ޑޮލަރު ތާށިކަން އިންތިހާއަށް ބޮޑުވެ، އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރެއް ގަންނަން ލިބޭ އަގު 20ރ. އަށް އަރާފައިވާއިރު ވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ފިއްލައިގެން އުޅޭތީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.
މިއަދު މަޖިލީހުގައި ކުރިއަށްދަނީ "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނު" ގެ ބިލުގެ ބަހުސް އެވެ. އެ ބަހުސްގެ ތެރެއިން ބައެއް މެންބަރުން ވަނީ ރާއްޖޭގެ މިވަގުތު އޮތް އިގުތިސޯދީ ހާލަަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"ޑޮލަރުގެ އަގު އަޅުގަނޑުމެން ހީނުކުރާ ހިސާބަށް މައްޗަށް އަރައިފި. ހުވަފެނަކުން ނުދެކޭ މިންވަރަށް މައްޗަށް އަރައިފި. އަދިވެސް ދަނީ މައްޗަށް،" ކެންދޫ ދާއިރާގެ މެންބަރު މައުރޫޒް ޒާކިރު (މަޓޭ) ވިދާޅުވި އެވެ.
މިއީ ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރަށް ފަހު ޑޮލަރެެއްގެ އަގު މިހާ މަތިވީ ފުރަތަމަ ފަހަރެވެ. އަދި މިއީ އެންމެ ގިނަ ދުވަސްތަކެއް ވަންދެން ޑޮލަރުގެ އަގު ނުވެއްޓި މިހާ މަތީގައި ހުރި ފުރަތަމަ ފަހަރު ވެސް މެ އެވެ. އެމްއެމްއޭގެ ގަވަރުނަރުގެ ޒިންމާއެއް އެކަމުގައި އޮތް ކަމަށް މެންބަރުން ވިދާޅުވި އެވެ.
"މި ފެންނަނީ މާލީ ސިޔާސަތު ގޯސްވެ އެމްއެމްއޭގެ ގަވަރުނަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި އެ ބޭފުޅާ މަގާމުން ވަކިކުރަން ޖެހޭ ހާލަތަށް ދާތަން. މިއަދުގެ މިހާލަތަށް ގައުމުގެ މާލީ ހާލަތު ދާއިރު ބަހެއް ވިދާޅު ނުވެ އެ ހުންނަވަނީ. ކިހިނަކުންތޯ ޒިންމާ އަދާކުރެވޭނީ؟،" އެމްއެމްއޭގެ ގަވަރުނަރާ މެދު ނުރުހުން ފާޅުކުރައްވަމުން މަޓޭ ވިދާޅުވި އެވެ.
އެމްއެމްއޭގެ ގަވަރުނަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖެހޭ ކަމަށާއި ގައުމުގެ މާލީ ހާލަތު މިހާ ދަށްވެގެން ދާއިރު ވެސް ބަހެއް ވިދާޅުނުވާ ކަމަށް މަޓޭ ވިދާޅުވި އެވެ. އޭނާ ވަނީ އެމްއެމްއޭގެ ގަވަރުނަރު މަޖިލީހަށް ހާޒިރު ކުރުމަށް އެމްޑީޕީއަށް ނިސްބަތްވާ މަޓޭ ގޮވާލެއްވި އެވެ.
"ހާއްސަކޮށް މި ޑޮލަރުގެ މައްސަލާގައި އެމްއެމްއޭގެ ގަވަރުނަރު ސައިލެންޓް ކަމަށް ގަބޫލުކުރަނީ. އެމަނިކުފާނަކީ ގާނޫނުގެ ތެރެއިން މަނިޓަރީ ޕޮލިސީ، މަނިޓަރީ ސިޔާސަތު ކަނޑައަޅައި އެ ސިޔާސަތު ރެގިއުލޭޓް ކުރަން ހުންނަ ފަރާތް. އެކަމަކު މިހާ ބޮޑު ހައްސާސް ދަނޑިވަޅެއްގައި ވެސް ހޭވެސް އަރުވާނުލާ އެ ބޭފުޅާ އެބަ އުޅުއްވާ،" އެމްޑީޕީއަށް ނިސްބަތްވާ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވި އެވެ.
މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) ގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް ވަނީ އެމްއެމްއޭގެ ގަވަރުނަރާ މެދު ނުރުހުން ފާޅުކުރައްވާފަ އެވެ.
"މިއަދު 20 ރުފިޔާއަށް ޑޮލަރުގެ ރޭޓު މައްޗަށް އަރައިގެން މި ދަނީ. އަޅުގަނޑުމެންގެ އެމްއެމްއޭގެ ގަވަރުނަރު އެބަ ހުންނެވި ބަހެސް ވެސް ވިދާޅު ނުވެ އިއްޒަތްތެރި ރައީސް. ޑޮލަރުގެ އަގު ކަޅު ބާޒާރުގައި 20 އެރީމައި އިންފްލޭޝަން ރޭޓު މައްޗަށް މިދަނީ. ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެގެން މިދަނީ،" އައްބާސް ވިދާޅުވި އެވެ.
އާންމުންނާއި ވިޔަފާރިތަކަށް ޑޮލަރެއް ގަންނަން ލިބޭ އަގު 20ރ. އަށް އަރާފައިވާއިރު، މި އަހަރުގެ ފުރަތަމަ ބައި ނިމުނުއިރު ދައުލަތަށް ލިބުނު ޑޮލަރު އާމްދަނީ އޭގެ ކުރީ އަހަރަށް ވުރެ 37 ޕަސެންޓު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން އެނގެ އެވެ.
މީރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މަންތުލީ ސްޓްޓިސްޓިކްސް ރިޕޯޓުގައިވާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ޓެކުހާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ޑޮލަރުން ލިބުނު ޖުމްލަ އާމްދަނީ 772 މިލިއަން ޑޮލަރަށް އަރަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 562 މިލިއަން ޑޮލަރެވެ.
ދައުލަތަށް ޑޮލަރު ވަންނަ އަދަދު އިތުރުވީ ނަމަވެސް މީގެ ފައިސާއެއް އިގުތިސޯދަކުން އަދި ނުފެނެ އެވެ. ބައެއް މާހިރުން ބުނާ ގޮތުގައި ޑޮލަރުގެ އަގު މިހާ ބޮޑަށް އުފުލުނީ ވެސް، އިގުތިސޯދަށް ވަންނަ ޑޮލަރުގެ ބޮޑު ބަޔެއްގެ ސަރުކާރަށް ނަގައިގެން އިގުތިސޯދަށް ވަންނަ ޑޮލަރު ސަޕްލައި ކޮންޓްރޯލް ކުރަން ހަދައިގެންނެވެ.
ޑޮލަރު ތާށިކަމާ މެދު އާންމުންނާއި ވިޔަފާރިވެރިންގެ ކަންބޮޑުވުން ހުއްޓަސް ސަރުކާރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ބުނަނީ، ރަސްމީ ރޭޓަށް ޑޮލަރުގެ އަގު ތިރިކުރެވޭނީ މިހާރު ތަންފީޒުކުރަމުން އަންނަ ބޭރު ފައިސާގެ ސިޔާސަތުތައް ތަންފީޒުކޮށްގެން ކަމަށެވެ. އަދި 2027 ވަނަ އަހަރުގެ ތެރޭގައި ރަސްމީ ރޭޓަށް ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ސަރުކާރުން ވަރަށް ބޮޑަށް ޔަގީންކަން ދެ އެވެ.
ޑޮލަރުގެ އަގު 20ރ. އަށް އެރިއިރު ވެސް އެމްއެމްއޭގެ ގަވަރުނަރު ފިލައިގެން އުޅޭތީ މެންބަރުންގެ ނުރުހުން ޑޮލަރުގެ އަގު 20ރ. އަށް އެރިއިރު ވެސް އެމްއެމްއޭގެ ގަވަރުނަރު ފިލައިގެން އުޅޭތީ މެންބަރުންގެ ނުރުހުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ