ގާސިމަށް އަނިޔާވެރިވީއޭ ވިދާޅުވަނީ ރަށްތަކާއި ފަޅުތައް ނުދިނީމާ: ޔާމީން

އެ މަނިކުފާނު އަނިޔާވެރިވެވީ ކަމަށް ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވަނީ، އެ މަނިކުފާނުގެ ވެރިކަމުގައި، ކުރީ ސަރުކާރުތަކުން ގާސިމަށް ދިންހެން ރަށްތަކާއި ފަޅުތައް ނުދިނީމާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ރޭ ވިދާޅުވެއްޖެއެވެ. ކާޑެއްދޫ އެއާޕޯޓުގެ މައްސަލައިގައި ޔާމީނާއި، ގާސިމާ ދެމެދު ވަރަށް ހޫނު ބަހުގެ ހަމަލަތައް އަންނަނީ ބަދަލުކުރައްވަމުންނެވެ. އެގޮތުން، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ވޭކްއަޕް ޖަލްސާގައި ޔާމީން ވަނީ އެއާޕޯޓުގެ ލީސް އެގްރިމަންޓު ބާތިލުކޮށް ދައުލަތަށް ނަގަނީ، ވިލާ އެއާއިން ދައުލަތަށް ދައްކަންޖެހޭ 33 މިލިއަން ޑޮލަރުގެ ޓެކްސް ފައިސާ މައާފުކުރާ ގޮތަށްކަމަށް ވިދާޅުވެފައެވެ. ގާސިމް ވަނީ ޔާމީންގެ އެ ތުހުމަތުތައް ދޮގު ވެސް ކުރައްވައިފައެވެ. އޭގެ ފަހުން ނެރުއްވި ބަޔާނެއްގައި ގާސިމް ވިދާޅުވީ ޔާމީނަކީ ޒާތީ ހަސަދަވެރިއެއް ކަމަށެވެ. އަދި، ޔާމީން އޭނާގެ ވިޔަފާރިތަކުގެ އަގު ވެއްޓުމަށާއި، އާއިލާ ނިކަމެތިކުރަން "ކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެ" ކަމަށް ވެސް ވިދާޅުވެފައެވެ. https://sun.mv/210345 އެ ވާހަަކަތަކަށް ރައްދު ދެއްވަމުން ރޭ ޔާމީން ވިދާޅުވީ، ގާސިމަށް، އެ މަނިކުފާނު އަނިޔާވެެރިއަަކަށްވީ ކުރީ ސަރުކާރުތަކުން އެ މަނިކުފާނަށް ފަޅާއި ފަޅު ރަށްތައް ދިން ގޮތަށް އެ މަނިކުފާނުގެ ވެރިކަމުގައި ނުދިނުމުން ކަމަށެވެ. "އަޅުގަނޑު ގާސިމަށް ހަނދާންކޮށްލަދޭން ބޭނުންވަނީ، މިއަދު ވެސް އަޑުގަދަކޮށްފައި މި ބުނަނީ ތިމަންނާއަށް އެންމެ އަނިޔާވެރިކޮށް ކަންތައް ކުރީ ރައީސް ޔާމީނޭ. އެ ކީއްވެ އަނިޔާވެރިވީ؟ އެއީ އެހެން ސަރުކާރުތަކުން ދިން ހެން ފަޅުތަކާއި ރަށްތަކާ ނަގާފައި ނުދިނީމާ،" ޔާމީން ވިދާޅުވިއެވެ. ޔާމީން ވަނީ ކުރީގެ ރައިސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ގާސިމް ޖަލުގައި އޮންނެވިއިރު ބޭސްކުރަން ރާއްޖޭން ބޭރަށް ދާން އުޅުއްވަން ޖެހިވަޑައިގެންނެވި ހާލު ހަނދާންކޮށްދެއްވައިފައެވެ. އެގޮތުން، ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ޖެހިވަޑައިގަތީ އޭނާގެ މިލްކިއްޔާތުގެ އެއްބައި ދައުލަތުގައި ރަހުނުގެ ގޮތުގައި ބަހައްޓާފައި ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީންގެ ވެރިކަމުގައި ގާސިމް ކިރިމިނަލް ކޯޓަށް ހާޒިރުކުރުން ---- ސަން ފޮޓޯ/ ފަޔާޒު މޫސާ ނަމަވެސް، އެ މަނިކުފާނުގެ ވެރިކަމުގައި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދިންކަން ސާބިތުވެގެން ތިން އަހަރާއި ދެމަހާއި 12 ދުވަހުގެ ޖަލު ހުކުުމުގައި ހުންނަވަނިކޮށް، ބޭސް ފަރުވާއަަށް ވަޑައިގަަތުމަށް ހުރަސް ނާޅުއްވާ ކަމަށް ޔާމީން ވިދާޅުވިއެވެ. "މިއޮއް ބޮޑު ކަންތައްގަނޑުގައި ގާސިމް ބޭހަށް ދާންވީމާ ކިހިނެއްތޯ ކަންތައްވީ. އޭނާގެ މުދަލުގައި އެންމެ އެއްޗެއް ވެސް ރަހުނުގައި ބެހެއްޓިތޯ. އެއްކަލަ އަނިޔާވެރިވީ މީހާއޭ ގާސިމް ފުރުވާލީ. އޭނާ ގޮސް ބޭރުގައި ނޫންތޯ ހުރީ ވެރިކަން ބަދަލުވަންދެން. ހަމަ ބޭރުގައޭ ހުރީ. އެހެންވީމާ އަނިޔާވެރިވުމުގެ ވާހަކަ [ނުދައްކައި]. އެ މީހުން ހިތަށް އަރަނީ ކަންނޭނގެ އެ މީހުން އެކަންޏޭ ހަނދާން ހުންނާނީ،" ޔާމީން ވިދާޅުވިއެވެ. އެ މަނިކުފާނު ވަނީ ގާސިމާމެދު ކަންތައްވެފައި އޮތް ގޮތް އޭނާ އަމިއްލައަށް ހަނދާންކުރެއްވުން މުހިންމު ކަމަށް ވިދާޅުވެފައެވެ. https://sun.mv/210302 ރޭ ވެސް ޔާމީން ވަނީ ކާޑެއްދޫ އެއާޕޯޓަށް ގާސިމް ކުރެއްވި އިންވެސްޓުމެންޓެއް ނޯންނާނެ ކަމަށާއި ލިބެންޖެހޭ އެއްވެސް ބަދަލެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. މި މައްސަލައިގައި މީގެ ކުރިން ގާސިމް ހާމަކުރެއްވި ސިޓީން ހާމަވީ ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް އަނބުރާ ހަވާލުކުރަން ވިލާ އެއާ ކުންފުނިން ހުށަހެޅީ ދައުލަތުން 21 މިލިއަން ޑޮލަރު ދޭ ގޮތަށް ކަމަށެވެ. އެ ހުށަހެޅުމާ ގުޅިގެން ރައީސް އޮފީހުން ބެލި ބެލުމުން، ކާޑެއްދޫ އެއާޕޯޓުގެ އަގަކީ، 18.5 މިލިއަން ޑޮލަރު ކަމަށާއި އެއާޕޯޓު ތަރައްގީކުރަން ޖާމިނުކޮށް އެ ކުންފުންޏަށް އދ. އަތޮޅުން ދީފައިވާ ދެ ފަޅުގެ އަގަކީ 15 މިލިއަން ޑޮލަރުކަމާއި، އެއީ ޖުމްލަ 33.5 މިލިއަން ޑޮލަރުކަމަށް ސިޓީގައިވެއެވެ. https://sun.mv/210302 އެއަށް ފަހު އެ ސިޓީގައިވާ ގޮތުން، ދައުލަތަށް ކާޑެއްދޫ އެއާޕޯޓު އަނބުރާ ހޯދަން ވިލާ އެއާ ކުންފުންޏަށް ހުށަހެޅީ ދެ ގޮތެކެވެ. ފުރަތަމަ ގޮތަކީ ސަރުކާރަށް އެއާޕޯޓު ހަވާލުކުރުމަށް ޓަކައި، އެ އެއާޕޯޓަށް ވިލާ އެއާ ކުންފުނިން ކޮށްފައިވާ ޚަރަދުގެ ބަދަލުގެ ގޮތުގައި 18 މިލިއަން އެމެރިކާ ޑޮލަރު، 18 މަސް ދުވަހަށް ބަހައިގެން އެ ކުންފުންޏަށް ދެއްކުމެވެ. ނުވަތަ ވިލާ ގްރޫޕުގައި ހިމެނޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާއިން 18 މަސް ދުވަހަށް ބަހައިގެން އެޖަސްޓްމަންޓު ހެދުމެވެ. ކާޑެއްދޫ އެއާޕޯޓަށް ވިލާއިން ވައުދުވި ތަރައްގީ ނުގެނެސް އޮއްވައި، ލީސް އެގްރިމަންޓު ބާތިލުކޮށް ދައުލަތަށް އެއާޕޯޓު ނަގަން ގާސިމަށް ދައުލަތުން 18 މިލިއަން ޑޮލަރު ދޭން ސަރުކާރުން ހުށަހަޅައިފައި އޮތުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ