ވެރިކަމާ ހަވާލުވިއިރަށްވުރެ މާލޭގެ މަގުތައް މިހާރު އަމާންވާނެ - އުމަރު

ރިޔާސީ އިންތިހާބަށްފަހު ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގަތް އިރަށް ވުރެން މިހާރު މާލޭގެ މަގުތައް އަމާންވެފައިވާކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ވެލާނާގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން އުމަރު ވިދާޅުވީ މުޖުތަމައުގެ އަމާންކަން ކުރިއަށް ވުރެ މިހާރު ރަނގަޅުވާނެ ކަން ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވެސް ގަބޫލުކުރާނެ ކަމަށެވެ. އެކަމަކު އަމަން އަމާންކަން ގާއިމް ކޮށްދިނުގައި ސަރުކާރުން އަދިވެސް ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ އެމިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ހަތަރު ކަމަކަށް އިސްކަންދީގެން ކަމަށެވެ. އޭގެ ތެރޭގައި ފުލުހުންގެ އަދަދު އިތުރުކުރުމާއި ޖަލާއި ކަސްޓަމްސްގެ ކެޕޭސިޓީ އިތުރުކޮށް، ކުށްކުރާ ކުޑަކުދިން ބެލެހެއްޓުމުގެ ނިޒާމް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަންކަން ކުރުމަށް ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ގާނޫނުތަކަށް ބަދަލު ގެނެސްގެން، ވީހާވެސް ލުއި ފަސޭހަ ގޮތަކަށް ރައްޔިތުންނަށް ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކުއްތާ ސްކޮޑް އަންނަ އަހަރު ފެށޭއިރު ރާއްޖޭގައި އޮންނާނެ ކަމަށް ލަފާކުރެއްވެ އެވެ. ކުއްތާ ސްކޮޑަކީ ރާއްޖެ އަށް ވަރަށް މުހިއްމު ކަމެއް ކަމަށާއި ކަސްޓަމްސް އާއި ފުލުހުންނަށް ވެސް އޭގެ ބޭނުން ބޮޑު ކަމަށް އުމަރު ވިދާޅުވި އެވެ. އަދި ކުއްތާ ސްކޮޑް އެކުލަވާލުމަށް ބޭނުންވާ ފައިސާ ސަރުކާރުން ހަމަޖައްސައިދިނުމާ އެކު އެ ސްކޮޑް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ. ކުއްތާ ސްކޮޑަށް ބޭނުންވާ ފުލުހުން ވެސް މިހާރު ނަގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުއްތާ ސްކޮޑަށް ކިޔާނެ ދިވެހި ނަމެއް ފާސް ކުރުމަށް ދިވެހި ބަސް ކޮމިޓީއަށް މިހާރު ހުށަހަޅާފައިވާނެކަމަށެވެ. އެއާޕޯޓުގައި ކުއްތާތަކާ އެކު ހަރަކާތްތެރިވާ ޑޯގް ސްކޮޑްގައި ތިބޭނީ 16 ފުލުހުން ކަމަށް ހޯމް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި ރާއްޖެ އަށް ބޭނުންވާ 15 ކުއްތާ ހޯދަން ގާތްގަނޑަކަށް 80،000 ޑޮލަރު (1.2 މިލިއަން ރުފިޔާ) ބޭނުންވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ