ޓިކްޓޮކް ބްލޮކް ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ސަރުކާރުން ދޮގުކޮށްފި ޓިކްޓޮކް ބްލޮކް ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ސަރުކާރުން ދޮގުކޮށްފި

ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް ރާއްޖޭގައި ބްލޮކް ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ އެއްވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ބްލޮކް ކުރަން ސަރުކާރުން ނުވިސްނާ ކަމަށާއި އެފަދަ މަޝްވަރާތަކެއް ވެސް ކޮށްފައިނުވާ ކަމަށެވެ.
"ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބްލޮކް ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް. ސޯޝަލް މީޑިއާ އެއްވެސް ޕްލެޓްފޯމެއް ބްލޮކް ކުރަން ސަރުކާރަކުން ނުނިންމާ އަދި އެފަދަ މަޝްވަރާއެއް ވެސް ނުކުރޭ،" ހީނާ ވިދާޅުވި އެވެ.
ހީނާ އިތުރަށް ވިދާޅުވީ، ގާނޫނުއަސާސީއިން ރައްޔިތުންނަށް ލިބިދޭ އަސާސީ ހައްގުތައް ރައްކާތެރިކޮށް ކުރިއަރުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ.
މި ސަރުކާރުން ވެރިކަމަށް އައިތާ ކުރީކޮޅު ވަނީ ދެ ވެބްސައިޓެއް ބްލޮކް ކޮށްފަ އެވެ. ސަރުކާރުން ވަނީ އެކަން ފުރަތަމަ ދޮގުކޮށްފަ އެވެ. ފަހުން ބުނެފައި ވަނީ އެ ވެބްސައިޓު ބްލޮކް ކުރީ ރަޖިސްޓްރީނުކޮށް ނޫހެއް ގޮތަށް ހިންގާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ