ޑިމޮކްރަޓްސްގެ މުހިންމު ކައުންސިލް ބައްދަލުވުމެއް މިއަދު ހަވީރު 3 ޖަހާއިރު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި މެދު މަޝްވަރާ ކުރުމަށް ދަ ޑިމޮކްރެޓްސް ޕާޓީގެ މުހިންމު ކައުންސިލް ބައްދަލުވުމެއް މިއަދު ބޭއްވުމަށް ނިންމައިފިއެވެ.
ދަ ޑިމޮކްރަޓުން ބުނީ ކައުންސިލް މެންބަރުންގެ ބައްދަލުވުމެއް މިއަދު 3:00 ޖަހާއިރު އެ ޕާޓީގެ ޖަގަހައިގެ އޮންނާނެ ކަމަށެވެ. ބައްދަލުވުމުގައި މަޝްވަރާ ކުރާނެ ކަންތައްތަކުގެ ތަފްސީލެއް ހާމަ ކޮށްފައި ނުވި ނަމަވެސް ދެވަނަ ބުރުގައި ނިންމާނެ ގޮތަކާއިމެދު މަޝްވަރާތައް ކުރެވޭނެ ކަމަށް ބެލެވެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 86،151 (39.05 ޕަސެންޓު) ވޯޓާ އެކު ދެވަނައެވެ. އިންތިހާބުގެ އެއްވަނަ ހޯއްދަވާފައި ވަނީ 101،613 (46.06 ޕަސެންޓު) ވޯޓާ އެކު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ.
މި ދަނޑިވަޅުގައި އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރުމަށް ތިންވަނަ ލިބުނު ޑިމޮކްރަޓްސްގެ އެހީއަށް ދެ ޕާޓީންވެސް ވަނީ ނުހަނު ބޭނުންވެފައެވެ. އެގޮތުން މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީން ޕާޓީތަކާ މަޝްވަރާ ކުރަމުންދާ ކަން ފާހަގަ ކުރައްވަމުން އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވީ ދެ ވަނަ ބުރުގައި އެކީގައި މަސައްކަތް ކުރުމާ މެދު ދެތިން ޕާޓީއަކުން ފެހި ސިގްނަލް ދީފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުން ކުރިން ހިޔާލުތަފާތުވުންތަކެއް ހުއްޓަސް ދެވަނަ ބުރުގައި ނަޝީދުއާ އެކު ފެންނާނެ ކަމުގެ އުއްމީދު ބޮޑެވެ.
އަދި ޕީޕީއެމް އިން ވެސް މަޝްވަރާތައް ފަށާފައިވާއިރު އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު އެމްއެންޕީން ވަނީ ދެވަނަ ބުރެއްގައި ޕީޕީއެމް އަށް ތާއިދު ކުރުމަށް ނިންމާފައެވެ. އަދި އަމިއްލަ ގޮތުން ވާދަ ކުރެއްވި ޒަމީލް ކޯލިޝަން ހެދުމަށް ބޭނުން ނުވާ ކަމަށް ވިދާޅުވެފައި ވާއިރު މިހާތަނަށް ގޮތް ނިންމާފައި ނުވަނީ ޖުމްހޫރީ ޕާޓީ އާއި ޑިމޮކްރަޓްސް އަދި އަމިއްލަ ގޮތުން ވާދަ ކުރެއްވި ފާރިސް މައުމޫން އެވެ.
ދެވަނަ ބުރުގެ ކޯލިޝަނާ ގުޅޭ ގޮތުން މީޑިއާތަކުން ސުވާލުކުރުމުން ނަޝީދު ރޭ ވިދާޅުވީ ޑިމޮކްރެޓްސްގެ ފަރާތުން އެމްޑީޕީ އާއި ޕީޕީއެމާ އެކު ވެސް މަޝްވަރާތައް ކުރިއަށް ގެންދަވާ ކަމަށެވެ. ނަމަވެސް މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީއާއެކު މަސައްކަތް ކުރެވެން ނެތް ކަމަށް ވިދާޅުވެފައެވެ. ސިޔާސީ މަސްރަހުގެ ކުޅިބައި އަތުރުމުގެ ބާރު މިހާރު އޮތީ ކިންގް މޭކާ ކަމަށްވާ ޑިމޮކްރަޓްސްގެ އަތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ