ފަނަރަވަނަ ބަޔާ ގުޅޭ
"ޕްލީޒް. ލޫނާއަށް ހުރިހާ ކަމެއްވެސް އެނގޭނެ.. މިރޭ ގުޅާނަން.. ފޯ ނައު ޖަސްޓް ޕްލޭ އެލޯންގ" ޔަގީންކަން ދޭ ފަދައަކުން އައިލީންގެ އަތްތިލައަށް ފިތައިލުމަށްފަހު ނަދާލް ސިއްރު ސިއްރުން ބުންޏެވެ. އަދި ދެވަނަ ސިކުންތުގައި އޭނާ އައިލީންގެ އަތުން ދޫކޮށްލި އެވެ.
"ލީން؟ ދެމީހުން މާ ދުރަށް އައިސް ކޮންކަމަކު؟" މައިރާ އެމީހުންގެ ގާތަށް އައިސް ހުއްޓުނެވެ.
"މިއީ ހަމަ ވާހަކައިގަ ތިބެ މިހިސާބަށް އާދެވުނީ.. ދޯ ލީން؟ ލީން ކިޔައިފި ލީން މިއީ ޓީޗަރެކޭ.. އަހަރެން ބުނެފިން ނުކުރާނަމޭ ގަބޫލެއް. ދޯ؟" ނަދާލްގެ ދުލުން އައިލީންގެ ނަން ކިޔައިލި ބީރައްޓެހިގޮތް އައިލީންއަށް ކަމަކު ނުދިޔަ އެވެ. ނަދާލް އޭނާއަށް ހާއްސަކޮށް ދީފައިވާ ވަނަމުން ގޮވައިލާއިރު އެ އަޑުގައި ހުންނަ ގާތްކަމެއް އިހުސާސެއް ނުކުރެވުނެވެ. އެހެނަސް ނަދާލް އެދުނު ފަދައިން މައިރާގެ ލޮލުގައި އަނދުން އެޅުވުމަށްޓަކައި އައިލީންވެސް ނަދާލްގެ ވާހަކައަށް އެއްބަސްވެ ބޯ ޖަހައިލި އެވެ.
"އިވާން އެބަ އުޅޭ ލީން ގެއްލުނުތަނެއް ނޭނގިގެން.." މައިރާ ފާޑަކަށްހުރެ އައިލީން އެތަނުން ފޮނުވައިލި އެވެ. އެއަށްފަހު ސުވާލުގެ ނަޒަރަކުން ނަދާލްއަށް ބަލާލައި ބުމަ ހިއްލައިލި އެވެ.
"ސާބަހޭ މައި.. އަހަރުމެން ހަމައެކަނި ވާހަކަދައްކާލީއޭ. އަހަރެންވިއްޔާ ރައްޓެއްސެއްވެސް ހޯދޭކަށް ނޯވޭތަ؟" ނަދާލް ބުންޏެވެ.
"ނެޑްއެއް ނޫންތަ ބުނީ މިރޭ މިއީ މިކަން ނިންމާ ރެއޭ! އެނީވޭ.. އަހަރެންނަކަށް ނޭނގެ ނެޑް ތި ކިޔާ އެއްޗެއް.. ވަޓް ޑިޑް ޔޫ މީން ބައި އިވާން ރެޑް ހޭންޑެޑްކޮށް ހިފާށޭ؟ އަހަރެންނަށް ނޭނގޭކަމެއް ނެޑްއަށް އެނގެނީތަ؟ ކިހިނެއްތަ މި ވަނީ؟" މައިރާ އަހައިލި އެވެ. އެއާއެކު ނަދާލް އޭނާގެ ވޮލެޓު ހުޅުވާލައި އެއިން ނެގި ހުދުކުލައިގެ ބޭސްގުޅަތަކެއް އަޅާފައިހުރި ސެލޯފިން ޕެކެޓެއް މައިރާއަށް ދައްކައިލި އެވެ. މައިރާއަށް ލިބުނު ސިހުމުގައި ދެލޯ ބޮޑުކޮށްލެވުނެވެ. އޭނާގެ މޭ ބިރުން ރޫރޫ އަޅައިގަތެވެ. ވަގުތުން ނަދާލްގެ އަތުގައި އޮތް ޕެކެޓުގައި އަތް އަޅައި އެ ފޮރުވައިލުމަށްފަހު އެހެން މީހަކަށް އެ މަންޒަރު ފެނުނުތޯ ބެލުމަށް ވަށައިގެން ހޯދައިލި އެވެ.
"ޑްރަގްސް؟ ނެޑް އާރ ޔޫ ކްރޭޒީ؟ ކޮންތާކުން ކިހިނެއް ހޯދައިގެން އުޅޭ އެއްޗެއް ތިއީ؟ ނެޑްއަށް ކިހިނެއް ކެރުނީ ތީތި މި ރަށަށް ގެންނަންވެސް. ނެޑްއަށް އެނގޭތޯ އިވާންއަކީ ޕޮލިހެއްކަން.. އަ ގުޑް ވަން އެޓް ދެޓް. ނާއިލްވެސް. އޯ މައި ގޯޑް ޑިޑް ޔޫ އޯލްރެޑީ ޓޭކް ދިސް؟ އިވާންއާ ވާހަކަ ދެއްކިއިރު ނަދާލް މި ނަގައިން ހުރިއްޔާ ޔަގީން އިވާންއަށް މިހާރުވެސް ބަސްޓްވެފަ އޮންނާނީ.. ދެން ކިހިނެއް ހަދާނީ؟ ނަދާލް ހަމަ އަސްލުވެސް މޮޔަވީތަ؟" މައިރާއަށް ހަދާނެގޮތް ހުސްވި އެވެ.
"ޗިލް މައި. އަހަރެން މި ނުނަގަމޭ.. މައިއަށް ހީވޭތަ އަހަރެން މިވަރު ކަމެއް ކުރާނެހެން.. ކަމޯން ހޭވް އަ ލިޓްލް ފެއިތް އިން ޔޯ ކަޒިން. އެހެންނޫނަސް މިއަކީ ހޯދަން މާ އުނދަގޫ އެއްޗެއް ނޫނޭ.. ބަޓް އައި ގޮޓް ދިސް ވަން އޯލް ދަ ވޭ ފްރޮމް ޔޫ.އެސް އެނގޭ؟" ނަދާލް އެއްލޯ މަރައިލަމުން ބުންޏެވެ.
"މާ މޮޅުކަމެއް ކުރެވިގެން އުޅޭހެން ދޯ ހީވަނީ؟ ނަދާލް ކީއްކުރަންހޭ ތިވަރު އެއްޗެއް ތި ގެންގުޅެނީ؟" މައިރާގެ ބޯ ހާސްވި އެވެ.
"އޯކޭ އޯކޭ. އިތުރަށް މައި ނުތަޅުވާ މި ބުނަނީ.. މިއީ އަހަރެންނަކަށް ނޫން.. މިއީ އިވާންއަށް" ނަދާލްގެ ޖުމްލައާއެކު މައިރާގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. "ވަޓް؟ ނެޑް!! އަހަރެން ތިކަމުގަ ބައިވެރިވާނޭ ހީވެސް ނުކުރާތި! އައިމް ނޮޓް ޑްރަގިންގް ހިމް" އޭނާއަށް ބުނެވުނެވެ.
"ޑޯންޓް ވޮރީ.. އަހަރެން ހުރިހާ ކަމެއް ހަމަޖައްސާނަން.. މައި ބުނީމެއްނު އިވާންމެންގެ ގެއިން ވަގެއް ހިފި ވާހަކަ" ނަދާލް އަހައިލި އެވެ.
"ހްމްމް. ރޫމީ؟" މައިރާ ކިހިނެއްވީހޭ އަހައިލާ ގޮތަކަށް ބުންޏެވެ.
"އޭނައާ ވާހަކަ ދެއްކިންތަ؟" ނަދާލްގެ ސުވާލަށް އާނއެކޭ ބުނުމުގެ ގޮތުން މައިރާ ބޯ ޖަހައިލި އެވެ. "ގުޑް! ކީޕް ހަރ ރެޑީ.. ބާކީބައި ކިޔާދޭނަން. ނައު ލެޓް މީ ހޭވް އަ ޗެޓް ވިތް މައި ލޮސްޓް އެންޑް ފައުންޑް ބްރަދަރ-އިން-ލޯ" ނަދާލް އެތަނުން ދުރަށް ހިނގައިގަތްއިރު މައިރާއަށް ކަންތައްތައް ހިނގައިދާން މި އުޅެނީ ކިހިނެއްކަން ކޮންމެވެސް ވަރަކަށް ރޭކައިލައިފި އެވެ.
މައިރާ ކަންބޮޑުވެފައިހުރެ ދެތިން ފުންނޭވާއެއް ދޫކޮށްލުމަށްފަހު މޫނުމައްޗަށް މަސްނޫއީ ހިނިތުންވުމެއް ވެރިކޮށްލި އެވެ. އަދި ލަސްފިޔަވަޅުތަކެއްގައި ބާބެކިޔުގެ ބައިވެރިންނާ ދިމާލަށް ހިނގައިގަތެވެ. ނަދާލްގެ މޮޅު ވާހަކައެއްގައި ޖެހިފައި އިން އިވާންގެ އަތުގައިހުރި ކޯކުތަށި ފެނުނުހިނދު މައިރާގެ ހިތް ނުތަނަވަސްކަމުން ފުރުނެވެ. އެހެނަސް އެ ނުތަނަވަސްކަމުގެ ކުޑަވެސް މިންވަރެއް މޫނުމަތިން ދައްކާނުލައި އޭނާ އިވާން ގާތު އިށީނެވެ. ހަމަ އިށީނުމާއެކު ނަދާލް ކޮންމެވެސް ބަހަނާއެއް ދައްކާފައި އެތަނުން ދުރަށް ދިޔަ އެވެ. އެހިނދު އިވާން މައިރާއަށް ބަލައިލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. ހީލާއިރު އެ ދެކޮލަށް އެޅޭ އަޑިކޮޅު ފާޅުވާހާ އުފާވެރި ހީނލުމެއް ހަދިޔާކޮށްލަމުން އޭނާ މައިރާގެ އަތުގައި ބޮސްދިނެވެ. އެހެނަސް އެހިނދު ބޮލަށް އަރައިގެންދިޔަ ތޫނު ތަދާއެކު އިވާންއަށް ދެލޯ މަރައިލަމުން މައިރާގެ އަތުން ދޫކޮށްލެވުނެވެ.
"އިވާން؟ ކިހިނެއްވީ؟ އޯކޭތަ؟" މި ކުރެވެނީ އެކްޓެއްކަން އަމިއްލަ ހިތަށް ވިސްނައިދޭން އުޅުނަސް މައިރާ ހަގީގަތުގައިވެސް އިވާންއާމެދު ކަންބޮޑުވި އެވެ.
"ޔާ.. ދެންމެ ކުއްލިއަކަށް ބޮލުގަ ރިއްސާލީ.. އެހާވަރު ކަމެއްނޫން" އިވާންގެ އަތުގައިހުރި ކޯކުތަށީގެ ބާކީބައި އެއްނޭވައިން ބޮއެ ހުސްކޮށްލިތަން ބަލަން މައިރާއަށް އިނދެވުނީ އެވެ.
"އަދިވެސް އެބަ ރިއްސާ.." މިނެޓެއްހާއިރު ފަހުން އިވާން އަނެއްކާވެސް ބުނެލައިފި އެވެ.
"އިވާން.. ހިނގާ ގެއަށްދާން.. ނުނިދާ އުޅޭތީ ކަމަށް ވާނީ.." މައިރާ ބުންޏެވެ.
"ނޯ މައި. އަހަރެން ދިޔައިމަ ކަމަކު ނުދާނެ. މިއީ އަހަރެންގެ ޕްރޮމޯޝަން ފާހަގަކުރަން ބާއްވާ ކަމެއްނު. ސިރާޖު ސަރވެސް އެބަ އުޅޭ މިކޮޅުގަ.. އަންނާނެ ދިހައެއް ޖަހާއިރު.. އަހަރެން ހުންނަން ޖެހޭނެ" އިވާން ބުންޏެވެ.
"ދެން އެކަމަކު.. އިވާން އަޅެ.. އޯކޭ.. އަދި ނުވައެއްނު އެ ޖެހީ.. އިހަށް ހިނގާ.. ގެއަށްގޮސް ބޭސްކައިގެން ކުޑަކޮށް ރެސްޓްކޮށްލާފަ ދިހައެއް ޖަހާއިރު އަންނާނީ" މައިރާ ބުންޏެވެ. އިވާން އެކަމަށް ތާއީދުކޮށް ބޯ ޖަހައިލީ އޭނާއަށްވެސް އެއީ އެންމެ ރަނގަޅުގޮތް ކަމުގައި ހީވުމުންނެވެ. ބޮލުގައިވި ރިހުމަށް ލުޔެއް ލިބެމުން ދިޔަނަމަވެސް އޭނާއަށް އާދަޔާހިލާފު އުނދަގޫ އިހުސާސެއް ކުރެވެމުންދިޔަ އެވެ. ވަށައިގެންވާ މާހައުލު ފުސްވާހެން ހީވެ ހަށިގަނޑުން ވަރުދޫވާހެން ހީވާންފެށި އެވެ. މައިރާގެ އެހީއާއެކު ކޮޅަށް ތެދުވި އިރުވެސް އޭނާގެ ހަށިގަނޑު އަރި އަޅާނުލީ ހަމަ ކިރިޔާ އެވެ.
"މައި؟ ކޮންތާކަށް؟" އިވާން ގޮވައިގެން އެތަނުން ދުރަށް ހިނގައިގަތް މައިރާފެނި ނަދާލް އަހައިލި އެވެ. މައިރާއާއި އިވާން ކުއްލިއަކަށް ގެއްލިއްޖެނަމަ ދެންތިބި މީހުންގެ ހިތުގައި ސުވާލު އުފެދޭނެކަން ދެނެގަންނަމުންނެވެ.
"މިއީ.. އިވާން ކުޑަކޮށް ބޮލުގަ ރިއްސާތީ.. ގެއަށްގޮސް ބޭސް ކައިގެން އެބަ އަންނަން" މައިރާވެސް ވާހަކަދެއްކީ އެތަނުގައިތިބި އެހެން މީހުނަށް އިވޭނޭހެނެވެ.
"އަހަރެންވެސް ނިދާލަން ދާން މި އުޅެނީ. ޑްރޮޕެއް ދެންތަ؟ ކާރެއް ކުއްޔަށް ނަގައިގެން މިކޮޅަށް މި އައީ" ނަދާލް ބުންޏެވެ. ފާއިތުވަމުންދިޔަ ކޮންމެ ސިކުންތަކާއެކު ހާލު ގޯސްވަމުންދިޔަ އިވާންއަށް ބަލައިލުމަށްފަހު މައިރާ އަވަސް އަވަހަށް ބޯ ޖަހައިލި އެވެ. ނަދާލް އެތަނުގައި ތިބި އެންމެނަށް ވަދާއުގެ ސަލާން ކިޔައިލުމަށްފަހު މައިރާއާއި އިވާންގެ ފަސްފަހަތުން ހިނގައިގަތެވެ.
"މައި.. ކޮންތާކަށް މި ދަނީ؟" ކާރުގެ ފަހަތުސީޓަށް ހަށިގަނޑު ދޫކޮށްލައިގެން އޮވެ އިވާން މައިރާގެ ކޮނޑުގައި ބޯ އަޅައިލި އެވެ. އޭނާގެ ބަހާއި އަމަލުތައް ހުރިގޮތުން ވަށައިގެންވާ މާހައުލުގައި ހިނގަމުންދާ އެއްވެސްކަމެއް މިހާރު ރަނގަޅަށް ފަހުމު ނުވާކަން އެނގޭހާ ވެއެވެ. އިވާންގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި މައިރާއަށް ބަލައިލެވުނީ ކާރުގެ ކުރީގައި ހަރުކޮށްފައިހުރި ލޯގަނޑުން ފެންނަމުންދިޔަ ނަދާލްއަށެވެ. އޭނާ ކިޔައިދިން ގޮތަށް ދުއްވަމުން އައިސް ކާރު އެ ގެ ކައިރިއަށް މަޑުކޮށްލުމުން މައިރާ، އިވާން ގޮވައިގެން އެ ކާރުން ފޭބުމަށް އަވަސްވެގަތެވެ.
"ހެލްޕެއް ބޭނުންތަ؟" ކާރުން ފޭބި ވަގުތު ކުރިއެކޭ އެއްފަދައިން އިވާން އަރި އަޅައިލިތަން ފެނުމުން ނަދާލް އެއްސެވެ.
"ނޫން އޯކޭ.. އައިލް މެނޭޖް" މައިރާ ބުންޏެވެ. ނަދާލް ކާރު ދުއްވައިލީ މައިރާމެން ގޭތެރެއަށް ވަނުމުންނެވެ.
ގޭތެރެ ކިތަންމެ އަނދިރިކޮށް އޮތަސް މައިރާއަށް ތަންތަން ފާހަގަކުރެވޭވަރު ވެއެވެ. އިވާންގެ ހާލަތު ހުރިގޮތުން ސިޑިން މައްޗަށް ގެންދިޔުމަކީ ފަސޭހަކަމަކަށް ނުވާނެތީ މައިރާ ހިނގައިގަތީ ސިޑީގެ ދަށުގައި ހުންނަ އިވާންގެ ސްޓަޑީއާ ދިމާލަށެވެ. ކުރީ ރެއަކު ރޫމީގެ އަތުން އަތުލި ތަޅުދަނޑި ދަބަހުން ނަގައި އެ ތަޅުދަނޑީގެ އެހީގައި މައިރާ އެ ކޮޓަރި ހުޅުވައިލުމަށްފަހު އިވާން ގޮވައިގެން އެތެރެއަށް ވަނެވެ.
"ގޭގަ ދޯ މިތިބީ.. މައި.." އިވާންއަށް ކޮޅަށް ހުރެވޭވަރު ވަނީ މައިރާގެ ހަށިގަނޑުގައި އެލިގަނެގެނޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.
"ޔެސް.. އިވާން.. ހިނގާ ދޯ އިށީނދެލަން.." މޭޒުދޮށުގައި ބަހައްޓާފައިހުރި ގޮނޑީގައި އިވާން ބޭންދޭތޯ މަސައްކަތް ކުރަމުން މައިރާ ބުންޏެވެ. އެކަމުގެ ތެރޭގައި އިވާންގެ ބަރު ކޮންޓްރޯލް ނުވެގެން މައިރާވެސް އިވާންގެ އުނގަށް ވެއްޓިއްޖެ އެވެ. އިވާންގެ ތުންފަތަށް ވެރިވި ލާނެތް ހިނިތުންވުމާއެކު މައިރާގެ އުނަގަނޑުގައި ހިފައި އިތުރަށް އޭނާއާ ގާތަށް ދަމައިލި އެވެ. އިވާންގެ އަމަލުތައްހުރީ ހަމަބުއްދީގެ މައްޗަށް ނޫންކަން އެނގިހުރެވެސް މައިރާގެ ހިތަށް އެކަމުން އެނގުންވެލައިފި އެވެ.
"މައި.. ޔޫ.. ޔޫ ލުކް ސޯ ބިއުޓިފުލް ބޭބީ.. އެނގޭތަ؟ މައި.. މައި.. ތިއީ އަހަރެންގެ ލަކީ ޗާމް.. އެންމެ ލޯބިވާ.. އައި ލަވް ޔޫ ސޯ މަޗް" މެރެމުންދިޔަ އިވާންގެ ދެލޮލާ ހަތަރުކަޅި ހަމަނުކޮށް ވޭތޯ މައިރާ މަސައްކަތްކުރި އެވެ. އިވާންއާ ދުރަށް ދެވޭތޯ މަސައްކަތްކުރި އެވެ. ނަމަވެސް އިވާން އެ ފުރުސަތެއް ނުދިނެވެ.
"އިވާން.. އައި ލަވް ޔޫ ޓޫ.. އެކަމަކު އިހަށް-" މައިރާގެ ވާހަކަ އިތުރަށް ފުރިހަމަކުރާނެ ފުރުސަތެއް ނުލިބުނެވެ. ކުއްލި ހަރަކާތަކާއެކު އިވާންގެ ހޫނު ތުންފަތް އޭނާގެ ތުންފަތުގައި ބީހިލިގޮތުން ދުލުގައި ތަޅެއް އެޅުވުނެވެ. އެ ތުންފަތުގެ ހޫނުކަން މައިރާގެ ކަރުން ތިރިއަށް ދަތުރުކުރަމުންދިޔައީ ހަށިގަނޑުގައި ލައްޒަތުގެ ގިންޏެއް ރޯކުރަމުންނެވެ. އިސާހިތަކު މައިރާއަށްވެސް އިވާންގެ ކަނދުރާގައި ދެއަތް ބީއްސާއިލަމުން އެވަގުތުކޮޅު ދިގު ދެމިގެންދާން ދޫކޮށްލެވުނެވެ. އިވާންގެ ލޯބިވެތި ބީހުންތަކުގައި ނަފްސު ބެހިގެންދާން ދޫކޮށްލެވުނެވެ. ނަމަވެސް ފާއިތުވަމުންދިޔަ ކޮންމެ ސިކުންތަކާއެކު އިވާންގެ ދެއަތުން ވާގި ދޫވަމުންގޮސް މައިރާގެ ހަށިގަނޑުގައި ވަށާލެވިފައިވާ ދެއަތް ދޫވާން ފެށި އެވެ.
މައިރާ ލަސްލަހުން ދެލޯ ހުޅުވައިލުމަށްފަހު އިވާންއަށް ބަލައިލިއިރު އިވާންއަށް އޮތީ އޭނާގެ ކޮނޑުގައި ބޯ އަޅާލައިގެން ނިދިފަ އެވެ. އިވާން އެ ގޮނޑީގައި ތަންކޮޅެއް ރަނގަޅަށް ހަމަޖައްސައިލުމަށްފަހު މައިރާ ވަށައިގެން ހޯދައިލީ ކުރީރޭ އޭނާއަށް އެ ކޮޓަރިން ފެނުނު ލިޔުންތައް އެތަނުގައި ހުރިތޯ އެވެ. ނަމަވެސް ކޮޓަރި އެއްފުށުން އަނެއްފުށަށް ޖަހައިލެވުނު އިރުވެސް އޭނާއަށް އެއިން އެންމެ ލިޔުމެއްވެސް ނުފެނުނެވެ. އޭނާގެ މަސައްކަތް ހުއްޓައިލީ އެވަގުތު އެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހައިލި އަޑު އިވުމުންނެވެ.
-------
އިރުވައި ގެސްޓްހައުސްގެ ބާރަ ނަންބަރު ކޮޓަރީގެ ބޭރުގައިހުރި އައިލީން ދެތިން ފުންނޭވާއެއް ދޫކޮށްލުމަށްފަހު އެ ކޮޓަރީގެ ބެލް އަޅައިލި އެވެ. ނަދާލްގެ ދައުވަތަކަށް އެތަނަށް އައުމަކީ އެންމެ ރަނގަޅުގޮތް ކަމާމެދު ޚުދު އޭނާގެ ޟަމީރުވެސް ދެކޮޅު ހަދަމުން ދިޔަ އެވެ. ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނަދާލްގެ ފަރާތުން ލިބުނު ލޯތްބަށް އައިލީން ވަނީ ފެންބޮވައިގެންފަ އެވެ. ނަދާލްއާއެކު އެދުވަސްތަކަށް އަލުން އެނބުރިދާން އޭނާ ބޭނުންވާއިރު އެކަން ވާން އޮތީ ނަދާލް ދައްކަންއުޅޭ ވާހަކަ އަޑު އަހައިގެންކަން އައިލީން ގަބޫލު ކުރެވެ އެވެ.
ކުޑަ ވަގުތު ކޮޅަކަށްފަހު އައިލީން އަނެއްކާވެސް އެ ކޮޓަރީގެ ބެލް އަޅައިލި އެވެ. މިފަހަރު ޖަވާބެއް ނައުމުން އޭނާ ހިނގައިގަތީ އެތަނުން ދިޔުމަށެވެ. ނަމަވެސް ދުރަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު އެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އައިލީންއަށް އިވުނެވެ. އިތުރު ކަމަކާމެދު ވިސްނައި ނުލެވެނީސް އެ ދޮރު ހުޅުވި މީހަކު އޭނާގެ އަތުގައި ހިފައި އެމީހަކާ ގާތަށް ދަމައިލި އެވެ. އެ ކުއްލި ހަރަކާތާއެކު އައިލީންގޮސް އެމީހެއްގެ ގައިގައި ޖެހުނުހިނދު އެމީހަކީ ނަދާލްކަން އައިލީންއަށް ޔަގީންކުރެވުނެވެ.
"ދަނީތަ؟" ނަދާލްގެ އަޑުގައިވަނީ ހިމޭންކަމެވެ. އޭނާއާ ނުހަނު ގާތުގައިހުރި އައިލީންގެ މޫނަށް ކަޅި ޖަހާނުލައި ބަލަމުންގޮސް މަޑުމަޑުން އޭނާގެ އަތް ހިއްލައިލައި އައިލީންގެ ޖަންބު ކޯތާފަތުގައި ބީހިލި އެވެ. އެ ބީހިލުމުން އެކަނިވެސް އައިލީންގެ ހަށިގަނޑުގައި ކަރަންޓުގެ އޮއެވަރެއް ދަތުރުކުރި އެވެ. ނަމަވެސް ހުށިޔާރުކަމާއެކު އެކަން ފޮރުވައިލަމުން އައިލީން ފަހަތައް ފިޔަވަޅެއް އަޅައިލި އެވެ.
"ހީކުރީ ނުހުޅުވާނެކަމަށް" އައިލީން ދުރަށް ބަލައިލި އެވެ. ކަޅުކުލައިގެ ސްވެޓްޕޭންޓްސްގައި އުނަގަނޑުންމަތި ހާމަކޮށްލައިގެންހުރި ނަދާލްގެ ހިތްގައިމުކަން އޭނާގެ މައްޗަށް ބާރު ފޯރުވުމުގެ ފުރުސަތު ނުދިނުމަށެވެ.
"އައި ވޯޒް އިން ދަ ޝަވަރ.. އެހެންވެ ލަސްވީ.. އާދޭ އެތެރެއަށް ވާހަކަ ދައްކާލަން" އެމީހުނަށް އަދިވެސް ތިބެވުނީ ކޮޓަރީގެ ދޮރުމަތީގައިކަމުން ނަދާލް އެތެރެއަށް ވަނުމަށް އިޝާރާތްކުރި އެވެ. އައިލީން އެކަމާ ދެކޮޅު ނެހެދީ އެތަނުގައި ތިއްބައި މީހަކަށް ފެނުމަށްވުރެން އެގޮތް މާ ރަނގަޅުވާނެކަމަށް އެއްބަސް ވެވޭތީ އެވެ.
"އެއްޗެއް ބޭނުންތަ؟ އޯޑަރު ކޮށްލެވިދާނެ" އެނދާ އިންވެގެންހުރި ސައިޑް ކަބަޑުމަތީގައިހުރި ފޯނުގެ އަތްގަނޑު ހިއްލައިލަމުން ނަދާލް އެއްސެވެ.
"ނޫން.. އެކައްޗެއްވެސް ބޭނުމެއްނޫން.. އަހަރެން މިއައީ ހަމައެކަނި ޖަވާބެއް ހޯދަން" އައިލީން އެނދުގެ ކައިރިފަށުގައި އިށީނދެލި އެވެ. ނަދާލް ފުން ނޭވާއެއް ދޫކޮށްލިއެވެ. ކޮނޑުމައްޗަށް އެއްލައިފައި އޮތް ތުވާލިން ދެތިން ފަހަރަކު ތެތްކޮށް އޮތް އިސްތަށިގަނޑު ފޮޅާލައި އެނދުމައްޗަށް އެއްލުމަށްފަހު ބިންމަތީގައި ކުޑަކަކޫ ޖަހައިލަމުން އައިލީންގެ ކުރިމައްޗަށް ވާގޮތަށް އިށީނެވެ.
"މިރޭ އަހަރެންނަށް ނަދާލް ފެނުމާ ހަމައަށްވެސް އަހަރެން ހުރީ ނިންމައިގެނޭ ހުރިހާ ކަމެއް ދެން މި ނިމުނީ ކަމަށް.. އަމިއްލައަށް އެއްބަސްވެ ބުނެބަލަ އަހަރެންގެ ބޭނުން ހިފާލީއޭ" އައިލީން ބުންޏެވެ.
"ނޯ ލޫނާ.. ދެޓްސް ނޮޓް ޓްރޫ.." ނަދާލްއަށް ބުނެވުނެވެ.
"އިތުރު ކޮން ސަބަބެއް؟ ކީއްވެ ފޯނު ނުނަގާ މެސެޖަށް ޖަވާބެއް ނުދީ ކުއްލިއަކަށް ގެއްލުނީ؟" އައިލީންގެ ސުވާލުތަކުން ނަދާލްގެ ދޫ ބަންދުވި އެވެ. އެއީ އޭނާއަށް ޖަވާބުދެވެން ނެތް ސުވާލު ތަކެކެވެ. އޭނާ އެގޮތަށް ކަންކުރީ އައިލީންއާ ދެވަނަ ފަހަރަކަށް ބައްދަލުވާން ޖެހިދާނޭކަމަށް ބަލައިފައެއް ނޫނެވެ.
"ލޫނާ.. އައި.. އަހަރެންނަކަށް އަސްލު ނޭނގެ ކިހިނެއްކަމެއް ކިޔާދޭނީ މިވާހަކަ.. އައި މީން.." އައިލީންއަށް ހަގީގަތުގެ އެއްބައިވެސް ކިޔާދޭނެގޮތެއް ނަދާލްއަކަށް ނޭނގުނެވެ.
"ދެން ޖަވާބު ނުދެވެންޔާ މިރޭ އަހަރެން ގެނައީ ކީއްކުރަން؟" އައިލީން އެއްސެވެ.
"އައި މިސްޑް ޔޫ.. އައި ވޯންޓެޑް ޓު ސީ ޔޫ.. ލައިކް ދިސް.. ޓޯކް ޓު ޔޫ.. ޓަޗް ޔޫ.. ލޫނާ.. ތެދަށް ބުނަންޏާ އަހަރެން ލޫނާއާ ވާހަކަދައްކާ ގުޅުން ބަދަހިކުރީ އެއްވެސް ވަރަކަށް ކަންތައްތައް މިހިސާބަށް ހިނގައިދާނެކަމަށް ވިސްނައިގެނެއް ނޫން.. އެ ނިޔަތުގައެއްވެސް ނޫން.. އަހަރެން ބޭނުންވީ ކުދަ ދުވަސްކޮޅަކަށް އެކުގަ ވަގުތު ހޭދަކޮށްލާނެ ރައްޓެއްސެއް.. އައި ޑިޑިންޓް ވޯންޓް އެނީތިންގް މޯރ ދޭން ދެޓް ފްރޮމް ޔޫ. ސޯ ހީކުރި ގޮތާ ހިލާފަށް ކަންތައްތައް ދިޔައިމަ އަހަރެން ބިރުގަތީ.. ޔެސް އައި ގޮޓް ބިޒީ.. އެކަމަކު އެއަށްވުރެ ބޮޑަށް އައި ވޯޒް ސްކެއަރޑް.. ސޯ އައި ގޯސްޓެޑް ޔޫ” ނަދާލް ހެދީ މުޅިއަކުން ދޮގެއް ނޫނެވެ.
"މިރޭ އަހަރެން މިހިސާބަށް ގެނައީ ތިހެން ބުނަންތަ؟ ތި ރިގްރެޓްގެ ވާހަކަ ކިޔައިދީ.. އަހަރެންނަކީ ހަމައެކަނި ނަދާލްގެ ރައްޓެއްސެކޭ ބުނަންތަ؟" އައިލީންގެ އަޑުގައިވި ހިތްދަތިކަމަށް ބަދަލެއް ނާދެ އެވެ. ނެތް ހިތްވަރުންވެސް ނުރޮއެ ހިފަހައްޓައިލެވޭތޯ މަސައްކަތް ކުރަމުންދިޔަ އެވެ.
"ވަޓް؟ ނޯ! އޯކޭ.. ފަހަރެއްގައި ހުރިހާ ކަމެއް ދިޔައީ އަހަރެން ޕްލޭން ކުރި ގޮތަށް ކަމަށް ނުވެދާނެ.. ބަޓް އައި ޑޯންޓް ރިގްރެޓް އަ ސިންގަލް މޯމެންޓް އައި ސްޕެންޓް ވިތް ޔޫ ލޫނާ.. އެންޑް ފޯރ ވަޓް މެޓަރޒް.. އައި ޑޯންޓް ސީ ޔޫ އޭޒް އަ ފްރެންޑް އެނީމޯރ.. އައިމް ސޮރީ.. ހުރިހާ ކަމަކަށްވެސް.. އައި ޖަސްޓް ނީޑަޑް ޓު ކްލިއަރ މައި ހެޑް.. ލޫނާއަށް އަންޑަރސްޓޭންޑް ވެއެއްނު އެބަ އަހަރެން މި ބުނާ އެއްޗެއް. މިކަހަލަ އަވަސް ގުޅުމެއްގަ މިކަހަލަ ކަންކަން ވެދާނެއެއްނު. ކޭން ޔޫ ފޯރގިވް މީ؟" ނަދާލްގެ ވާހަކަތައް ހުރީ އައިލީން ހައްލައިލެވޭނޭ ފަދަ ގޮތަކަށެވެ. އޭނާގެ ދުލުން ބުނެވިދާ ކޮންމެ ލަފްޒެއް ކޮންމެ ޖުމްލައެއް އަތުރަމުން ދިޔައީ ލަސްލަހުން ފަރުވާތެރިކަމާއެކުގަ އެވެ. އައިލީން އެންމެ ގަޔާވާނޭ ހީވާ ގޮތަށެވެ. "ލޫނާ ޕްލީޒް" އައިލީންގެ ރައްދެއް ނުލިބި ގިނައިރު ވާން ފެށުމުން ނަދާލް އަނެއްކާވެސް ގޮވައިލި އެވެ.
"ކަމް ހިޔަރ" ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު އައިލީން ނަދާލްގެ ކޮނޑުގައި ހިފައި އޭނާއާ ގާތަށް ދަމައިގަންނަމުން ނަދާލްގެ ގައިގައި ބައްދައިލި އެވެ. ނަދާލްގެ އެއްވެސް އާދޭހަކަށް ބީރު ކަންފަތެއް ދިނުމަކީ އައިލީންގެ ހިތަށް ކެތްވާވަރު ކަމެއް ނޫނެވެ. "އައި މިސްޑް ޔޫ ޓޫ" އޮހިގަންނަށް ތައްޔާރުވެފައިވި ކަރުނަތައް ހިންދައިލައި ނޭފަތް ދަމައިލަމުން އައިލީން ބުންޏެވެ.
"ލޫނާ؟ ނުރޮއްޗޭ.. ޕްލީޒް..." ނަދާލް މަޑުމަޑުން ދުރަށް ޖެހިލުމަށްފަހު އައިލީންގެ ދަތްދޮޅީގައި ހިފައި އިސްއުފުލައިލަމުން އައިލީންއާ ހަތަރުކަޅި ހަމަކޮށްލި އެވެ. "މިރޭ އަހަރެންގާތު މަޑުކޮށްލަ ދޭނަން؟" ނަދާލް ހިނިތުންވުމަކާއެކު އަހައިލި ސުވާލަށް އައިލީން ބޯ ޖަހައިލި އެވެ. "އެހެންވިއްޔާ ޕިއްޒާ އޯޑަރ ކޮށްލަނީ އެނގޭ" އައިލީންގެ އިސްތަށިގަނޑުގައި ލޯތްބާއެކު ފިރުމައިލުމަށްފަހު ނަދާލް އިންތަނުން ތެދުވެ ދުރަށް ހިނގައިގަތެވެ. އައިލީންވެސް އެ ވަގުތުގެ ބޭނުން ހިފައި ދުރަށް ހިނގައިގަތީ އެރޭ ރައްޓެއްސެއްގެ ގޭގައި މަޑުކޮށްލަނީ ކަމަށްބުނެ މައިރާއަށް މެސެޖުކޮށްލުމަށެވެ.
ނަދާލްގެ ކޯލު ދިގުލައިގެން ދާން ފެށުމުން އައިލީން އެ ހުރި ދިމާލުން ބެލްކަންޏަށް ނުކުމެވޭ ގޮތަށްހުރި ދޮރުގެ ފޮތިގަނޑު ކަހައިލި އެވެ. އެހެނަސް ބެލްކަންޏަށް ނުކުތުމުގެ ބަދަލުގައި އޭނާ އެ ބިއްލޫރި ދޮރުން ބޭރަށް ބަލަހައްޓައިގެން ހުރީ އެވެ. އޭރު އެ ތުންފަތުގައިވަނީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. ދެހަފްތާއެއްހާ ދުވަސްފަހުން ނަދާލްގެ ގާތަށް އާދެވުމުން އޭނާއަށް ކުރެވެމުންދިޔައީ ދަތުރެއްގެ މަތީގައިވާ މުސާފިރަކަށް މަންޒިލަށް އާދެވުމުން ކުރެވޭ ކަހަލަ އިހުސާސެކެވެ.
"ހާއި ބިއުޓިފުލް" އައިލީންއަށް ކަންފަތް ކައިރިން ނަދާލްގެ އަޑު އިވުނުހިނދު ހިނިތުންވުމަކާއެކު ނަދާލްއާ ކުރިމަތިލި އެވެ. "ޕިއްޒާ ވިލް ޓޭކް ސަމް ޓައިމް" އައިލީންގެ މެދުހަށީގައި ހިފައި ފާރުގައި ޖައްސައިލުމަށްފަހު އައިލީންއާ ގާތްވެލަމުން ނަދާލް ބުންޏެވެ.
--------
ނިދިފައި އޮތް އިވާންއަށް ދެލޯ ހުޅުވައިލެވުނީ ހަރުކަށި އަތަކުން އޭނާގެ ކޮނޑުގައި ހިފައި ކޮޅަށް ނެގުމުންނެވެ. ސިހިފައިހުރެ ދެލޯ ބޮޑުކޮށްލަމުން ވަށައިގެން ހޯދައިލިހިނދު އޭނާއަށް ލިބުނު ޝޮކު ކުރިން ލިބުނު ސިހުމަށްވުރެ އެންމެ ތަންފުކެއްވެސް ދެރައެއް ނޫނެވެ. އޭނާގެ ވަށައިގެން ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަމުން ދިޔައިރު އޭނާގެ ގައިގައި ހިފަހައްޓައިލައިގެން ހުރީ ރަށުގެ ފުލުސް އޮފީހުގައި އޭނާއާ ޖެހިގެން އެންމެ އިސްކޮށް ހުންނަ ބޭފުޅާ އެވެ. ބޮލުގައި އުފެދިފައިވާ ތޫނު ރިހުމާއެކުވެސް އިވާންއަށް އޭނާގެ ވަށައިގެން ކުޅެވެމުން މިދާ މަންޒަރު ނަގައިގަނެވޭތޯ މަސައްކަތް ކުރި އެވެ. މި ތިބެވެނީ އޭނާގެ ގޭގެ އޭނާގެ ސްޓަޑީގައިކަން އޭނާއަށް ނަގައިގަނެވޭވަރު ވިއެވެ. ހުރެވުނީ ހުސް ގަޔާކަންވެސް އެނގޭވަރު ވިއެވެ. ގަމީސް ވީ ހިސާބެއްވެސް ނޭނގޭއިރު ލައިގެން ހުރި ސޯޓުގެ ގޮށްތައް ނައްޓާލެވިފައި ހުރުމުން ހީވަނީ ދެންމެ ދެންމެ އުނގަނޑުން ތިރިއަށް ސޮއްސައިލައިފާނެހެވެ. ހައިރާންވާންޖެހެނީ އެތަނަށް ނުވަތަ އެ ހާލަތަށް އާދެވުނު ގޮތުގެ އެއްވެސް ހަނދާނެއް އޭނާގެ ސިކުނޑީގައި ނެތީތީ އެވެ.
"އަލީ؟ ނާ.. ނާއިލް؟" ވާނުވާ ނޭނގިފައިހުރެ އިވާންއަށް އެތަނުގައި ތިބި ފުލުހުންނަށް ގޮވައިލެވުނެވެ.
"އިވާން.. އިވާންގެ ފަރާތުން މިކަހަލަ ކަމެއް ފެނިދާނެކަމަކަށް އަހަރެން ކުޑަކޮށްވެސް ހިއެއް ނުކުރަން" އިވާންގެ ގައިގައި ހިފަހައްޓައިލައިގެން ހުރި އޮފިސަރު ބުންޏެވެ.
"ކޮން ކަ- ކިހިނެއްތަ މި- ނާއިލް؟" އިވާން ސުވާލުގެ ނަޒަރަކުން ބަލައިލީ އެތަނުގައިހުރި ނާއިލަށެވެ. ނާއިލްގެ އަނގައަކުން ބަހެއް ނުބުންޏެވެ. އިސް ޖަހައިލުމަށްފަހު ހުރި ދިމާލުން އެއް އަރިއަކަށް ޖެހިލީ އިވާންއަށް ހުރިހާ ކަމެއް ސާފުވާނެކަމަށް ބަލަމުންނެވެ. އެއާއެކު ފެނުނު މަންޒަރުން އިވާންގެ ގައިން ހީބިހި ނަގައިގެން ދިޔަ އެވެ. އޭނާގެ ފައިދަށުން ބިންގަނޑު ދެމިގެންފިހެން ހީވީ ހިނގަމުން މިދާ ކަންތައްގަނޑުގެ ކުޑަބޮޑުމިން އިހުސާސް ކުރެވުމުންނެވެ. އެ ކޮޓަރީގެ އެއް ކަނަކަށް ކުރުގެޅިފައި އިން އަންހެންކުއްޖާގެ ގާތުގައި އަންހެން ފުލުހަކާއި ނަރުހެއް ކުޑަކަކޫ ޖަހާލައިގެން ތިބިއިރު އެ ކުއްޖާގެ ހަށިގަނޑު ވަނީ ހުދުކުލައިގެ ބެޑްޝީޓަކުން ނިވާ ކުރެވިފައެވެ. އިސްތަށިގަނޑު ތަރުތީބެއްނެތި ވިއްސިފައިވާގޮތުން މޫނު ވަނީ ފޮރުވިފަ އެވެ. ހަށިގަނޑުގައި މަޑު ތުރުތުރެއް ހުއްޓެވެ. ނަރުސް ކުއްޖާގެ އަތުގައިހުރި ފެންތަށި އެކުއްޖާގެ ތުނބުގައި ޖެއްސުމަށްޓަކައި މޫނުމަތީގައިވާ އިސްތަށިތައް ދުރުކޮށްލި ވަގުތު އިވާންގެ ދެލޯ މުދުނަށްއެރި އެވެ.
"ރޫމީ؟" އިވާންގެ އަޑު ނުކުތީ ކިރިޔަ ކިރިޔާ އެވެ.
"ވިކްޓިމްގެ ސްޓޭޓްމެންޓް ލިބިއްޖެ. ވީ ހޭވް ނޯ ޗޮއިސް ބަޓް ޓު އެރެސްޓް ޔޫ އިވާން ސަ- އެހެމް.. އިވާން އިސްމާއިލް. ޕްލީޒް ކޯޕޮރޭޓް" އެތަނުގައި މިވަގުތު އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ އޮފިސަރު އަތުގައި އޮތް ބިޑި ދައްކައިލި ހިނދު ނާއިލް އެ އޮފިސަރުގެ އަތުގައި ހިފެހެއްޓިއެވެ. "ތީގެ ބޭނުމެއް ނެތް. އިވާން ކޯޕަރޭޓް ކުރާނެ. ބަޓް ފަސްޓް.. ގިވް ހިމް ސަމް ޓައިމް ޓު ޑްރެސް" ނާއިލް ދިއްކޮށްލީ އެ ކޮޓަރީގެ ކޮންމެވެސް ހިސާބަކުން ހޯދި ގަމީހެކެވެ. އިވާން އެންމެފަހުން ލައިގެން އުޅުނު ގަމީހެވެ. އެއަށްފަހު އިވާންއާ ދިމާލަށް އެންމެ ފަހަރަކުވެސް ބަލައިލުމެއްނެތި ނާއިލް އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ނުކުމެގެން ދިޔަ އެވެ.
ކޮންމެއަކަސް އިވާންއަކީ ވެރިއަކަށްވުރެން ބޮޑަށް އޭނާގެ އެކުވެރިއެކެވެ. އެ އެކުވެރިޔާ އެފަދަ ދަށު ދަރަޖައަކަށް ވެއްޓިދާނެކަމަށް އަދިވެސް ނާއިލްގެ ހިތް ގަބޫލެއް ނުކުރެ އެވެ. ނަމަވެސް ކަންތައްތައް ގޮސްފައިވާ ހިސާބަށް ބަލާއިރު އޭނާއާ މަތިވެފައިވާ ޒިންމާ އަދާކުރުން ނޫންގޮތެއް ނާއިލްއަކަށް ނެތެވެ. ހިތާ ދެކޮޅަށް ވިޔަސްމެއެވެ. ނާއިލްއަށް ބަލައިލެވުނީ ސިޓިންގްރޫމްގެ ސޯފާގައި އިށީނދެ އިނދެ އަޑުން އަޑުނަގައި ރޮމުންދިޔަ އާޒިމާއަށެވެ. އާޒިމާގެ ގާތުގައި އެގެއާ އަވަށްޓެރި ގެއެއްގައި އުޅޭ ހަލީމާއްތަ ހިތްވަރުދޭން އިން އިރު ހަލީމާއްތަގެ މޫނުމަތިންވެސް ހިތާމައިގެ ކުލަވަރު ފެންނަމުން ދިޔަ އެވެ. އާޒިމާގެ ގާތަށް ދާން ނާއިލް ފިޔަވަޅު އަޅައިލި ނަމަވެސް އެކަމަށް ހުރަސް އެޅުނީ އެ ވަގުތަކީ އިވާން ކޮޓަރިން ނެރުނު ވަގުތަށް ވީތީ އެވެ.
"އަލީ… އަލީ! ޔޫ ހޭވް ޓު ޓްރަސްޓް މީ އައި ޑިޑިންޓް ޑޫ އެނީތިންގް" އިވާން އަދިވެސް ބެލީ ހަޅޭއްނުލަވައި ރީތިކޮށް ފުލުހުންނާ ވާހަކަދެއްކޭތޯ އެވެ. ނަމަވެސް އާޒިމާ ފެނުނު ހިސާބުން އިވާންއަކަށްވެސް ހަމަޖެހިގެން ހުރެވޭގޮތެއް ނުވި އެވެ. އޭނާ ދުއްވައިގަތީ އާޒިމާގާތަށް ދިޔުމަށެވެ. އެކަމަށް ހުށިޔާރުވެ ތިބި ފުލުހުން ހަލުވިކަމާއެކު އިވާން ހިފަހައްޓައި އިވާންގެ އަތުގައި ބިޑި އެޅުވި އެވެ. އަދި ގަދަކަމުން ކަހަލަ ގޮތަކަށް އިވާން އެ ގެއިން ބޭރަށް ނެރުނެވެ. އޭރު އިވާން، އޭނާގެ ކުށެއް ނެތްކަމަށްބުނެ އާޒިމާއަށް އިވޭ ވަރަށް ހަޅޭއްލަވަމުންދިޔަ އެވެ. "މާމާ. އަހަރެން އެއްވެސް ކަމެއް ނުކުރަމޭ. އައި ޑިޑިންޓް. އަލީ! އަހަރެން އެއްވެސް ކަމެއް ނުކުރަމޭ" ފުލުހުންގެ ޖިޕަށް އެރުވި އިރުވެސް އިވާންގެ އަޑު ފަނޑެއް ނުވި އެވެ. އެވަގުތަކީ ފަތިސް ނަމާދަށް މީހުން ހޭލައި އުޅޭ ވަގުތެއްކަމުން ގިނަ އަވަށްޓެރިންނާއި ދުރު ހިސާބުތަކުގައި އުޅޭ މީހުންވެސް އެ ހަބަރު ލިބިގެން އެ ގޭދޮށަށް އެއްވެ ތިއްބެވެ. އެމީހުންގެ ތެރޭގައި އިވާންއާ ގުޅުވައި ސިއްރު ވާހަކަތައް ދެކެވެމުންދިޔަތަން ފެނި ނާއިލްއަށް ގަބޫލު ނުކުރެވިފައިހުރެ ދެފަރާތަށް ބޯ ހޫރައިލެވުނެވެ. މީގެ ގަޑިއެއްހާއިރު ކުރިއާ ހަމައަށް އެއިން ކޮންމެ މީހެއްގެ ދުލުންވެސް އިވާންއަށް އޮހެމުންދިޔައީ ތައުރީފެވެ. ނަމަވެސް ކުރެވުނު އެންމެ ތުހުމަތަކާއެކު ކަންތައްތައް ބަދަލުވެގެން ދިޔަގޮތް ނިކަން ދެކި ބަލާށެވެ.
ސްޓޭޝަނަށް ދިޔުމަށްޓަކައި ޖިޕު ދުއްވައިލުމާއެކު ގޭދޮށަށް އެއްވެފައިތިބި މީހުންގެ ތެރޭގައިހުރި ޝާވިންވެސް ސައިކަލުގައި އޭގެ ފަހަތުން ދުއްވައިލި އެވެ. އިވާން ގޮވައިގެން ސްޓޭޝަނަށް ވަތް ފުލުހުންގެ ފަސްފަހަތުން ކަހަލަ ގޮތަކަށް އޭނާވެސް ސްޓޭޝަނަށް ވަނެވެ. ނަމަވެސް އޭނާއަށް އިވާންއާ ބައްދަލު ކުރުމުގެ ފުރުސަތު ނުދީ އެމީހުން އެތަނުގައި ހުރި ހުސް ކޮޓަރިއަކަށް އިވާން ވެއްދިއެވެ.
"ސީޕީ ކިހާ ހިސާބެއްގަ؟" މައްސަލައިގަ އިސްކޮށް އުޅުނު އަލީ ސުވާލުކުރީ ނާއިލްއާ އެވެ.
"މާލެއަށް ފުރަންވެގެން ޗެކިން ވި ފަހުންނޯ ހަބަރު ލިބުނީ. އެކަމަކު މިހާރު ލޯންޗުގަ މިކޮޅަށް ނައްޓާލައިފި. ފަސް ވަރަކަށް މިނަޓުތެރޭ ރަށަށް އާދެވޭނެ. ކާރު ފޮނުވައިފިން ބަނދަރަށް" ނާއިލް ތަފްސީލް ކޮށްދިނެވެ.
"ވަރަށް ބޮޑު ވެއްޓުމެއް މިއީ އިވާންއަށް. ދެއަރ އިޒް ނޯ ކަމިންގް ބެކް ފްރޮމް ސަމްތިން ލައިކް ދިސް" އަލީ ބުންޏެވެ.
"ނާއިލް. އޭތް. ކިހިނެއްތަ ކަންކަން އޮތީ؟ އަހަރެން ބޭނުން އިވާންއާ ބައްދަލު ކޮށްލަން. ވެދާނެތަ؟" އައިލީންގެ ފޯނަށް ގުޅޭތޯ މަސައްކަތްކުރަމުން އެ ހުރިހާއިރު ސްޓޭޝަންގެ ތެރޭގައި އެނބުރެމުންދިޔަ ޝާވިން އެންމެފަހުން ނުހުރެވިގެން އަހައިލި އެވެ. ނާއިލް ވަކި އެއްޗެކޭ ނުބުނެ ބަލައިލީ އަލީއާ ދިމާލަށެވެ. އަލީ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އެތަނުގައިހުރި އޮފިސަރަކަށް ލޮލުން އިޝާރާތްކޮށްލާފައި ބޯ ޖަހައިލުމާއެކު އެ އޮފިސަރު ޝާވިން ބުނި ކަންތައް ހަމަޖައްސައިދޭން އަވަސްވެގަތެވެ.
"އަދި ނޭނގެއެއްނު މީގެ ވާނުވާއެއް. މިވަރުގެ ކަމެއްގަ ވިކްޓިމްގެ ބަސް އެކަނި ހޯދިޔަކަސް ނުފުދޭނެ. އިވާންގެ ވާހަކަވެސް އަޑު އަހަން ޖެހޭނެކަމަށް އަހަރެން ގަބޫލު ކުރަނީ" ނާއިލް ދެން ވާހަކަ ދެއްކީ ޝާވިން އެތަނުން ދިޔުމުންނެވެ.
"ތިކަން އޮތީ ތިހެން.. އެކަމަކު މިއަދުގެ އިރު އަރަން ވާއިރަށް މި ވާހަކަ މުޅި ރާއްޖެއަށް ނުފެތުރޭނެ ގޮތެއް އެއީ ނެތް ގޮތެއް.. ފުލުހުންގެ މުއައްސަސާއަށް ލިބޭނެ ފޫ ނުބެއްދޭނެ ވަރުގެ ގެއްލުމެއް މިއީ.. މިކަން މި ހިނގީވެސް ސިރާޖު ސަރ މި ރަށުގަ ހުންނެވި ރެއެއްގަ. ވަރަށް ދެރަކޮށް މި ދިމާވީ. ހިއެއްނުވޭ އިވާންގެ ކުށެއް ނެތްކަން ސާބިތުވިޔަސް.. އިވާންގެ ކެރިއަރ ސަލާމަތް ކުރެވޭނެހެނެއް" ގޮތްހުސްވެފައިވާ މީހަކު ފަދައިން އަލީއަށް ހަށިގަނޑު ގޮނޑީގެ ތެރެއަށް ދޫކޮށްލެވުނެވެ.
ހުދު ކުލައިގެ ހަތަރު ފާރު ތެރޭގައި އެކަހެރި ކޮށްފައި އިން އިވާންއަށް ވިސްނެމުން ދިޔައީ އެރޭ ކަންތައްތައް ހިނގައިދިޔަ ގޮތާ މެދުގަ އެވެ. އެރޭގެ ބައެއް އޭނާގެ ހަނދާނުން ފޮހެވިފައިވި ނަމަވެސް މައިރާއާއެކު ގެއަށް ދާން ކާރަށް އެރި ހަނދާނަކާއި މައިރާއާއެކު ހޭދަކުރެވުނު ގާތްގޯޅި ވަގުތުތަކެއްގެ ފަނޑު މަންޒަރުތަކެއްވެސް ސިކުނޑީގައި ކުޅެވެމުންދިޔަ އެވެ. ކަންތައްތައް ހިނގައި ގޮސްފައިވާ ގޮތުން ރޭގައި އެ މަގާމުގައިހުރީ މައިރާ ކަމާމެދު އިވާންގެ އަމިއްލަ ނަފްސު ސުވާލު އުފެއްދި ނަމަވެސް އެއްވެސް ހާލެއްގައި ރޫމީއާ އެފަދަ ގޮތަކަށް ކައިރި ވެވިދާނެކަމަށް އިވާންގެ ބުއްދި ގަބޫލެއް ނުކުރެ އެވެ. ދެރައީ އެއްވެސް ކަމެއް ޔަގީން ކުރެވޭ ވަރަށްވުރެން އޭނާގެ ހަނދާން ބަލިކަށިވެފައި ވާތީ އެވެ. އޭނާއަށް އެ ހުރިހާ ކަމެއްގެ ޖަވާބު ލިބެން އޮތީ މައިރާގެ ފަރާތުންކަން އިވާންއަށް އެނގެ އެވެ. ހަމައެއާއެކު އިވާންއަށް އޭނާ ހައްޔަރު ކުރެވިގެން ގެނައި ވަގުތު މައިރާގެ އިތުރުން އައިލީންވެސް ފެންނަ ހިސާބުގައި ނެތްކަން ރޭކައިލި އެވެ. އިތުރު ކަމަކާމެދު ވިސްނައި ނުލެވެނީސް ކޮޓަރީގެ ބިއްލޫރި ދޮރު ހުޅުވުނު އަޑު އިވި އިވާން އިސްއުފުލައިލި އެވެ. އެތެރެއަށް ވަތް ޝާވިން ފެނި އޭނާއަށް އިށީނދެ އިން ގޮނޑިން ތެދުވެވުނެވެ. ބިޑި އަޅުވާފައި އޮތް ދެއަތް މޭޒުމަތީގައި ބާއްވައިލަމުން ޝާވިން އެހިސާބަށް އަންނަންދެން މަޑުކޮށްލި އެވެ.
"ޝޯން.." ޝާވިން އައިސް ހުއްޓިލީ ކޮޓަރީގެ މެދުގައި ބަހައްޓާފައިހުރި މޭޒުގެ އަނެއްފަރާތުގަ އެވެ. އޭނާގެ ވިސްނުމުގައިވެސް އިށީނުމުގެ ހިޔާލެއް ނެތެވެ.
"ޝޯން. މައި؟ މައި ކޮބާ؟ މައިއަށް އެނގިއްޖެތަ؟" އިވާންގެ ހިތަށް އުނދަގޫ ކުރަމުންދިޔަ ސުވާލު ޝާވިންއާ ކޮށްލި އެވެ. ޝާވިން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުރިއިރު އޭނާގެ ހިތުގެ ތެޅުން ވަނީ މެކުހަށް ޖަހައިފަ އެވެ.
"އިވާން؟ އިވާންއަކަށް ނޭނގޭތަ؟ މައި ފުރައިފި" ޝާވިންގެ ސުވާލުން އިވާންއަށް ލިބުނީ ކުއްލި ޝޮކެކެވެ. މިރޭ އޭނާއަށް މި ލިބެނީ މުޅިންވެސް އެއްވަރުގެ ހަބަރެވެ.
"ވަޓް؟ ކޮ- ކޮންއިރަކު؟" އިވާންއަށް އަހައިލެވުނެވެ.
"މައިގެ ކަޒިން ރޭގަ އައީ މައި ބަލައެއް ނޫންތަ؟ ދަންވަރު ދޭއް ޖަހައިލި ހާއިރު އަހަރެންނަށް މައި ގުޅީމަ ތި ގޭދޮށަށް ދިޔައީ. އޭރު މައި ފޮށި ހިފައިގެން ނުކުމެ ހުރީ.. ބުނީ ބައްޕައަށް ކޮންމެވެސް ކަމެއް ދިމާވެގެން މާލެ ދާން ޖެހުނީއޯ. އެހެންވެ މައި ބަލައޯ ނަދާލްވެސް އައީ.. އިވާންގާތުވެސް ބުނެފީމޯ ބުނީ… އިވާން ބޮލުގަ ރިއްސާތީ ނިދީމަ އިވާންއަށް ނުގޮވަންވެގެންނޯ އަހަރެންނަށް ގުޅީ.. ދެން ވަރަށް ރޮވިފަ ހުރީމަ ބައްޕަ މާ ހާލު ދެރަވީ ކަމަށް ބަލާފަ އަހަރެންވެސް މާގިނަ ސުވާލެއް ނުކުރަން. ބަނދަރަށް ދިޔައިރު ލާންޗުވެސް އޮތީ ރެޑީގަ. މައި ނަދާލްއާ ހަވާލުކޮށްފަ އަހަރެން ދެން ގެއަށް ދިޔައީ. ފެންވަރައިގެން ނިދަން ޖައްސާލިތަނުން ނާއިލް ގުޅާފަ މި ހަބަރު ދިނީ" ޝާވިން އޭނާއަށް ކަންތައްތައް އެނގޭ މިންވަރަކުން ކިޔައިދިނެވެ.
"އެހެންވިއްޔާ އެއީ މައިއެއް ނޫންތަ؟" އިވާންއަށް މަޑުމަޑުން އަމިއްލަ ނަފްސަށް އިވޭވަރަށް ސުވާލު ކޮށްލެވުނެވެ.
"ކީކޭ؟" އިވާން އެއްޗެކޭ ބުނިހެން ހީވެ ޝާވިން އަހައިލި އެވެ.
"ނޫން މިއީ.. މިބުނީ.. އަހަރެންގާތު މައި ބުނި ކަންނޭނގެ. ރޭގަ މާ ގަދަޔަށް ބޮލުގަ ރިއްސާފަ ހުރީމަ ރަނގަޅަށް ނީވުނީ ކަމަށް ވާނީ.. ޝޯން.. އެހެންވީމަ މައިއަކަށް އަދި ނޭނގޭދޯ؟ ޝޯން.. އަހަރެންނަށް ކަމެއް ކޮށްދެންޏާ މައިއަށް މިވާހަކަ އެނގިގެން ގުޅައިފިއްޔާ އަހަރެން ޑިފެންޑް ކޮށްދޭތި. އެންޑް ޕްލީޒް.. މައި ގާތު ބުނާތި ރަށަށް ނާންނަން. ޕްލީޒް ކީޕް ހަރ އަވޭ ފްރޮމް ދިސް މެސް ޝޯން" އިވާން އާދޭސްކުރި އެވެ. ޚުދު އޭނާއަށްވެސް ކަންތައްތައް ވަމުންދާގޮތް އަދި ރަނގަޅަށް ނަގައި ނުގަނެވެ އެވެ. ނަމަވެސް ކޮންމެ ގޮތަކަށް ކަން ހިނގައިދިޔަސް މައިރާއަށް މިކަމުގެ އެއްވެސް އަސަރެއް ކުރާކަށް އިވާން ބޭނުމެއް ނުވެ އެވެ. އޭނާގެ ސަބަބުން މީހެއްގެ އަނގައިން މައިރާއާ ދިމާލަށް ބަދުބަހެއް ބުނެފާނެތީވެސް އޭނާގެ ހިތް ބިރުގަންނަމުން ދިޔައީ އިންތިހާއަށެވެ.
"އިވާން.. އަހަރެންނަށް ޔަގީން މީގަ އެހެން ކަމެއް އެބަ އުޅޭކަން.. އަހަރެން މިކަމުގެ ހަގީގަތް ހޯދާ-"
ޝާވިންގެ ވާހަކަ މެދުކެނޑުނީ ކުއްލިއަކަށް އެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުމުންނެވެ. އިތުރު ފުލުހަކާއެކު އެތަނަށް ވަތް ކޮމިޝަނަށް ޖެނެރަލް މުހައްމަދު ސިރާޖުގެ ތައާރަފެއް ޝާވިންއަކަށް ބޭނުމެއް ނުވި އެވެ. ކޮމިޝަނަރާއެކު އެތަނަށް ވަތް ފުލުސް އޮފިސަރުގެ އިޝާރާތަށް އެ އޮފިސަރާއެކު ޝާވިން އެތަނުން ނުކުތެވެ.
ލަސް ފިޔަވަޅުތަކެއްގައިގޮސް ސިރާޖު ހުއްޓިލީ ކުރިން ޝާވިން ހުރި ދިމާލުގަ އެވެ. އޭނާ ހިތްހަމަ ނުޖެހިފައިހުރި ނަޒަރެއް އިވާންއަށް ރައްދު ކޮށްލިއިރު މުށްކެވިފައިވާ އަތަށާއި ކަތުރު ކަށިގަނޑަށް ބާރުކުރަމުން ދިޔަގޮތުން ރުޅިއައިސްފައި ހުރިކަން އެނގޭހާވެ އެވެ.
"ސަރ-" އިވާންގެ ވާހަކަ ފެށޭގޮތް ނުވީ ކުއްލިއަކަށް ސިރާޖުގެ ގޮށްމުށުގެ ބާރު ހަމަލާއެއް މޭޒުމައްޗަށް އަރައިގެން ދިޔުމުންނެވެ. އިވާންއަށް ޖެހިލުންވެފައިހުރި ހިންދިރުވައިލެވުނެވެ. އޭރު ސިރާޖުވެސް އޭނާ އައިސްފައިހުރި ރުޅިގަނޑު ފިނި ކުރެވޭތޯ މޭޒުމަތީގައިހުރި ފެންތަށި ނަގައި އެއް ނޭވައިން ބޮއެލުމަށްފަހު ގޮނޑީގައި އިށީނެވެ. އަދި އިވާންއަށްވެސް ގޮނޑީގައި އިށީނުމަށް އިޝާރާތްކުރި އެވެ. ސިރާޖުގެ ވާހަކަފެށީ ހިމޭންކަމުގެ ސުކޫތަކަށް ފަހުގަ އެވެ.
"އަހަރެންނަށް އިވާން ފުރަތަމަ ފާހަގަކުރެވުނީ އަހަރެން ޑެޕިއުޓީ ކަމިޝަނަރަކަށް ހުރި ދުވަސްކޮޅު.. ރިކްރޫޓްމެންޓް ޓްރެއިނިންގްގެ ތެރެއިން.. ކަން ދިމާކުރިގޮތުން އަހަރުމެންނަށް އެފަހަރު ވަރަށް ތަފާތު ދެ ބެޗަކަށް އެއްފަހަރާ އެކޮމޮޑޭޓް ކުރަން ޖެހުނީ.. ބެރެކްސް ގެ ތެރޭގަ ހަމަނުޖެހުމެއް ހިނގައިގެން އުޅުނު ހަބަރު އަހަރެންނަށް ލިބިގެން އެތަނަށް ދިޔައިރު ދެބައި މީހުން އެއްބަސްވުމަކަށް ގެނުވައިގެން އިވާން އޮތީ އެ މައްސަލަ ހައްލުކޮށްފަ. އެދުވަހު އަހަރެންނަށް ފުރަތަމަ ފަހަރަށް އިވާންގެ ލީޑަރޝިޕް ފާހަގަވީ.. ކަން ދިމާކުރިގޮތުން އެ ފަހަރުގެ ޓޮޕް ރިކްރޫޓެއްގެ ގޮތުގަ ހުވާ ކުރީވެސް އިވާން. އޭމް އައި ކަރެކްޓް؟" ސިރާޖު އާކޮށްލީ މީގެ އަށް އަހަރު ކުރީގެ ހަނދާނެކެވެ.
"ކަރެކްޓް ސަރ" އިވާން އިސްޖަހައިލި އެވެ.
"އިވާން މި ހިދުމަތާ ގުޅުނީއްސުރެން ހަގީގަތުގަ އަހަރެން ދިޔައީ އިވާންއާ ދޭތެރޭ ގާތްކަމެއް ބަހައްޓަމުން. އަހަރެންނަށް އިވާންއާމެދު އުއްމީދު ކުރެވުނީ އިވާންއަކީ ޒުވާން ފުލުހުންނާމެދު މުޖްތަމައުއިން ދެކޭގޮތް ބަދަލުކޮށްލާނެ ލާމަސީލު އޮފިސަރަކަށް ވާނެކަމަށް.. އަހަރެންނާއެކު އިސް ސަފުގަ އުޅުއްވާ ބޭފުޅުންނަށްވެސް އަހަރެން އިވާން ކިޔައިދެމުން ދިޔައީ އެގޮތަށް. ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް އިވާންގެ ނަން އެންމެ ގިނައިން ހުށަހެޅި އެކަކަށް ވާނެ އަހަރެން.. މިއަދު.. އިވާންއަކީ ތައުލީމީ، ގާބިލު އޮފިސަރެއް. ޔެސް ވީ އޯލް ބިލީވްޑް އިން ޔޯ ޕޮޓެންޝިއަލް. އަހަރެން ހަނދާންވާ ގޮތުންނަމަ އުމުރުން އެންމެ ހަތާވީސް އަހަރާ ގާތްވިއިރު މި މުއައްސަސާގެ އިވާން ތިހުރި ލެވެލަށް އާދެވިފަ ހުރި އިތުރު މީހަކު ނުހުންނާނެ! އެކަމަކު.. އަހަރެންގެ އެ ޕުޝްއާ ނުލާ އިވާންއަށް މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ ތިހިސާބަށް ދެވިދާނެކަމަށް އިވާންގެ ސިކުނޑިއަށް ގަބޫލު ކުރެވޭތަ؟" ސިރާޖުގެ ސުވާލަށް ނޫނެކޭ ބުނުމުގެ ގޮތުން އިވާން ދެފަރާތަށް ބޯ ހޫރައިލި އެވެ.
"ސުވާލަކީ.. އިވާން.. ޑިޑް އައި މޭކް އަ މިސްޓޭކް؟ ވެރިއެއްގެ ހައިސިއްޔަތުން އިވާންއަށް އެހާ ބޮޑު އިތުބާރެއް ކުރުމަކީ އަހަރެންނަށް ހެދުނު ގޯހެއްތަ؟" ސިރާޖު އަހައިލި އެވެ. އިވާންއަށް ޖަވާބެއްނުދީ ހިނދުކޮޅަކު މަޑުކޮށްލެވުނީ އޭނާ ކޮށްލާ އެންމެ އިޝާރާތެއް ނުވަތަ ބުނެލާ އެންމެ ލަފްޒެއްގެ ޖަވާބު ސިރާޖަށް ގަބޫލު ނުކުރެވޭނެކަން އެނގޭތީ އެވެ.
"އެންޑް އައި ހޭވް ނެވަރ ލެޓް ޔޫ ޑައުން ޓު ދިސް ޑޭ ސަރ. ގަބޫލު ކުރައްވާ.. ސަރމެންގެ އިތުބާރު ގެއްލޭވަރު ކަމެއް އަޅުގަނޑު ނުކުރަން. ތެދަށް ބުނަންޏާ މިވަގުތު އަޅުގަނޑާ ދޭތެރޭ ކަންތައް މި ހިނގައިދަނީ ޕްރޮސެސްއާ މުޅިން ހިލާފަށް ވަރަށް ބޭއިންސާފުވެރި ގޮތަކަށް. ހެއްކެއް ނެތް ތުހުމަތެއްގަ އަޅުގަނޑު ގެނެސް ތި ބައިންދަނީ… އެއްވެސް ބަޔާނެއް ނުނަގާ އެއްވެސް ވާހަކައެއް އަޑު ނާހާ ޝައްކުގެ އިނގިލިތަށް އަޅުގަނޑާ ދިމާލަށް ތި ދިއްކުރަނީ ދިފާއުވާނެ ފުރުސަތެއްވެސް އަޅުގަނޑަށް ނުދީ" ޖެހިލުންވެފައި ހުރި އިވާން އަދަބުވެރިކަމާއެކު ވާހަކަދެއްކި އެވެ.
"ތިއީތަ އިވާންއަށް މުހިއްމު ކަމަކީ މި ދަނޑިވަޅުގަ؟ އޭން؟ ބުނެބަލަ. މިކަން ދަނީ ޕްރޮސެސްއާ އެއްގޮތަށް ތޯ ނޫންތޯ ބެލުންތަ މުހިއްމީ؟ ބަޔާނެއްވެސް ނެގިދާނެ! ތަހުގީގެއްވެސް ކުރެވިދާނެ! އެކަމަކު މި މުއައްސަސާގެ ނަމުގަ މި ޖެހުނު ލައް ފިލުވާނީ ކިހިނެއް؟ އިވާން ބުނެބަލަ މިކަން ނޫހަށް އަރާ ހިސާބުން މިނިސްޓަރަށް އަހަރެން ދޭނެ ޖަވާބެއް" ސިރާޖު ބުންޏެވެ.
"އަޅުގަނޑު އަދިވެސް ގަބޫލު ކުރަނީ އަޅުގަނޑަށްވެސް ކަން ހިނގައިދިޔަގޮތް ކިޔައިދިނުމުގެ ފުރުސަތެއް ލިބެންވާނެ ކަމުގަ" އިވާން ރައްދުދިނެވެ. އެއާއެކު ސިރާޖު ކޯ ފުއްޕާލައި ފުންނޭވާއެއް ދޫކޮށްލިތަން ފެނުނެވެ. ދެން ފެނުނީ މޭޒުމަތީގައިހުރި ހުރި އިންޓަރކޮމްއަށް އޮބައިލިތަނެވެ. "ބަޔާން ނަގާނެ އޮފިސަރެއް މިކޮޅަށް ފޮނުވާ! ޔެސް! މިހާރު މިވަގުތު!" ސިރާޖު ބުންޏެވެ. އެއާއެކު މިނެޓެއްހާއިރުވެސް ފާއިތު ނުވަނީސް ލެޕްޓޮޕެއް ހިފައިގެން އަލީ އެތަނަށް އަތުވެއްޖެ އެވެ.
"ގޯ އޯން" ސިރާޖާ ޖެހިގެންހުރި ގޮނޑީގައި އަލީ އިށީނުމާއެކު ސިރާޖު އިވާންއަށް ބަލައިލި އެވެ. އެއާއެކު އަލީގެ އިރުޝާދާ އެއްގޮތަށް އިވާން އޭނާގެ ބަޔާން ދޭން ފެށި އެވެ.
"ރޭގަ އަށްގަޑި ބައި ހާއިރު އަޅުގަނޑު ދިޔައީ އަޅުގަނޑުގެ ޕްރޮމޯޝަން ފާހަގަ ކުރަންވެގެން ރައްޓެހިންނަށް ދިން ބާބެކިޔުއަކަށް. މިކޮޅުގެ ގިނަ އޮފިސަރުންތަކެއްވެސް ބައިވެރިވި ބާބެކިޔުއެއް އެއީ. ދެން ކުޑަކޮށް ބޮލުގަ ރިއްސާހެން ހީވާން ފެށީމަ އަޅުގަނޑު ތަންކޮޅެއް އަވަހަށް ގެއަށް ދިޔައީ. އަޅުގަނޑުގެ-" އިވާންގެ ޖުމްލަ ފުރިހަމަ ކުރުމުގެ ކުރިން ހުއްޓައިލި އެވެ. އޭނާގެ ބަޔާނުގައި ހާމަކުރެވޭ ކޮންމެ މީހަކާވެސް ތަހުގީގުގެ ބޭނުމަށް ސުވާލު ކުރެވޭނެކަން އެނގޭތީއާއެކު މައިރާގެ ވާހަކަ ބަޔާނުގައި ގެންނާކަށް އޭނާ ބޭނުމެއް ނުވި އެވެ. "އަޅުގަނޑު ގެނައި ކާރެއްގަ" އިވާންގެ ޖުމްލަ ހަމަޖައްސައިލި އެވެ. "އަޅުގަނޑު އާދައިގެ މަތިން ގެއަށްގޮސް ސްޓަޑީއަށް ވަދެލީ.. އެއަށްފަހު… އެއަށްފަހު…" އިވާންއަށް ވާހަކަ ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. އެއަށްފަހު ހިނގި އެއްވެސް ކަމެއް އޭނާގެ ހަނދާނުގައި ނެތީތީ އެވެ. ކިރިޔާވެސް އޭނާގެ ހަނދާނަށް އުނދަގޫ ކުރަމުންދިޔައީ މައިރާއާ ގާތްގޯޅިވެވިފައިވާ ކަމުގެ މަންޒަރުތަކެވެ. ނަމަވެސް އޭގައިވާ ހަގީގަތެއް އޭނާއަކަށް ކަށަވަރެއް ނުކުރެވެ އެވެ. އަދި އެ ހަގީގަތް ކަށަވަރުވިޔަސް މައިރާގެ ނަން އެ ތަހުގީގުގެ ތެރެއަށް ގެނައުމަކީ އޭނާ އަމުދަކުން ކުރާނެ ކަމެއްވެސް ނޫނެވެ. އެއީ އޭނާގެ އަމިއްލަ އަބުރާއި ސަލާމަތަށް ކިތަންމެ މުހިއްމު ކަމެއް ކަމުގައިވިޔަސްމެ އެވެ.
"އެއަށްފަހު؟" އަލީ އެއްބުމަ ހިއްލައިލަމުން އިވާންއަށް ބަލައިލީ އިވާން ކަންތައްތަކެއް ފޮރުވަމުންދާކަން އޭނާއަށް ޔަގީން ކުރެވޭ ފަދައަކުންނެވެ.
"އެއަށްފަހު.. ފުލުހުން އަޅުގަނޑު ހައްޔަރު ކުރުމާ ހަމައަށް ހިނގައިދިޔަ އެއްވެސް ކަމެއް.. ހަނދާނެއް ނެތް" އިވާން ބުންޏެވެ.
ނުނިމޭ
ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ