1978 ވަނަ އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، އެމަނިކުފާނުގެ ޒަޢާމަތުގައި، ރާއްޖޭގައި ރޭޑިޔޯގެ ޚިދުމަތް ފުޅާ ކުރައްވައި ތަރައްޤީ ކުރެއްވުމަށް ކުރެއްވި ހީވާގި މަސައްކަތްޕުޅުތަކެއްކުރެއްވި ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު މައުމޫނަށް އަނެއްކާވެސް ތައުރީފްކޮށް ވާހަކަފުޅުދައްކަވައިފި އެވެ.
ދިވެހިރާއްޖޭގެ އަޑަށް 50 އަހަރު ފުރުނު ރަންޔޫބީލު މުނާސަބަތުގައި، ރައީސް މިއަދު ދެއްވި ހިތާބުގައި ވިދާޅުވީ ރައީސް މައުމޫންގެ ޒަޢާމަތުގައި، ރާއްޖޭގައި ރޭޑިޔޯގެ ޚިދުމަތް ފުޅާ ކުރައްވައި ތަރައްޤީ ކުރެއްވުމަށް ކުރެއްވި ހީވާގި މަސައްކަތްޕުޅުތައްވެސް ޚާއްޞަ ގޮތެއްގައި ފާހަގަކޮށް، އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.
އަދި ރޭޑިޔޯގެ ޚިދުމަތް ފެށްޓެވުމަށް އޭރުގެ ވަޒީރުލްއަޢުޘަމް ސުމުއްވުލްއަމީރު އަލްމަރުޙޫމް އިބްރާހީމް ނާޞިރު ކުރެއްވި މަސައްކަތްޕުޅުތަކުގެ ހަނދާންތައް އާކުރަމުން، އެ މަރުޙޫމުގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަދި 1978 ވަނަ އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، އެމަނިކުފާނުގެ ޒަޢާމަތުގައި، ރާއްޖޭގައި ރޭޑިޔޯގެ ޚިދުމަތް ފުޅާ ކުރައްވައި ތަރައްޤީ ކުރެއްވުމަށް ކުރެއްވި ހީވާގި މަސައްކަތްޕުޅުތައްވެސް ޚާއްޞަ ގޮތެއްގައި ފާހަގަކޮށް، އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. ހަމައެއާއެކު، ރޭޑިޔޯގެ ޚިދުމަތް ފެށިގެން އައިސް އަދި އެ ޚިދުމަތް ތަރައްޤީ ކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވި ބޭފުޅުން ކޮށްދެއްވި މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރަމުން އެބޭފުޅުންނަށްވެސް ޙައްޤުވެގެންވާ ޝުކުރު ދަންނަވަމެވެ." ރައީސް ޑރ.ވަހީދު ވިދާޅުވި އެވެ.
މިވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި، ތަފާތު އެކި ނަންނަމުގައި ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް، ރާއްޖޭގެ ރައްޔިތުންނަށްވަނީ ލިބިފައެވެ. 1962 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެންމެ ފުރަތަމަ [މާލޭ ރޭޑިޔޯ]ގެ ނަމުގައި މި ޚިދުމަތް ވަރަށް ކުޑަގޮތަކަށް ފެށިގެން އައިކަން ފާހަގަކޮށްލެވެ އެވެ.
ރައީސް ވަނީ މިވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ އަޑަށް އެކި ރޮނގުރޮނގުން ޚިދުމަތް ކޮށްދެއްވި ހުރިހާ ބޭފުޅުންނަށާއި، މިހާރު ދިވެހިރާއްޖޭގެ އަޑުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ އެންމެހައި ވެރިންނަށާއި، ޕްރޮގްރާމްތައް ހުށަހަޅުއްވާ މުވައްޒަފުންނަށާއި، ޓެކްނީޝަނުންނަށާއި، ޚަބަރުގެ ދާއިރާގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށާއި، އިދާރީ މުވައްޒަފުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
"އަޅުގަނޑަކީވެސް ވަރަށް ކުރިއްސުރެ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތައް އަޑުއަހަމުން ގެންދާ މީހެކެވެ. އަދި އަޑުގެ އެކި ޕްރޮގްރާމްތަކަށް އަޅުގަނޑުގެ ހިތުގައިވެސްވަނީ ޝައުޤުވެރިކަން އުފެދިފައެވެ. މިހާރުވެސް އަޅުގަނޑަށް ވަގުތުވީ ވަރަކުން ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތައް އަޑުއަހަމުން ގެންދަމެވެ. އެހެންކަމުން، މިއަދު ދިވެހިރާއްޖޭގެ އަޑަށް 50 އަހަރު ފުރޭއިރު، އެ އުފަލުގައި ބައިވެރިވުމަކީ، އަޅުގަނޑަށްވެސް ލިބޭ ވަރަށްބޮޑު ޝަރަފެކެވެ." އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދު ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ބިނާވެގެން މިދަނީ، މި ވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި މި ދާއިރާގައި ޚިދުމަތް ކުރައްވަމުން ގެންދެވި ބޭފުޅުން އެޅުއްވި ހަރުދަނާ ބިންގަލުގެ މައްޗަށްކަމީ ދެބަސްނުވެވޭނޭ ޙަޤީޤަތެއް ކަމަށާއި ރޭޑިޔޯގެ ޚިދުމަތް ދިވެހި ވުޖޫދަށް އުފަންވީ ހިސާބުން ފެށިގެން، މިއަދާ ހަމައަށް ރޭޑިޔޯ ގިރާކުރި ކޮންމެ ހަރުފަތެއްގައި މަސައްކަތްޕުޅު ކުރެއްވި ބޭފުޅުން، އެ ކުރެއްވި މަސައްކަތްޕުޅުތަކުގެ މަތިންވެސްމި މުނާސަބަތުގައި ހަނދާން އާކޮށްލަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ އަޑުގެ ރަންޔޫބީލު މުނާސަބަތު މިއަދު ފާހަގަކުރަމުންދާއިރު، މިވޭތުވެދިޔަ ދިގު މުއްދަތުގައި ދިވެހިރާއްޖޭގެ އަޑަށް ވަރަށް ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ދެބޭފުޅެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި ދެނަންފުޅަކީ ސަމަރުބްލޫ އިބްރާހީމް މަނިކާއި، ބަދުރުއްނަޞީރެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ފޮނުއްވާ މަޢުލޫމާތުގެ ތަފާތު ޕްރޮގްރާމްތައް އިތުރުކުރެއްވުމަށާއި، އެ ޕްރޮގްރާމްތަކުގެ ފެންވަރު ރަނގަޅު ކުރައްވައި، ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށާއި، އަދި އަޑުގެ އެކިއެކި ޕްރޮގްރާމްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އަޑުގެ އެހުންތެރިންގެ ހިތްހަމަޖައްސަވައިދެއްވުމަށް، އެދެބޭފުޅުން ކުރައްވާފައިވާ މަސައްކަތްޕުޅުތަކަކީ، އަޅުގަނޑުމެންގެ ހަނދާނުން ފޮހެވިގެންދާނެ މަސައްކަތްޕުޅުތަކެއް ނޫން ކަމަށެވެ.
"ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތަކީ، ޤައުމު ދެމިއޮތްހާ ހިނދަކު ދެމިހުންނާނެ ޚިދުމަތެކެވެ. އެއީ، ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތެއް ކަމަށްވާއިރު، ޢާންމުން ޝައުޤުވެރިވާ ގޮތަށް އަދި ޢާންމުންގެ ބައިވެރިވުން އެކުލެވޭގޮތަށް، ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތައް މިއަދު ބައްޓަން ކުރައްވައި، ކުރިއަށް ގެންދަވާކަމީ އަޅުގަނޑު ނުހަނު އުފާކުރާ ކަމެކެވެ. ޒަމާނީ ޓެކްނޯލޮޖީގެ ވަސީލަތްތަކާއެކު، އަޑު މިއަދު ހޯދަމުންދާ ކުރިއެރުންތަކަކީ، މިފަދަ މުނާސަބަތެއްގައި އެކަންކަން އަޅުގަނޑުމެން ވަޒަންކުރަންޖެހޭ ކުރިއެރުންތަކެކެވެ." ރައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދިވެހިރާއްޖޭގެ އަޑު އިތުރު ހަރުފަތްތައް ގިރާކޮށް، އަޑުގެ އެހުންތެރިންގެ ގާތުގައި މަޤްބޫލު ޝަޚްޞިއްޔަތަކަށް އެ އަޑު ވެގެން ދިޔުމަށް އުއްމީދުކުރާ ކަމަށާއި މާތްވެގެންވާ އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި، ދިވެހިވަންތަކަމުގެ މައިގަނޑު އުސޫލުތައް ދަމަހައްޓައި، މުޖުތަމަޢުގެ ރީތި އުސޫލުތަކާއި އާދަކާދަތަކަށް އިޙްތިރާމްކޮށް، އަޚްލާޤީ ރިވެތި މިންގަނޑުތައް ޅަކުދިންނަށާއި ޒުވާން ޖީލަށް ދަސްކޮށްދޭ މުއައްސަސާއެއްގެ ގޮތުން ދިވެހިރާއްޖޭގެ އަޑު ހެދިބޮޑުވަމުން ދިޔުމަށް އުއްމީދުކުރާ ކަމަށް ވެސް އެމަނިކުފާނު ދެއްވި ހިތާބުގައި ވިދާޅުވި އެވެ.
ރޭޑިޔޯގެ ޚިދުމަތް ތަރައްޤީ ކުރެއްވުމަށް މައުމޫން ހީވާގި މަސައްކަތްޕުޅުތަކެއް ކުރެއްވި - ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ