ސައިކަލެއް ވަގަށް ނެގުމުގެ ތުހުމަތުގައި ހައްޔަރުކުރުމުން ބުނީ ރައްޓެއްސަކު ދިން އެއްޗެއް ކަމަށް

ވަރަށް އުނދަގުލުން ތަޅު ހުޅުވައިގެން ސައިކަލެއް ވަގަށް ނެގުމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން، އެއީ ރައްޓެއްސަކު ދިން އެއްޗެއް ކަމަށް ކްރިމިނަލް ކޯޓުގައި އިއްޔެ ބުނެފިއެވެ. މި މައްސަލައިގައި ހައްޔަރުކުރީ 44 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ވަނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުނެފައެވެ. ދެ މީހުންނަށް ތުހުމަތުވަނީ ސައިކަލެއް ވަގަށް ނެގި ކަމަށެވެ. ކޯޓުގައި ދެ މީހުން ވެސް ވަނީ އެ ސައިކަލަކީ ދެކެފަރިތަ ރައްޓެއްސަކު ދިން ސައިކަލެއް ކަމަށާއި އެ މީހާގެ ފުރިހަމަ މައުލޫމާތު ނޭނގޭ ކަމަށެވެ. އެކަމަކު، ދެ މީހުން ވަރަށް އުނދަގުލުން ސައިކަލު ހުޅުވައިގެން އެއަށް އެރި މަންޒަރު މީހަކަށް ފެނުނު ކަމަށް ފުލުހުން ކޯޓުގައި ފާހަގަކޮށްފައިވެއެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންނަކީ ވެސް ވައްކަމުގެ ކުށުގެ ރިކޯޑު އޮތް ދެ މީހުންނެވެ. އެހެންވެ، މައްސަލައިގައި ތުހުމަތުކުރެވޭ މިންވަރަށް ހެކިހުރުމުން ކްރިމިނަލް ކޯޓުން ވަނީ ދެ މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ