އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތު އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައި ކެޕްޓަން ޖޭމްސް ކާމިޔާބުކޮށްދިން ލަނޑާއެކު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެއްޖެ އެވެ.
މި މެޗު އެއްވަރުވެފައިވާއިރު ޗެލްސީ އަށް 21 މެޗުން ލިބިފައިވަނީ 37 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އަށް ވަނީ 47 ޕޮއިންޓް ލިބިފަ އެވެ. އަދި ބޯންމަތު ތާވަލުގެ ހަތްވަނައިގައި އޮތްއިރު އެ ޓީމަށް ވަނީ 34 ޕޮއިންޓް ލިބިފަ އެވެ.
ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗުގެ 13 ވަނަ މިނިޓުގައި ޗެލްސީގެ ކޯލް ޕާމާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ރަގަޅު ކުޅުމެއް ދެއްކި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ބޯންމަތުގެ ސެމެންޔޯ އަށް ޗެލްސީގެ އޭރިޔާ ތެރެއިން ކައިސޭޑޯ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ޕެނަލްޓީއެއް ދީފަ އެވެ. އަދި މި ޕެނަލްޓީން ޖަސްޓިން ކްލައިވަޓް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރުމާއިއެކު ޗެލްސީގެ ކޮންޓްރޯލް ގެއްލިގެންދިޔަތަން ވަނީ ފެނިގެން ގޮސްފަ އެވެ.
މެޗުގެ ނަތީޖާ އެއްވަރުވެފައިވަނިކޮށް ޗެލްސީގެ މާކް ކުކުރެލާ އަށް ބޯންމަތުގެ ޑޭވިޑް ބްރޫކްސް ކުޅުމުން ބޭރުގައި ހެދި ގޯހަކާއި ގުޅިގެން ރަތް ކާޑެއް ދެއްކުމަށް ޗެލްސީގެ ކުޅުންތެރިންނާއި އޮފިޝަލުން އެޕީލް ކުރިނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އޭނާއަށް ރަތް ކާޑުގެ ބަދަލުގައި ރީނދޫ ކާޑެއް ދައްކާފަ އެވެ.
އަދި މެޗުގެ 68 ވަނަ މިނިޓުގައި ސެމެންޔޯ ވަނީ ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ބޯންމަތަށް ކުރި ހޯދަދީފަ އެވެ.
މި މެޗުގައި ޗެލްސީން އެއްވަރުކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރުމަށްފަހު އަލުން ކުޅުމުގެ ތެރެއަށް އައި އެ ޓީމުގެ ކެޕްޓަން ރީސް ޖޭމްސް އެވެ.
ޕްރިމިއާ ލީގުގައި މި ސީޒަނުގައި މިހާތަނަށް ޗެލްސީ 21 މެޗު ކުޅެފައިވާއިރު ޖޭމްސް އަށް ކުޅެވިފައިވަނީ އެންމެ ފަސް މެޗުގަ އެވެ.
ޖޭމްސް ފަހު ވަގުތު ޖެހި ލަނޑުން ޗެލްސީއަށް ޕޮއިންޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ