ފަނޑިޔާރުގެ ހިންގަން ޖެހޭނީ ސަރުކާރުން، މިނިވަންވާން ޖެހޭނީ ފަނޑިޔާރުން: އުމަރު ނަސީރު

ރާއްޖޭގައި މިނިސްޓްރީ އޮފް ޖަސްޓިސްއެއް އޮންނަންޖެހޭ ކަމަށާއި ފަނޑިޔާރުގެ ސަރުކާރުން ހިންގާއިރު، މިނިވަން ވާން ޖެހޭނީ ފަނޑިޔާރުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އުމަރު މިހެން ވިދާޅުވީ، ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
އުމަރު ވިދާޅުވީ، ގާނޫނުއަސާސީއަަށް ބަދަލު ގެނައުމަކީ އަބަދުވެސް ހިނގަހިނގައި އޮންނަންޖެހޭ ކަމެއް ކަމަށާއި މިހާރު އޮތް ގާނޫނުއަސާސީއަށް ވެސް ބަދަލުތަކެއް ގެނަންޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގައި މިނިސްޓްރީ އޮފް ޖަސްޓިސްއެއް އޮންނަންޖެހޭ ކަމަށް ވިދާޅުވިއެވެ. އެމެރިކާ އިނގިރޭސިވިލާތް އަދި އިންޑިއާ ފަދަ ޑިމޮކްރެޓިކް އެންމެ ބޮޑު ތިން ގައުމުގައި ވެސް މިނިސްޓްރީ އޮފް ޖަސްޓިސް ހުންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
އުމަރު ވިދާޅުވީ، އަދުލުއިންސާފުގެ ކަންކަން އިންތިޒާމުކޮށް ހިންގައި ބެލެހެއްޓުން އެއީ ސަރުކާރުގެ ރޯލެއް ކަމަށާއި އެއީ ޖުޑިޝަރީގެ ޒިންމާއެއް ނޫން ކަމަށެވެ. އަދި އެއީ ޖުޑިޝަރީގެ ޒިންމާއެއް ކަމަށް ހީވުމަކީ ކުށްހީއެއް ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ޖުޑިޝަރީއަކީ މިނިވަން ތަނަކަށް ނުވާނެ ކަމަށާއި މިނިވަން ވާން ޖެހޭނީ ފަނޑިޔާރު ކަމަށް އޭނާ ވިދާޅުވިއެވެ.
”ޖުޑިޝަރީއަކީ މިނިވަން ތަނެއް ނޫން. މިނިވަން ވަނީ ފަނޑިޔާރު. ފަނޑިޔާރު މިނިވަން ވަނީ. ޖުޑިޝަރީއާ އެތަނުގެ މޭޒުތަކާއި އެތަނުގެ އިދާރީ މުވައްޒަފުންނާއި އެއީ މިނިވަން ބައެއް ނޫނޭ އިނގޭތޯ. އެއީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުގައި އޮންނަ ތަނެއް ދުނިޔޭގެ ހުރިހާ ތަނަކު ވެސް،“ އުމަރު
ސަރުކާރުގެ ނުފޫޒު އަދުލުއިންސާފު ގާއިމްކުރުމުގެ ނިޒާމުގެ ތެރެއަށް ނުވަންނާނެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ، އެ ނުފޫޒު ޝައްކެއް ނެތް ގޮތުގައި ވަންނާން ކަމަށެވެ.
އެހެންނަމަވެސް، ފަނޑިޔާރުން މިނިވަންކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އޮންނަން ވާނީ މިނިވަން ތަނެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފަނޑިޔާރުން މިނިވަންކަންމަތީ ބޭތިއްބުމަށް އެ ކޮމިޝަން އެކުލެވިގެންވާ ގޮތަށް ވެސް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތުން އެ ކޮމިޝަނުގައި ސިޔާސީ ބަޔަކު ތިބެގެން ނުވާނެ ކަމަށާއި އެ ކޮމިޝަނުގައި ތިބެންވާނީ ހައިކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށް ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ބޮޑެތި ސިންގާ ވަގުން ވެރިކަމަށް ގެނެސްފައި ހުރިހާ ސިޔާސީ ޕާޓީތަކެއް ވެގެން އެންމެ ބޮޑެތި ލުޓޭރުން ލައްވާ ވެރިކަން ކުރުވާފައި ތިޖޫރި ހުސްވެ، ގައުމު ދެރީމާ ގާނޫނުއަސާސީ ގޯސްކޮށް، އިސްލާހުކުރަން ގޮވާލަމުންދާ ކަމަށެވެ.
”ގާނޫނުއަސާސީއަށް އެބަހުރި ބަދަލުތަކެއް ގެންނަން. އެކަމަކު މީގެ ފޫޅު ނުކަނޑައްޗޭ ގާނޫނުއަސާސީއަށް އެއީ އަޅުގަނޑު މި ދަންނަވާ އެއްޗަކީ. ހަމަ އަޅުގަނޑުމެންގެ ތެރޭގައި ބޮޑެތި ސިންގާ ވަގުން ވެރިކަމަށް ގެނެސްފައި ހުރިހާ ސިޔާސީ ޕާޓީތަކެއް ވެގެން އެންމެ ބޮޑެތި ލުޓޭރުން ލައްވާ ވެރިކަން ކުރުވާފައި ތިޖޫރި ހުސްވެ، ގައުމު ދެރީމޭ، (މި ބުނަނީ) އޭ ގާނޫނުއަސާސީ ގޯހީއޭ،“ އުމަރު
ޕާޓީތަކުން މިހާތަނަށް ގެނެސްފައި ހުރި ބަދަލުތަކަކީ އެ މީހުންނަށް ކޮރަޕްޝަން ހިންގަން މަގުފަހިކުރަން ގެނެސްފައި ހުރި ބަދަލުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އުމަރު ވިދާޅުވީ، ރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމު ފެށެނީ ވެސް ކޮރަޕްޝަނުން ކަމަށެވެ. ވެރިން ވައްކަން ކުރާއިރު ރައްޔިތުން ވޯޓު ވިއްކާލަމުންދާ ކަމަށާއި ކޮންމެ މީހަކު ވެސް އެ މީހެއްގެ ނަފްސު ތެދުވެރިތޯ ސުވާލު އުފައްދަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ