ރިޔާސީ ޕްރައިމަރީ ހިންގުމުގެ ބާރު ޗެއާޕާސަނަކަށް ނެތް: ފައްޔާޒު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ބާރެއް އެ ޕާޓީގެ ޗެއާޕާސަނަށް ލިބިގެން ނުވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވަމުން ގެންދަވާ އަހްމަދު މީކާއިލް ތަކުރާރުކޮށް ދައްކަވަމުން ގެންދަވާ ވާހަކައަކަށް ރައްދުދެއްވަމުންނެވެ.
ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި މީކާއިލްއާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. އެމަނިކުފާނު ގެންދަވަނީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ ފައްޔާޒަށް ތާއީދުކުރައްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
މީކާއިލް ތުހުމަތު ކުރައްވާ ގޮތުގައި ރިޔާސީ ޕްރައިމަރީއެއްގައި ވާދަކުރައްވާ ކެންޑިޑޭޓަކަށް ތާއީދުކުރައްވާ ޗެއާޕާސަނަކާ އެކު ރިޔާސީ ޕްރައިމަރީ މިނިވަން އިންސާފުވެރިކަމާއެކު ކުރިއަކަށް ނުގެންދެވޭނެ އެވެ. އަދި އެމްޑީޕީގެ ޗެއާޕާސަނަކަށް އަންނަ މީހަކު ހުންނަންވާނީ ވަކި އަތަކަށް ނުޖެހި ސީދާ ޕާޓީ ހިންގުމަށް ހުސްވެގެން ކަމަށްވެސް މީކާއިލް ގެންދަނީ ވިދާޅުވަމުންނެވެ.
މީގެއިތުރުން ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށްގެން ހުންނެވި ބޭފުޅަކު އެމްޑީޕީގެ ޗެއާޕާސަނަކަށް ހޮވައިފިނަމަ އެމްޑީޕީ ބައިބައިވެ 2028ގެ ރިޔާސީ އިންތިހާބު އެ ޕާޓީއަށް ގެއްލޭނެ ކަމަށްވެސް މީކާއިލް ވިދާޅުވެފައިވެ އެވެ.
ފުވައްމުލަކުގައި ރޭ ބޭއްވި ރައީސް ނަޝީދުގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައްޔާޒު ވަނީ ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ ތެރޭގައި މަސައްކަތްތައް ކުރިއަށްދާ ގޮތް މީކާއިލަށް އެނގިވަޑައިގަންނަވާތޯ ސުވާލު އުފައްދަވާފަ އެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަނަކީ ރިޔާސީ ޕްރައިމަރީ ހިންގަން ހުންނަ ބޭފުޅެއް ނޫން ކަމަށް ފައްޔާޒު ވިދާލުވި އެވެ.
"ވަރަށް ސާފުކޮށް އަސާސީ ގަވާއިދުގައި އޮންނަނީ މުޅިން މިނިވަންކޮށް، ޗެއާޕާސަނާއި މުޅިން މިނިވަންކޮށް ނަގާ ކޮމިޓީއަކުން ހިންގާ ކަމެކޭ. ޗެއާޕާސަނަކަށް އޭގެ މައްޗަށް ނުފޫޒު ފޯރުވުމަކީ އަސާސީ ގަވާއިދާ ހިލާފު ކަމެއް،" އޭނާ ވިދާޅުވި އެވެ.
މީކާއިލްގެ ކެމްޕޭންގައި ވާހަކަދައްކަވަނީ ރިޔާސީ ޕްރައިމަރީއަށް ނުފޫޒު ފޯރާ ގޮތަށް ކަމަށްވެސް ފައްޔާޒު ތުހުމަތު ކުރެއްވި އެވެ.
ފައްޔާޒު ވިދާޅުވީ މީކާއިލް ދައްކަވަނީ ގައުމުގެ ހާލަތަށް ވުރެ މާކުދިކުދި ވާހަކަތަކެއް ކަމަށެވެ. ގައުމު އޮތީ ވަރަށް ބޮޑަށް ބަދަލުކުރަންޖެހޭ ހާލަތެއްގައި ކަމަށާއި އެމްޑީޕީން އެ މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
"އެމްޑީޕީގައި ޒުވާނުންނަށް ފުރުސަތުތައް ހުރި ކަމުގެ ތަސައްވުރެއް އެބައޮތް. 2028 ލިބޭނީ އެފަދަ ކަންކަން ކޮށްގެން،" ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު އޮންނާނީ ކުރިއަށް އޮތް ޖޫން 12 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ