ސީއައިޕީ ޓާމިނަލް ބޭރު ބަޔަކަށް ދޭކަށް ނޫޅެން: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ޖެޓްތަކަށް ހިދުމަތް ދިނުމުގެ ހުރިހާ ކަމެއް ހިމެނޭހެން، އެތަނުގެ ސީއައިޕީ/ވީއައިޕީ ޓާމިނަލް ހިންގަން ދުބާއީގެ ކުންފުންޏެއް ކަމަށްވާ ޖެޓެކްސް އަށް ހަވާލުކުރާ ކަމަށް ދެކެވޭ ވާހަކަތައް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މިރޭ ދޮގުކުރައްވައިފި އެވެ. ޖެޓެކްސްއާ ގުޅޭ ގޮތުން ދައުރުވަމުންދާ ވާހަކަތަކާ ގުޅޭ ގޮތުން ޝަރީފު ބައެއް މީޑިއާ ތަކަށް ރޭ ވިދާޅުވީ ދުބާއީގެ ކުންފުންޏާ އެކު އެއްވެސް ނިންމުމެއް މިހާތަނަށް ނިންމާފައި ނުވާނެ ކަމަށެވެ."ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީއައިޕީ ޓާމިނަލް ވެސް އަދި އެހެން ޓާމިނަލެއް ވެސް އެއްވެސް ބަޔަކަށް ދޭކަށް އަޅުގަނޑުމެން ނުނިންމަން. އަޅުގަނޑުމެން އެ ކަމަކާ ނޫޅެން،" ޝަރީފު ވިދާޅުވި އެވެ.އޭނާ ވިދާޅުވިގޮތުގައި ޕްރޮޕޯސަލް ލިބުމުން މަޝްވަރާ ކުރަންޖެހޭ ހާލަތުގައި އެކަން ކުރިޔަސް ގޮތެއް ނިންމަނީ މުޅި ކުންފުންޏާއި ގައުމުގެ އެންމެ މަތީ މަސްލަހަތަށް އިސްކަންދީގެންނެވެ.އެމްއޭސީއެލަށް އަބަދުވެސް އެކި ކުންފުނިތަކުގެ މަޝްރޫއުތަކުގެ ޕްރޮޕޯސަލް ލިބޭކަން ފާހަގަކުރައްވައި އޮފިޝަލު ވިދާޅުވީ ދުބާއީގެ ކުންފުންޏަކުންވެސް ޕްރޮޕޯސަލެއް ލިބިފައިވާކަމަށެވެ. ނަމަވެސް އެ ޕްރޮޕޯސަލާ ގުޅިގެން އެއްވެސް ނިންމުމެއްެ ނިންމާފައި ނުވާނެ ކަމަށާއި އަދި އެފަދަ އެއްވެސް ކަމެއް އެ ކުންފުނިން ނިންމާނީ ކުންފުންޏާއި ގައުމުގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދީގެންކަމަށްވެސް އެމްއޭސީއެލް އިން ބުނެ އެވެ.ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ވީއައިޕީ ޓަރމިނަލްގެ އިތުރުން ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުވެސް ބޭރުގެ ބަޔަކާ ހަވާލުކުރަން ނިންމަވާފައިވާކަމަށް ބުނެ މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. ނަމަވެސް އެފަދަ ނިންމުމެއް މިހާތަނަށް ސަރުކާރުން ނިންމަވާފައި ނުވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފަ އެވެ. ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ނިންމަން ކުރަން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ވަނީ ހޯދައިފަ އެވެ. އެއާ އެކު އެ ޕްރޮޖެކްޓްގެ ޖުމްލަ އަގު ހަތް ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.އާ ޓާމިނަލްގެ މަސައްކަތް އަވަސް ކުރުމަށް 600 ލޭބަރުން ކޮންމެ ދުވަހެއްގެ ގާތްގަނޑަކަށް 18 ގަޑިއިރު އެ މަސައްކަތުގައި ހޭދަކުރެ އެވެ.ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖާ ޓާމިނަލް ހުޅުވަން ހަމަޖެހިފައިވަނީ ޖުލައި 26ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ