ފުލުހުންގެ ބަންދުގައި ހުރި މީހަކު ހޮސްޕިޓަލަށް ގެންދިއުމުން ފާހަނައިގެ ކުޑަދޮރުން ފިލަން އުޅެފި ފުލުހުންގެ ބަންދުގައި ހުރި މީހަކު ހޮސްޕިޓަލަށް ގެންދިއުމުން ފާހަނައިގެ ކުޑަދޮރުން ފިލަން އުޅެފި

ފުލުހުންގެ ބަންދުގައި ހުރި މީހަކު ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ގެންދިއުމުން ފިލަން މަސައްކަތް ކޮށްފި އެވެ.
އާންމު މީހަކު މި ނޫހަށް މައުލޫމާތު ދިން ގޮތުގައި ފުލުހުންގެ ބަންދުން ފިލަން މަސައްކަތް ކުރީ އއ. ރަސްދޫ ގައި ބަންދުގައި ހުރި އެ އަތޮޅު ހިމަންދޫ މީހެކެވެ. އެ މީހާ ބަންދުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ.
މިކަމާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން އެ ހިދުމަތުގެ މީޑިއާ ޓީމުން ބުނީ ރަސްދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުގައި ހުރި މީހަކު ފިލނަން މަސައްކަތް ކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އޭނާ ފިލަން މަސައްކަތް ކުރީ ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު އޮބްޒަވޭޝަންގައި ބާއްވާފައި އޮއްވާ ހޮސްޕިޓަލުގެ ފާހާނާއަށް ވަދެ ކުޑަދޮރުން ފުންމާލައިގެން ކަމަށް ފުލުހުން ބުނެ އެވެ. އެ ވަގުތު އެތަނުގައި ހުރި ފުލުސް އޮފިސަރަކު ވަނީ އޭނާ ހިފަހައްޓާފަ އެވެ.
އޭނާ ހައްޔަރުކުރީ ކޮން މައްސަލައެއްގައި ކަން ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އަދި، އެ މީހާގެ ވަނަވަރާއި ބަންދުގައި ބަހައްޓާ މުއްދަތު އަދި ފިލަން މަސައްކަތްކުރި ވަގުތު އެއްވެސް އަނިޔާއެއް ވިކަން ވެސް ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
މަދުން ނަމަވެސް ރާއްޖޭގައި ފުލުހުންގެ ބަންދުގައި ތިބޭ މީހުން ފިލަން މަސައްކަތް ކުރެ އެވެ. އޭގެތެރެއިން ގިނަ މީހުންގެ މަސައްކަތް ކާމިޔާބު ނުވި ނަމަވެސް މީގެ ކުރިން ކުށްވެރިން ބަންދުން ފިލާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ