މެދުއިރުމަތީގައި ފެށިގެން އުޅޭ ހަނގުރާމައިގެ ސަބަބުން ސްރީ ލަންކާގެ ފައިސާގެ އަގު ދަށަށް ގޮސް، އިގްތިސާދީ ގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތަކުން ސަލާމަތްވުމަށްޓަކައި އެ ގައުމަށް ވެހިކަލް އެތެރެކުރާ މިންވަރު މަދުކުރުމުގެ ގޮތުން، ކަސްޓަމްސް ޑިއުޓީން %50 ގެ ސަޗާޖެއް (އިތުރު ޓެކްހެއް) ނަގަން އެ ގައުމުގެ ސަރުކާރުން ނިންމައި އެކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
ލަންކާ ސަރުކާރުން މި ފިޔަވަޅު އަޅަން މަޖުބޫރުވީ، އީރާނަށް އެމެރިކާ އާއި އިސްރާއީލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުން އެ ގައުމުގެ ފައިސާ، ލަންކާ ރުޕީސްގެ އަގު ބޭރުގެ ބާޒާރުގައި ވަރަށް ބޮޑަށް ވެއްޓެމުންދާ ދަނޑިވަޅެއްގައެވެ.
ޖޫނިއާ ފައިނޭންސް މިނިސްޓަރު އަނިލް ޖަޔަންތަ ފެނާންޑޯ ކޮލަމްބޯގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބޭރު ފައިސާގެ ރިޒާވަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމަށް ބަލައި، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ވެހިކަލް އެތެރެކުރުން ފަސްކުރުމަކީ ސަރުކާރުން އެންމެ އެދޭ ގޮތް ކަމަށެވެ.
ސްރީ ލަންކާގައި މިހާރު ވެސް ވެހިކަލްތަކުން %30 ގެ ކަސްޓަމްސް ޑިއުޓީއެއް ނަގަމުންދާއިރު، އަލަށް މި އިތުރުކުރި ސަޗާޖާއި އެހެނިހެން ޓެކްސްތަކާ އެކު، އެ ގައުމަށް ކާރެއް އެތެރެކުރާއިރު ދައްކަންޖެހޭ ޖުމްލަ ޓެކްސް %100 އަށް ވުރެ މައްޗަށް އަރާނެއެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ލަންކާގެ ހަކަތައިގެ ބާޒާރަށް ވެސް ކޮށްފައިވާއިރު، އެ ގައުމުން މިހާރު ވަނީ ތެލުގެ އަގު ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑުކޮށް، އިމްޕޯޓް ހަރަދުތައް ހިފެހެއްޓުމުގެ ގޮތުން ޑީސަލާއި ޕެޓްރޯލް ލިމިޓްކޮށްގެން ދޫކުރަން ފަށައިފައެވެ.
ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ ބާޒާރުގައި މިއަހަރުގެ މިހާތަނަށް އެމެރިކާ ޑޮލަރާ އަޅާބަލާއިރު ލަންކާ ރުޕީސްގެ އަގު ވަނީ %4.5 ދަށަށް ގޮސްފައެވެ.
އެ ގައުމުގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު ނަންދަލާލް ވީރަސިންހަ މިދިޔަ ހަފުތާގައި ބަރުލަމާންގެ ޕެނަލެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ތިރިނުވާ ނަމަ ނުވަތަ ލަންކާއިން އެތެރެކުރާ ހަކަތައިގެ މިންވަރު މަދުނުކުރެވޭ ނަމަ، ފައިސާގެ އަގު އިތުރަށް ވެއްޓުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ސްރީ ލަންކާއަކީ 2022 ވަނަ އަހަރު އެ ގައުމުގެ ތާރީހުގައި ދުށް އެންމެ ނުރައްކާތެރި އިގްތިސާދީ ކާރިސާއާ ކުރިމަތިލައި، ކާބޯތަކެއްޗާއި ބޭހާއި ތެޔޮ ފަދަ ޒަރޫރީ ތަކެތި އެތެރެކުރާނެ ބޭރު ފައިސާ ހުސްވުމުގެ ސަބަބުން ބޮޑެތި ހަލަބޮލިކަމެއްގެ ތެރެއިން ސަލާމަތްވާން މަސައްކަތް ކުރަމުންދާ ގައުމެކެވެ.
އެ ހީނަރުކަމުން އަރައިގަތުމަށްޓަކައި އެ ގައުމުން މިހާރު އަންނަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ދޫކޮށްފައިވާ 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕްރޮގްރާމެއްގެ ދަށުން އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް އަޅަމުންނެވެ.
ހަނގުރާމައާ އެކު އިގްތިސާދީ ނުރައްކާ ބޮޑުވެ، ލަންކާއިން ވެހިކަލް އިމްޕޯޓް ޑިއުޓީ ބޮޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ