ހުރިހާ ސޯޝަލް ހައުސިން ފްލެޓުތަކުގެ ކުލި މައާފު ކޮށްދޭނަން: ގާސިމް

މާލެ ސަރަހައްދުން ވަކި ބަޔަކަށް ހިލޭ ގޯތި ދީފައި، ހަމަ އެ ސަރަހައްދުން  ދޫކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓުތަކުން ބޮޑެތި ކުލި ނެގުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެ، ސަރުކާރުތަކުން ދޫކޮށްފައިވާ ހުރިހާ ހައުސިން ފްލެޓުތަކުގެ ކުލި މައާފްކޮށްދިނުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވައުދުވެވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - މިހާރު ކުލި ނަގަމުންދާ ހުރިހާ ސޯޝަލް ހައުސިން ފްލެޓުތަކުގެ ކުލި ޖޭޕީގެ ސަރުކާރެއްގައި މައާފުކޮށްދިނުމަށް ގާސިމް ވައުދުވެވަޑައިގަތީ، ވަކި ބަޔަކަށް ހިލޭ ބިމާއި ގޯތި ދޫކުރުމާ ދެކޮޅު ހައްދަވައި މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.
މި ސަރުކާރުން ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިފަހުން މާލެ ސަރަހައްދުން ގޯއްޗާއި، ބިން ދޫކުރަން ފަށާފައިވާއިރު، އެ ބިންތައް ދެނީ ހިލެ އެވެ. 
ތަފްސީލް - ގާސިމްގެ ޓުވީޓުގައި ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ބިމެއް އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ނަމަ އެ ބިންތައް ރައްޔިތުންނަށް ހިލޭ ދޭން ދުވަހަކު ވެސް ދެކޮޅު ނަހައްދަވާ ކަމަށެވެ. އެކަމަކު، ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ އެންމެ އަގުބޮޑު ބިންތައް ވަކި ބަޔަކަށް ހިލޭ ދިނުމާ ދެކޮޅުކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން، އެބިންތައް އެއްބަޔަކަށް ހިލޭ ދޭއިރު، ހަމަ އެބިމުގައި އިމާރްކޮށްފައިވާ ސޯޝަލް ހައުސިންގެ ކުދިކުދި ފްލެޓްތަކުން 20-25 އަހަރުން 2.5 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. ގޯތި ގެދޮރުގެ ދަތިކަން އެންމެ ބޮޑު، އެންމެ ހާލުގައި ދިރިއުޅޭ މީހުންގެ އަތުން އެ ފައިސާ ނެގުމަކީ އެއްވެސް އިންސާފެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެހެންކަމުން އަޅުގަނޑުގެ ވެރިކަމެއްގައި ކުރީގެ ހުރިހާ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖްތިމާއީ ފްލެޓުތަކުގެ ކުލި އެ ރައްޔިތުންނަށް މާފުކޮށް ދޭނަމެވެ،" ގާސިމްގެ ޓުވީޓުގައި ލިއުއްވި އެވެ.
އެނގުން މުހިންމު - އަންނަ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ނެރެފައިވާ ގާސިމްގެ މެނިފެސްޓޯގައި ވެސް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ކުލި މާއާފްކޮށްދިނުމުގެ ވައުދު ހިމެނެ އެވެ.
ޖޭޕީގެ މެނިފެސްޓޯގައި ބޯހިޔާވަހިކަމަށް ވެފައިވާ ވައުދުތަކަކީ:
ހިޔާ ފްލެޓުތަކުގެ އިތުރަށް، ފުލުހުންނާއި ސިފައިންގެ ފްލެޓުތަކުގެ ކުލި ވެސް މައާފް ކޮށްދިނުން 
ފުލުހުންނާއި ސިފައިންނަށް މިހާރު އިމާރާތްކޮށްފައިވާ ސިފްކޯ/ޕޮލްކޯ ފްލެޓުތަކުގެ އިތުރުން، އިތުރު 1000 ހައުސިން ޔުނިޓް ތިން އަހަރުގެ ތެރޭގައި އަޅާ، ނިންމައި ހަވާލުކުރުން
ފަނޑިޔާރުންނަށް އާއިލާތަކާ އެކު ދިރިއުޅެވޭ ގޮތަށް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދިނުން
މުޅި ރާއްޖޭގައި 30،000 ހައުސިން ޔުނިޓު އަޅައި އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން
ވެރިކަމުގެ ފަސް އަހަރުތެރޭ މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓު އަޅައި ނިންމުން
ކައިވެންޏަށް ފަހު ދިރިއުޅުން ފަށާ ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން 18،000 ހައުސިން ޔުނިޓް އެޅުން
އަގު ކޮންޓްރޯލް ކުރެވިފައިވާ 6000 ހައުސިން ޔުނިޓް ވިއްކުން
ވިޔަފާރި އުސޫލުން 6000 ހައުސިން ޔުނިޓް ވިއްކުން
އިތުރަށް ކިޔާލަން - 'ހާސްކަނޑާލައި ހަމަޖެހުމަށް' 9 ވައުދަކާ އެކު ގާސިމްގެ މެނިފެސްޓޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ