ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ އަރި ޒޯނުގެ ސެމީ ފައިނަލުން ބާސެލޯ ވޭލް ލެގޫން މޯލްޑިވްސް އާއި ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ ޖާގަ ހޯދައިފި އެވެ.
މި މުބާރާތުގެ ލީގު ބުރުގެ އެއް ވަނަ ޓީމުގެ ގޮތުގައި ކޮންރެޑް މޯލްޑިވްސް އިން ވަނީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފަ އެވެ.
އިއްޔެ ކުޅުނު ލީގު ބުރުގެ ފަހު މެޗުގައި ބާސެލޯ އިން ކުރަމަތި މޯލްޑިވްސް 4-0 ގެ ނަތީޖާ އަކުން ބަލިކޮށް ލީގު ބުރުގެ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ބާސެލޯ ވަނީ މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކޮށްފަ އެވެ. އެކަމަކު، އެ ފަހަރު ކޮންރެޑް އަތުން ބަލިވީ އެވެ.
މި މެޗުގެ ލީޑު ބާސެލޯ އިން ނެގީ މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނިޓްގައި އުސައިދު އަލީ ޖެހި ގޯލުންނެވެ. އަދި، މެޗުގެ 34 ވަނަ މިނިޓްގައި ބާސެލޯ އަށް ލީޑު ފުޅާކޮށްދިނީ އަހުމަދު ނަސީރު އަބްދުލް ހަކީމް ޖެހި ގޯލުންނެވެ.
އޭގެ ތިން މިނިޓް ފަހުން އުސައިދު ވަނީ އިތުރު ގޯލެއް ޖަހައިފަ އެވެ. އަދި، މެޗުގައި ބާސެލޯ އިން ޖެހި ފަހު ގޯލު މެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު މައިސޫން އެވެ.
މީގެ އިތުރުން އަރި ޒޯނުގެ ސެމީގެ ފަހު ޖާގަ ލިލީ ބީޗް އިން ޔަގީން ކުރީ ވިލަމެންދޫ އާއި ވާދަކޮށް 1-1 ގެ ނަތީޖާ އަކުން އެއްވަރު ކޮށްގެންނެވެ.
މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ވިލަމެންދޫ އިންނެވެ. މެޗުގެ 12 ވަނަ މިނިޓްގައި މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ފާއިޒް އެވެ. އެކަމަކު މެޗުގެ 31 ވަނަ މިނިޓްގައި އިސްމާއިލް ޒަޔާން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
ރިސޯޓް ލީގުގެ އަރި ޒޯނުގެ އެންމެ ކާމިޔާބު ޓީމަކީ ކޮންރެޑް މޯލްޑިވްސް އެވެ. ކޮންރެޑުން ވަނީ އަރި ޒޯނުގެ ތަށި ހަތް ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން މި ޒޯނުގެ ތަށި ސަން އައިލަންޑުން ދެ ފަހަރު ހޯދިއިރު، ވިލަމެންދޫ އިން ވަނީ އެއް ފަހަރު މި ޒޯނުގެ ތަށި ހޯދައިފަ އެވެ.
އަރި ޒޯނުގައި މި ފަހަރު ޖުމްލަ ފަސް ރިސޯޓުން ވާދަކުރާނެ އެވެ. އެއީ މި ޒޯނުގެ މެޗުތައް ކުރިއަށްދާ ރިސޯޓް ކޮންރެޑް މޯލްޑިވްސްގެ އިތުރުން، ބާސެލޯ، ވިލަމެންދޫ، ކުރަމަތި އަދި ލިލީ ބީޗް އެވެ.
ރިސޯޓް ލީގު: އަރި ޒޯނުގެ ސެމީގައި ލިލީ ބީޗް އާއި ބާސެލޯ ރިސޯޓް ލީގު: އަރި ޒޯނުގެ ސެމީގައި ލިލީ ބީޗް އާއި ބާސެލޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ