ހދ. ހޮނޑާފުށި ދެކުނުން ކަނޑުމަތީގައި އުޅުނު މަސްދޯންޏަކުން ގެއްލުނު މަސްވެރިޔަކު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑުން ހިންގި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަކަށްފަހު މިއަދު ހެނދުނު ދިރިހުއްޓާ ފެނިއްޖެއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ "ބަހުރު" ނަމަކަށް ކިޔާ މަސްދޯންޏެއްގައެވެ. ދޯނިން މީހަކު ގެއްލިގެން ކޯސްޓްގާޑަށް ރިޕޯޓް ލިބިފައިވަނީ ފަތިހު 4:05 ހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން ނޮދަން އޭރިއާ ކޮމާންޑާއި ކޯސްޓްގާޑް ފާސްޓް ސްކޮޑްރަން އިން ވަނީ ވަގުތުން އެމީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.
ގެއްލުނު މީހާ ފެނިފައިވަނީ ހެނދުނު 5:55 ހާއިރު ހޮނޑާފުށީގެ ގޮނޑުދޮށާ ކައިރި ސަރަހައްދަކުންނެވެ. އޭނާ ފެނުނީ ކޯސްޓްގާޑާ ގުޅިގެން އެ ސަރަހައްދުގައި ހަރަކާތްތެރިވި އާންމު ރައްޔިތުންނަށެވެ.
އެމީހާ ފެނުމާއެކު، އަވަސް ފަރުވާއަށްޓަކައި 5:59 ހާއިރު ހދ. ހަަނިމާދޫ ސިއްހީ މަރުކަޒަށް ވަނީ ގެންގޮސްފައެވެ. ހަަނިމާދޫ ސިއްހީ މަރުކަޒުން ފަހުން ކަށަވަރުކޮށްދިން ގޮތުގައި، ފަރުވާ ދިނުމަށްފަހު މިހާރު އެމީހާގެ ހާލަތު ވަނީ ސްޓޭބަލް ވެފައެވެ.
މި އޮޕަރޭޝަންގައި ބައިވެރިވި އާންމު ރައްޔިތުންނަށް އެމްއެންޑީއެފުން ވަނީ ޝުކުރު އަދާކޮށްފައެވެ. ކޯސްޓްގާޑުގެ އުޅަނދުފަހަރާއެކު އާންމުންގެ އެހީތެރިކަން ލިބުމަކީ މި މީހާ ސަލާމަތްކުރުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން އެމްއެންޑީއެފުން ފާހަގަކުރިއެވެ.
މަސްދޯންޏަކުން ގެއްލުނު މީހާ ގޮނޑުދޮށަށް ލައްގާފައި އޮއްވާ ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ