މި ސަރުކާރުން ކުރިއަށްގެންދާ "ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓުގެ ސްކީމްތަކަށް ކުރިމަތިލީ މީހުންގެ ހިސާބުތައް ހާމަކުރަން ހައުސިން މިނިސްޓްރީން ދެކޮޅު ހަދައިފި އެވެ.
ސަރުކާރުން ކުރިއަށްގެންދާ އާއިލީ ބޯހިޔާވަހިކަން އަދި ގޯތިގެދޮރުގެ ޕްރޮގްރާމުގެ ދަށުން ފްލެޓަށް 35،930 އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެފޯޑަބަލް މޮޑެލް އަދި ރެންޓް ޓު އޯން މޮޑެލްއަށް ކުރިމަތިލީ މީހުންގެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން ހައުސިން މިނިސްޓްރީއާ އަދަދު އިން ސުވާލުކުރުމުން އެ މިނިސްޓްރީން ބުނީ މިނިސްޓްރީގެ ވެރިފިކޭޝަން މަރުހަލާގައި ހައުސިންގ މޮޑެލްއަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމަކަށްވާތީ، އެކަމާ ގުޅޭ ތަފްސީލީ މައުލޫމާތު ހިއްސާކުރެވޭނީ ވެރިފިކޭޝަން މަރުހަލާ ނިމުމުން ކަމަށެވެ.
ހައުސިން މޮޑެލްއަށް ފަހުން ބަދަލު އައި ނަމަވެސް އެ ސްކީމުތަކަށް ކުރިމަތިލީ މީހުންގެ އަދަދު ހާމަނުކުރެވޭ ސަބަބެއް އެ މިނިސްޓްރީ އިން ނުބުނެ އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަށް ކުރިމަތިލި އެޕްލިކޭޝަންތައް ކްރޮސް ވެރިފައިކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އިވެލުއޭޝަންގެ މަސައްކަތް ފަށާނީ ކްރޮސް ވެރިފިކޭޝަންގެ މަރުހަލާއަށްފަހު ކަމަށް މިނިސްޓްރީން ބުންޏެވެ.
ކްރޮސް ވެރިފިކޭޝަން މަރުހަލާގައި މައިގަނޑު ގޮތެއްގައި ބަލާނީ އެޕްލިކަންޓް ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި އެޕްލިކޭޝަންގައި ބަޔާންކޮށްފައިވާ ކަންކަމުގެ ސައްހަ ކަމަށެވެ.
އާއިލީ ބޯހިޔާވެިކަން ޕްރޮގްރާމް:
ގޯތިގެދޮރުގެ ޕްރޮގްރާމް:
އާއިލީ ބޯހިޔާވަހިކަމުގެ ދަށުން ޖުމްލަ 15،000 ބިން އަދި 7،900 ފްލެޓު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެތެރެއިން ބިންތައް ރަސްމާލެއިން ދިނުމަށް ހަމަޖެހިފައިވާއިރު، ފްލެޓުތައް ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެނެވެ.
އާއިލީ ބޯހިޔާވަހިކަމުގެ ދަށުން ބިން ދޫކުރަނީ މާލޭ ރަށްވެހިންގެ ކެޓެގަރީއަށާއި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށެވެ. އެއީ 1،250 އަކަފޫޓުގެ ބިމެވެ.
މި ސްކީމްގެ ދަށުން މާލޭގެ ރަށްވެހިންނަށް 10،000 ބިން، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ބިން، މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް 500 ބިން އަދި މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުންނާއި އަދި އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާއި ލާޖައްސައިގެން ބައްދަލުކުރާ ފަރާތްތަކަށް 1،500 ބިން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މާލޭ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ފްލެޓް އަދި ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ޖުމްލަ 2،400 ފްލެޓް އާއިލީ ބޯހިޔާވެހިކަމުގެ ދަށުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ހާއްސަ އިސްކަންދެވޭ ކެޓަގަރީތަކުގެ ތެރޭގައި ސަރުކާރުގެ އެކި އޮފީސްތަކާއި ފުލުހުންނާއި ސިފައިންނާއި ކަރެކްޝަނަލް ސާވިސް އަދި އެހެނިހެން މުއައްސަސާތައް ވެސް ހިމެނެ އެވެ.
ފްލެޓުގެ ސްކީމްތަކަށް ކުރިމަތިލީ މީހުންގެ ހިސާބުތައް ހާމަކުރަން ދެކޮޅު ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ