީވެސް ނުކުރާ ފަދަ ބޮޑެތި ސިއްހީ މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު އެމްއެފްޑީއޭއިން ވަނީ ދީފައެވެ. އަދި މިކަމާ ގުޅިގެން ”ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ“ ދަށުން އެފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
ހުއްދަ ނުނަގާ ރާއްޖޭގައި 21 ބޭހެއް ވިއްކަމުންދޭ: އެމްއެފްޑީއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ