ބްރެންޓްފާޑްއިން ސިޓީ މޮޅުވިޔަ ނުދީ ހިފަހައްޓާލައިފި
އިންގްލިޝް ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ބްރެންޓްފާޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ބްރެންޓްފާޑްގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ ދެ ލަނޑު ދެ ލަނޑުން ދެ ޓީމު އެއްވަރު ވެގެންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔަ ނަމަވެސް އެއްވެސް ޓީމަކަށް ލިބުނު ފުރުސަތު ތަކުގެ ބޭނުން ހިފުނު ތަނެއް ފެނިގެނެއް ނުދިޔައެވެ. މި މެޗުގެ ދެވަނަ ހާފު ސިޓީއިން ފެށީ ފުރަތަމަ ހާފަށް ވުރެ ވަރުގަދަ ކޮށްކަން ފާހަގަ ވެގެންދިޔައެވެ. މި ގޮތުން ދެވަނަ ހާފުގެ ކުރީކޮޅު ސާވީނިއޯ ފޮނުވާލި ހަމަލާއެއް ބްރެންޓްފަޑްގެ ގޯލުގެ ދަނޑިއަށް އަމާޒުވެގެންދިޔަތަން ފެނިގެންދިޔައެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ސިޓީގެ ކެޕްޓަން ކެވިން ޑި ބްރުއިނާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށް މެޗުގެ ލީޑު ސިޓީއަށް ނަގައިދިނީ ފިލް ފޯޑެންއެވެ. ނަމަވެސް މި ލަނޑު ޖެހިތާ ފަސް މިނެޓް ފަހުން ބްރެންޓްފާޑްގެ ޔޮއާން ވީސާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ވަނީ ސިޓީގެ ގޯލް ރޮނގުމަތިން ނޭތަން އައިކާ ދިފާއުކޮށްފައެވެ. އަދި ނަތީޖާއަކަށް ވެގެންދިޔައީ މެޗުގެ 78 ވަނަ މިނެޓުގައި ފޯޑެން ކާމިޔާބު ކުރި ދެވަނަ ލަނޑާއެކު ސިޓީގެ ލީޑު ފުޅާކުރުމެވެ. މި މެޗުގައި ބްރެންޓްފާޑްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗުގެ މެޗު ނިމެން އަށް މިނެޓަށް ވެފައިވަނިކޮށް ވީސާއެވެ. މި ލަނޑާއެކު ބްރެންޓްފާޑްއަށް ހިތްވަރެއް ލިބިގެންދިޔައިރު ސިޓީގެ ޑިފެންސް ކޮންމެވެސް ވަރަކަށް ހާސްކަމުގެ ތެރެއަށް ވެއްޓިގެންދިޔަތަން ފެނިގެންދިޔައެވެ. އަދި ނަތީޖާ އަކަށް ވެގެންދިޔައީ މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ބްރެންޓްފާޑްގެ ކެޕްޓަން ކްރިސްޓިއަން ނޯގާޑް ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. އަދި މެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި އެ ޓީމަށް ވަނީ މެޗުގެ ލީޑުވެސް ނަގާނެ ފުރުސަތު ލިބިގެން ގޮސްފައެވެ. ނަމަވެސް މިފަހަރުވެސް އައިކާ ވަނީ އެ ހަމަލާ ދިފާއު ކޮށްފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހާމަކުރިގޮތުގައި މި މެޗުން މޮޅުވުމާ ގާތަށް ސިޓީ ދިޔަ ކަމަށާއި ނަމަވެސް އޭނާގެ ކުޅުންތެރިންނަށް ރަނގަޅު ނިންމުންތައް ނުނިންމުމުގެ ސަބަބުން އެ ފުރުސަތު ގެއްލިގެން ދިޔައީ ކަމަށެވެ. އޭނާ ހާމަކުރިގޮތުގައި މިމެޗުން ސިޓީއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިގެންދިޔަ ކަމަށާއި ނަމަވެސް ނިންމުން ގޯސްވީ ކަމަށެވެ. އަދި ބްރެންޓްފަޑް އަކީ އެއްވެސް އިރެއްގައި ކުޅެން ފަސޭހަ ޓީމެއް ނޫން ކަމަށްވެސް ޕެޕް ހާމަކުރިއެވެ. މި މެޗު އެއްވަރު ވުމުން ސިޓީއަށް މި ވަނީ ތާވަލްގެ ފަސް ވަނައަށް އެރުމަށް ލިބިގެން ދިޔަ ފުރުސަތު ގެއްލިގެން ގޮސްފައެވެ. އެ ޓީމު މިހާރު އުޅެނީ 35 ޕޮއިންޓާއެކު ތާވަލްގެ ހަ ވަނައިގައެވެ. އަދި ބްރެންޓްފާޑް މިހާރު އުޅެނީ 28 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ