ހަމަޖެހުން ގާއިމްކުރަން ރާއްޖޭގެ އެހީތެރިކަން އީރާނަށް ލިބޭނެ: ރައީސް
މެދުއިރުމަތީގައި މިހާރު އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ނުތަނަވަސްކަން ކުޑަކޮށް، އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.ރައީސް އެގޮތަށް ވިދާޅުވީ އީރާނުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ޑރ. އަލީރިޒާ ދެލްކޯޝްގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވުމަށް ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތަށްފަހު ދެ ބޭފުޅުން ކުރެއްވި މަޝްވަރާތަކުގަ އެވެ.އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގާއިމުކުރަން ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމަށެވެ.ސަފީރު ދެއްކެވި ވާހަކައިގައި ރައީސް މުއިއްޒު މިފަދަ ކަންކަމުގައި ގެންގުޅުއްވާ ސިޔާސަތަށް ތައުރީފު ކުރައްވައި އީރާނުގެ ލީޑަޝިޕްގެ ނަމުގައި ޝުކުރު އަދާކުރެއްވި އެވެ.އިޒްރޭލުން އީރާނަށް ދެމުންގެންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވަރަށް ބޮޑަށް ހިލާފު ހަމަލާތަކެއް ކަމުގައި ވިދާޅުވެ، ރައީސް މުއިއްޒު މީގެ ކުރިން އެ ހަމަލާތައް ކުށްވެރިކުރައްވާފައިވެ އެވެ.އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން މި މަހުގެ 13ވީ ހުކުރު ދުވަހު ދޭން ފެށި ހަމަލާތަކުގެ ރައްދު އީރާނުން ވެސް ދޭން ފަށާފައިވާއިރު، ހަމަލާތައް ބަދަލުކުރާތާ މިއީ ދެވަނަ ހަފުތާއެވެ. އިޒްރޭލު ބުނާގޮތުން އެ ހަމަލާތައް ދިނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ހަލާކުކޮށްލުމަށާއި އީރާނުގެ އަސްކަރީ މަސްއޫލުވެރިންނާއި ނިއުކްލިޔާ ސައިންޓިސްޓުން އަވަހާރަކޮށްލުމަށް އަމާޒުކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ