އަނބިދަރިންނަށް ކާންބޯން ދިނުމަކީ ދިރިމީހާ އަދާކުރަންޖެހޭ މަސްއޫލިއްޔަތެކެވެ. ވީމާ އެފަދަ ކަމަކަށް ފިރިމިހާގެ އިޒުނައާއިއެކު އަނބިމީހާގެ ނަމުގައި ދަރަންޏެއް ނެގިނަމަވެސް އެދަރަނި އަދާކުރަންޖެހޭނީ ފިރިމީހާއަށެވެ.
މިހާރަކަށް އައިސް ދިރިއުޅުމުގެ ކަންކަން ހުންނަގޮތުން އަބަދުހެން އޮންނަނީ ގޭގެ ބޭނުންތަކަށް ކަންމަތީ ފިހާރައިން ދަރަންޏަށް ނަގަންޖެހިފައެވެ. އެދަރަނި ގިނަ ފަަހރު ނަގަނީ އަނބިމީހާއެވެ. އަނބިމީހާ ނެގިނަމަވެސް އެދަރަނި ނަގަނީ އޭނާގެ އަމިއްލަ ބޭނުމަކު ނޫނެވެ. ފިރިމީހާ ކޮށްދޭންޖެހޭ ކަންކަމުގައެވެ.
ބައެއް އަންހެނުންގެ ކިބައިން ލިބޭ ސުވާލަކީ މިފަދަ ގޮތަކަށް ދަރަންޏެއް ނަގާފައިވަނިކޮށް ވަރިކޮށްފިނަމަ ދަރަނި އަދާކުރަންޖެހޭނީ ކާކަށްތޯއެވެ. ދަރަނި ނެގީތީ އަނބިމީހާއަށްތޯއެވެ؟ ނޫންނަމަ ފިރިމީހާއަށްތޯއެވެ؟ ޖަވާބަކީ ފިރިމީހާ ކޮށްދޭންޖެހޭ ކަމަކަށް އަނބިމިހާގެ ނަމުގައި ދަރަންޏެއް އޮވެއްޖެނަމަ އެދަރަނި އަދާކުރަންޖެހޭނީ ފިރިމީހާއަށެވެ.
އަނބިދަރިންނަށް ކާންބޯން ދިނުމަކީ ފިރިމީހާކުރަންޖެހޭ ކަމެކެވެ. ދަރަނި ނަގާފައިވަނީ ފިރިމީހާ ބުނެގެންނެވެ. ނުވަތަ ރުހިގެންނެވެ. ވަރިކުރުމަކުން، އަންތބަކަށް އިން އިރު ކާންބޯންޖެހުމަކުން ސަލާމަތެއް ނުވެއެވެ.
އިތުރު ގޮތެއްވެސް އެބަ މެދުވެރިވެއެވެ. ދެމަފިރިން ދިރިއުޅެނީ ފިރިމީހާގެ ގޭގައެވެ. އަނބިމީހާގެ ނަމުގައި އިންސްޓޯލްމަންޓަށް ފަރުނީޗަރު ފަދަ އެއްޗެއް ނަގައި ދަރަނި އަދާނުކުރެވި ވަނިކޮށް ވަރިކުރަނީއެވެ. ވަރިކުރުމުން އަނބިމީހާއަށް ޖެހެނީ ގެއިން ނުކުމެގެންދާށެވެ! ފަރުނީޗަރު ހުންނަނީ ފިރިމީހާގެ ގޭގައެވެ.
މިޙާލަތުގައި އެގޮތަށް ހޯދާފައިވާ އެއްޗެއް ހިފައިގެންދާކަށްވެސް ނުބުނެވޭނެއެވެ. އޭނާ ގެންގޮސް އެވައްދާނީ ކޮންތާކަށް ހެއްޔެވެ؟ ވީމާ އެއިގެ ދަރަނި އަދާކުރަން ޖެހޭނީ ފިރިމީހާއަށެވެ. ދެމަފިރިން އެކުގައި އުޅުނަސް އެފަދަ ދަރަނިތައް އަދާކުރަންޖެހޭނީ ފިރިމީހާއަށެވެ. ބޯހިޔާވަހިކަން ފޯރުކޮށްދީ ދިރިއުޅެވޭނެ ގޮތް ހަދައިދިނުމަކީ ފިރިމީހާގެ ކަމަކަށްވާތީއެވެ.
ނަމަވެސް އަނބިމީހާގެ ނަމުގައި ދަރަންޏަށް ނަގާފައިވާ އެފަދަ އެއްޗެއް، ވަރިކުރުމުން ނުކުމެގެންދާއިއރު އަނބިމީހާ ގެންދަން ބޭނުންވެގެން ގެންގޮސްފިނަމަ އެދަރަނީގެ ޒިންމާ އުފުލަންޖެހޭނީ އަނބިމީހާއަށެވެ.
އިސްލާމް ދީނުގައި އޮތީ އަނބިމީހާ ވަރިކުރާނަމަ ރިވެތި ގޮތުގައި އެކަންކުރުމެވެ. ރިވެތި ގޮތުގައި އެކަންކުރުމަކީ މިބާވަތުގެ ކަންކަން ރިވެތިގޮތުގައި ޙައްލުކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކާންބޯންދިނުން ފަދަ ފިރިމީހާ ކޮށްދޭންޖެހޭ ކަމަކަށް އަނބިމީހާގެ ނަމުގަ ދަރަންޏެއް ނެގިނަމަވެސް އަދާކުރުމަކީ ފިރިމީހާ ކުރަންޖެހޭނެ ކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ