ރ. މީދޫއަށް ތާވަތާ އަދި މަޑުވައްރީއަށް އުފުލަންދޫ ދޭން ނިންމައިފި

ރ. މަޑުއްވަރީގެ އިހުތިސާސްގައި އުފުލަންދޫ އަދި އެ އަތޮޅު މީދޫގެ އިހުތިސާސްގައި ތާވަތާ ހިމަނަން ނިންމައި، ރައީސް މުހައްމަދު މުއިއްޒު މިއަދު އެކަން އިއުލާންކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް އެކަން އިއުލާންކުރެއްވީ ރ. އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މަޑުއްވަރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ބުނީ ކީކޭ؟ - ރަށަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ގެނެވިދާނެެ ހައްލުތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ރަށުގެ ބިން ފުރިފައިވާ ކަމަށާއި ނަމަވެސް ފަޅުގައި ޖާގަ ނެތުމުން ހިއްކުނަސް ހިއްކޭނީ ނިސްބަތުން ކުޑަ ސަރަހައްދެއް ކަމަށެވެ.
އެހެން ނަމަވެސް ރައީސް ވިދާޅުވީ މަޑުއްވަރީގެ ބިން ހިއްކުމުގެ މަޝްރޫއު މި އަހަރުގެ ބަޖެޓުގައި ހިމަނައި، ކަމާ ގުޅޭ ވުޒާރާތަކާއި ކައުންސިލުން މަޝްވަރާކުރެއްވުމަށްފަހު މި އަހަރު އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
އެ މަޝްރޫއުގައި ހިމަނައިގެން ހައްލުކުރަން ރާވާފައިވާ އިތުރު މައްސަލަތަކަކީ:
ކުރިން ހަދާފައިވާ ބަނދަރު ބެކްފިލްނުކޮށް ހުރުން
ގިރާ ސަރަހައްދު ހިމާޔަތްނުކޮށް އޮތުން
ބަނދަރުގެ ބޭރުތޮށި، އުޅަނދުފަހަރަށް ވަދެވޭ ގޮތަށް ނެތުން
ތަފްސީލު - އެހެން ނަމަވެސް، ރައީސް ވިދާޅުވީ ރަށަށް އެންމެ ހައެއްކަ ހެކްޓަރު އިތުރުކޮށްގެން ބިމުގެ މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށެވެ. އަދި އިގްތިސާދީ މަސައްކަތް ކުރާ ތަންތަން ރަށުން ބޭރަށް ބަދަލުކުރުމަކީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި އާންމު ސިއްހަތަށް ވެސް އޮތް އެންމެ ރަނގަޅު ހައްލެވެ.
އެގޮތުން ރ. މަޑުއްވަރީގެ އިހުތިސާސްގައި އުފުލަންދޫ އަދި ރ. މީދޫގެ އިހްތިސާސްގައި ތާވަތާ ހިމަނަން ނިންމާފައިވާކަން އެމަނިކުފާނު ވަނީ އިއުލާންކުރައްވާފަ އެވެ.
ރައީސް އެދިވަޑައިގަތީ، އެކަމާ ގުޅޭ ގާނޫނީ ލިޔެކިޔުންތަކުގެ ކަންކަން ހަމަޖެހުމުން މީހުން ދިރިއުޅޭ ސަރަހައްދެއްގައި ހުންނަން ނުޖެހޭ ހުރިހާ ތަނެއް އެ ރަށްތަކަށް ބަދަލުކުރުމަށެވެ.
އުފުލަންދޫއަކީ މަޑުއްވަރީގެ ދެކުނަށް، އެ ރަށާ ގާތްގަނޑަކަށް 1.6 މޭލު ދުރުމިނުގައި އޮންނަ ރަށެކެވެ. ތާވަތާ އޮންނަނީ މީދޫގެ އިރުއުތުރުން 2 ވަރަކަށް މޭލު ދުރުގަ އެވެ.
ގުޅުންހުރި ކަމެއް - ރަށާ ގުޅޭ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ އެ ރަށުގެ ހައުސިން ޔުނިޓުތައްވެސް ހިމެނޭ ގޮތަށް ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގައިދޭނެ ފަރާތެއް ހޯދުމަށް، މި މަހުގެ ބާކީ މި އޮތް ދުވަސްތަކުގެ ތެރޭގައި އިއުލާން ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ