ކުމުންދޫ ރައްޔިތުން އެދޭނަމަ މުޅިން އާ ބަނދަރެއްވެސް ހަދައިދެވިދާނެ: ރައީސް

ހދ. ކުމުންދޫއަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ އެ ރަށަކީ ގާމަތި ރަށަކަށްވުމުން ކުރިމަތިވެފައިވާ ލަފާފުރުމުގެ ދަތިކަން ކަމަށާއި، އެހެންނަމަވެސް ރައްޔިތުންނާއި މަޝްވަރާ ކުރުމަށްފަހު ކުމުންދޫއިން އެދޭ ނަމަ މުޅިން އާ ބަނދަރެއްވެސް ހެދިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އުފާވެރި އަމާން ރާއްޖެ ކެމްޕޭނަށް މިއަދު ހެނދުނު ކުމުންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހު ވަނީ އަންނަ ދައުރުގައި ކުމުންދޫއަށްވެސް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ރައީސް ވިދާޅުވީ ފެނާ ނަރުދަމާގެ ނިޒާމު ނިމުމާއެކު އެބޭފުޅުންގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ބޮޑެތި މަގުތަކުގައި ތާރުއަޅާ ނިންމުން ކަމަށެވެ. އެގޮތުން އަންނަ ދައުރުގައި ކުމުންދޫގެ ބޮޑެތި މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.
އަދި ކުމުންދޫ ސުކޫލުގެ ވަށާފާރާއި މަލްޓިޕާޕަސް ހޯލާއި، ސުކޫލަށް ބޭނުންވާ ވަސީލަތްތައްވެސް އަންނަ ދައުރުގައި ހޯދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުނި ނައްތާލުމަށް، ޒަމާނީ ފެންވަރުގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރެއް ކުމުންދޫގައި ގާއިމުކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށާއި، އަންނަ ދައުރުގައި އެކަންވެސް ނިންމަވާލައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް މި މަސައްކަތްތަކާއިގެން ކުރިޔަށް ދެވޭނީ ކުރިޔަށް އޮތް ދައުރު ލިބިގެންކަމަށާއި، މި ފަހަރު އިރާދަކުރެއްވިއްޔާ ކުމުންދޫއިން ރެކޯޑް އަދަދަކުން، ބޮޑު ތަފާތަކުން ކާމިޔާބުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަރައްޤީއަށްޓަކައި ސުލްހަޔަށްޓަކައި ބާކީވެވަޑައިނުގެން، އެމްޑީޕީން ވަކިވެގެންދިޔަ ކުމުންދޫގެ ރައްޔިތުންވެސް އެނބުރި އެމްޑީޕީއަށް އައިސް މި އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.
ކުމުންދޫއިން ވަނީ އެރަށަށް ރައީސް ސޯލިހުގެ ސަރުކާރުން ގެނެސްދެއްވާފައިވާ ތަރައްޤީގެ އަގު ވަޒަން ކުރައްވާ ހާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ. މި ފިލާ ރައީސް އާއި ހަވާލުކޮށްދެއްވީ ކުމުންދޫ ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ