ދިރާގާއި އެލައިޑް ގުޅިގެން ލިމިޓެއްނެތް ފައިބަރ ޕެކޭޖްތަކާއެކު ހޯމް ކޮންޓެންޓް ތަކަފުލް މުޅިން ހިލޭ

ދިރާގާއި އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދި މޯލްޑިވްސް ގުޅިގެން، ދިރާގު ލިމިޓެއްނެތް ފައިބަރ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް އެލައިޑްގެ ”ހޯމް ކޮންޓެންޓްސް ތަކަފުލް“ އިސްލާމިކް އިންޝުއަރަންސް ޕްލޭން ލިބޭ އަގުހުރި ޕްރޮމޯޝަނެއް ތައާރަފުކޮށްފިއެވެ. މި ޕަރޓްނަޝިޕް ރަސްމީކޮށް އިއުލާނުކޮށްފައިވަނީ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި، މި ޕްރޮމޯޝަން އިއުލާނުކުރުމުގެ އިތުރުން ދިރާގުން ވަނީ އެލައިޑްއަށް ދިރާގުގެ ”އެލީޓް ކްލަބް“ ގެ ޕަރޓްނަރެއްގެ ގޮތުގައި މަރުހަބާ ކިޔައިފައެވެ.
މި ޕްރޮމޯޝަނުގެ ދަށުން، ދިރާގު ލިމިޓެއްނެތް ފައިބަރގެ ކޮންމެ ޕެކޭޖެއް މިހާރުވެސް ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް އަދި މުޅިން އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް، 150،000 ރުފިޔާއާ ހަމައަށް އެލައިޑްގެ ”ހޯމް ކޮންޓެންޓްސް ތަކަފުލް“ ޕްލޭނެއް 1 އަހަރު ދުވަހަށް މުޅިން ހިލޭ ލިބިގެންދާނެއެވެ.
މީގެ އިތުރުން، ދިރާގު ލިމިޓެއްނެތް ފައިބަރ 30އެމް އަދި އެއަށްވުރެ މަތީގެ ޕްލޭންތަކަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ދިރާގުގެ ފަރާތުން ”ސްމާޓްވިއު އިންޑޯ ކެމެރާ“ އެއް މުޅިން ހިލޭ ލިބިގެންދާނެއެވެ. އަދި ދިރާގު ލިމިޓެއްނެތް ފައިބަރ 50އެމް އަދި އެއަށްވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް، މި ކެމެރާގެ އިތުރުން 12 މަސްދުވަހަށް ހިލޭ ”ކްލައުޑް ސްޓޯރޭޖް“ ސަބްސްކްރިޕްޝަން ވެސް ލިބިގެންދާނެއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިރާގުގެ އެސިސްޓަންޓް މެނޭޖަރ ޕީ.އާރް އެންޑް ސްޕޮންސަރޝިޕްސް، ނަޝާޔާ ނަޢީމް ވިދާޅުވިގޮތުގައި، ”ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންގެންދަނީ ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމުގެ އިތުރުން، މި ފަދަ ޕަރޓްނަރޝިޕްތައް މެދުވެރިކޮށް ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަން ގެނެސްދިނުމަށް. މި ގޮތުން، އަޅުގަނޑުމެންގެ މަގުސަދަކީ މި ޕްރޮމޯޝަންގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް އިތުބާރުހިފޭ ހައި-ސްޕީޑް އިންޓަރނެޓް ފޯރުކޮށްދިނުމުގެ އިތުރުން ގޭތެރޭގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެހީތެރިވެދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް އިތުރު ފައިދާތައް ހޯދައިދިނުން“.
އެލައިޑްގެ ފަރާތުން ވާހަކަދައްކަވަމުން އެލައިޑް ތަކަފުލްގެ މެނޭޖަރ ފާތިމަތު ނިޒްމާ ވިދާޅުވިގޮތުގައި، ”ދިރާގާއި ގުޅިގެން ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ވެސް ފުރުސަތު ހުޅުވައިލައިގެން، ބޭނުންތެރި އަދި ފަސޭހައިން ލިބޭނެ ރައްކާތެރިކަމުގެ ހައްލުތަކެއް ފޯރުކޮށްދިނުމުގެ މަގު ފަހި ކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ގޮތުން، އިންޝުއަރެންސްގެ ދާއިރާގައި އެލައިޑްގެ ތަޖުރިބާ އަދި ހިދުމަތްތަކާއި،  ދިރާގުން މުޅި ރާއްޖެއަށް ފުޅާކޮށްފައިވާ ފައިބަރގެ ނިޒާމުގެ އެހީގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ އިތުރުން، ދިގު މުއްދަތަކަށް އެ ފަރާތްތަކުގެ ދިރިއުޅުން ވެސް އިތުރަށް ފުރިހަމަވެގެންދިއުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް“.
އެލައިޑްގެ ”ހޯމް ކޮންޓެންޓްސް ތަކަފުލް“ ޕްލޭންގެ އެހީގައި، ގޭތެރޭގައި ހުންނަ ސާމާނާއި، ހަރުކޮށްފައި ހުންނަ ތަކެއްޗާއި، ފަރުނީޗަރު ފަދަ ތަކެއްޗަށް ލިބޭ ގެއްލުންތަކުން ރައްކާތެރިކަން ލިބޭނެއެވެ. މީގެ ތެރޭގައި އަލިފާނުގެ ހާދިސާތަކާއި، ވައްކަމާއި، އުދައެރުމާއި، ފެންބޮޑުވުން ފަދަ ކަންކަމުން ލިބޭ ގެއްލުންތައް ހިމެނެއެވެ. މި ޕްލޭނަކީ ކުއްލިއަކަށް ދިމާވާ މި ފަދަ ހާދިސާތަކުގެ ސަބަބުން ލިބޭ މާލީ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވެ، އާއިލާތަކަށް ހިތްހަމަޖެހުމާއި ރައްކާތެރިކަން ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.
ދިރާގުން ފޯރުކޮށްދޭ ”ސްމާޓްވިއު“ އިންޑޯ ކެމެރާ އަކީ 1080ޕީ ފުލް އެޗްޑީ ކޮލިޓީގައި، ރޭގަނޑު ވެސް ސާފުކޮށް މަންޒަރު ފެންނަ ގޮތަށް ފަރުމާކޮށްފައިވާ ކެމެރާއެކެވެ. މި ކެމެރާ 360 ޑިގްރީއަށް އަނބުރާލެވޭއިރު، އޭއައި މެދުވެރިކޮށް ހަރަކާތްތައް ދެނެގަނެ ވަގުތުން އެލާޓް ފޮނުވައިދިނުމުގެ ގާބިލުކަން ލިބިގެންވެއެވެ. މީގެ އިތުރުން، ދެކޮޅަށް ވާހަކަދެއްކޭ އޯޑިއޯ ނިޒާމެއް ހިމެނޭތީ، ކޮންމެ ތަނެއްގައި ހުރެގެން ވެސް ގޭގައި ތިބޭ އާއިލާގެ މެންބަރުންނާ ނުވަތަ ޒިޔާރަތްކުރާ މީހުންނާ ވާހަކަދައްކައި، ކަންކަން ބަލައިލެވޭނެއެވެ.
ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި 19 އޮގަސްޓު 2026ގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ. އަދި، ދިރާގުގެ ލިމިޓެއްނެޓް ފައިބަރ ޕްލޭންތައް ބޭނުންކުރަމުންގެންދާ އަދި އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުން ”ހޯމް ކޮންޓެންޓްސް ތަކަފުލް“ ޕްލޭންގެ ވައުޗަރ ހޯދައި އެކްޓިވޭޓްކުރާނެ ގޮތުގެ މައުލޫމާތު ދިރާގު ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ދިރާގު އެލީޓް ކްލަބްގެ މެންބަރުންނަށް އެލައިޑް ތަކަފުލްގެ ވަކި ހާއްސަ ޕްލޭންތަކަކުން 10 ޕަސެންޓު އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މީގެ ތެރޭގައި މޯޓަރ ކޮމްޕްރިހެންސިވް ޕްލޭން، ހޯމް ކޮންޓެންޓްސް ޕްލޭން، ހިޔާވަހި، އަދި ފެމިލީ ތަކަފުލް ޕްލޭން ހިމެނެއެވެ. މި ގޮތުން، އެލައިޑްގެ ކަސްޓަމާ ކެއަރ ނުވަތަ ސޭލްސް ޗެނަލްތަކުން ހިދުމަތަށް އެދޭއިރު ދިރާގު އެލީޓް ކްލަބްގެ ޑިޖިޓަލް ކާޑު ދެއްކުމުން މި ޑިސްކައުންޓްތައް ލިބިގެންދާނެއެވެ.
ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 100 ފަސެންޓު ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ފަހި ކޮށްދިން ފުރަތަމަ އަދި ހަމައެކަނި މުވާސަލާތީ ކުންފުނި ކަމުގައިވާ ދިރާގުން ދަނީ މުޅި ރާއްޖެ ގުޅާލުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން، ދިރާގާއި އެލައިޑާ ގުޅިގެން ތައާރަފްކޮށްފައިވާ މި ޕްރޮމޯޝަނަކީ ހައި-ސްޕީޑް އިންޓަރނެޓާއެކު ގޭތެރޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބުނު އަގުހުރި ފުރުސަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ