ރައީސް ޔާމީން ވަނީ "ހައްދުފަހަނައަޅާފައި"، މެންބަރުން މައުމޫން ފަހަތްޕުޅުގައި ތިއްބެވުމަށް އެދެން: މުސްތަފާ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިހާރު ހުންނެވީ ހައްދު ފަހަނައަޅައި ގޮސްފައި ކަމަށާއި އެހެންކަމުން ވެރިކަން ކުރާ ޕީޕީއެމްގެ ހުރިހާ މަޖިލިސް މެންބަރު ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފަހަތްޕުޅަށް ވަޑައިގަތުމަށް ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ގޮވާލައިފި އެވެ.
ވެރިކަން ކުރާ ޕީޕީއެމްއަށް ނިސްބަތްވާ މުސްތަފާ މިކަމަށް ގޮވާލެއްވީ ސަރުކާރުން ކާޑުގެ ސަބްސިޑީ ދެމުންގެންދިޔަ އުސޫލަށް ބަދަލު ގެނައުމާއި ގުޅިގެން ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވެފައިވާތީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުންނެެވެ.
މުސްތަފާ ވިދާޅުވީ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރު ނުވެ ކާޑުގެ އަގު ބޮޑުކުރުމުން ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން ސަރުކާރުން ގޮތް ދޫކުރުމަށްފަހު ކުރީގެ އަގަށް ކާޑުގެ އަގު ބަދަލުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށާއި އަދި އެގޮތަށް ސަރުކާރުން އަމަލުކުރާ ކަމަށްވެސް ވިދާޅުވި އެވެ.
"ސަރުކާރުން ދައްކާ ބަހަނާ ވާހަކަތަކަކީ އައިއެމްއެފްއާއި ވޯލްޑް ބޭންކާއި ހަވާލާދީ ދައްކާ ވާހަކަތަކަކީ އެއީ ގަބޫލުކުރެވޭނެ ވާހަކަތަކެއް ނޫން،" ސަބްސިޑީއަށް ބަދަލު ގެނައީ ބައެއް މާލީ އިދާރާތަކުން އަންގައިގެން ކަމަށް ވިދާޅުވެ ސަރުކާރުގެ ބައެއް އިސްވެރިން ދައްކާ ވާހަކަތައް ދޮގުކުރައްވަމުން މުސްތަ ވިދާޅުވި އެވެ.
ކާޑުގެ އަގުހެޔޮކުރުމަށް ސަރުކާރުން ކާޑުގެ ސަބްސިޑީ ދެމުންގެންދިޔައީ އެސްޓީއޯ އަށެވެ. އެކަމަކު އެސްޓީއޯ އިން ވިއްކަމުންދާ ކާޑުގެ އަގު ބޮޑުކޮށްފައިވާތީ މުސްތަފާ މިއަދު ވަނީ އެސްޓީއޯ އަށްވެސް ފާޑު ވިދާޅުވެފަ އެެވެ.
މުސްތަފާ ވިދާޅުވީ އެހެން ނަމެއްގައި އުފައްދާ މިއަދު އެސްޓީއޯގެ ނަމުަގައި ހިންގާ ކުންފުންޏަކީ ކާޑުގެ ބާވަތްތައް ހެޔޮއަގުގައި ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުމަށް ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި އުފެއްދެވި ކުންފުންޏެއް ކަމަށެވެ. ނަމަވެސް މިހާރު ފެންނަނީ އެސްޓީއޯ އިން ރާއްޖޭގެ ހުރިހާ ވިޔަފާރިއެއް މޮނޮޕޮލީ ކޮށްގެން ތިބެ، ސަރުކާރުގެ އަތުން ސަބްސިޑީ ހޯދުމަށް މަސައްކަތް ކުރާ މަންޒަރާއި ތަކެތީގެ އަގުބޮޑު ކުރާ މަންޒަރު ކަމަށާއި އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ މިއަދު ދިމާވެފައި މިވާ މައްސަލަތައް ހައްލުކުރަން ބޭނުންވާނަމަ ޕީޕީއެމްގެ މަޖިލިސް މެންބަރުން ރައީސް މައުމޫންގެ ފަހަތްޕުޅަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ގޮވާލަން ޕީޕީއެމްގެ ހުރިހާ މެންބަރުންނަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މިހާރު އެހުރީ ހައްދުފަހަނައަޅައި ގޮސްފައި. ޕާޓީގެ ރައީސްއާ އެއްކޮޅަށް ޕީޕީއެމްގެ ޓިކެޓްގައި މި މަޖިލީހަށް ވަޑައިގެންނެވި ހުރިހާ މެންބަރުން ވަޑައިގަތުމަށް އަޅުގަނޑު ދަންނަވަން ރައްޔިތުންނަށް ހެވެއް އެދޭނަމަ،" މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ އަކީ ކޮންމެ އަހަރަކުވެސް ރަމަޟާން މަހު އޭނާގެ ދާއިރާގެ ކޮންމެ ގޭބިސީއަކަށް ކާޑުގެ ބާވަތްތައް ހިލޭ ފޯރުކޮށްދެމުންގެންދާ ބޭފުޅެކެވެ. ނަމަވެސް އެސްޓީއޯ އިން ކާޑުގެ އަގު ބޮޑުކުރުމާއި ގުޅިގެން އޭނާ ކުރިން ކާޑު ގަތުމަށް ކުރަމުން ދިޔަ ހަރަދު ވަރަށް ބޮޑުވެ އެކަމަށް ދޮޅު މިލިއަން ރުފިޔާ ދެން ހަރަދުކުރަންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"ނަތީޖާއަކަށް ވާނީ އަޅުގަނޑުގެ ރައްޔިތުންނަށް އަޅުގަނޑު ދެމުން އައި ކާޑުގެ ބާވަތްތައް މިއަންނަ އަހަރު ނުލިބުން ސަރުކާރުން އަގުބޮޑުކުރުމާ ގުޅިގެން. އަޅުގަނޑު އަނެއްކާ އިތުރު ވިސްނުމަކަށް ދާން މިޖެހުނީ،" މުސްތަފާ ވިދާޅުވި އެވެ.
ސަބްސިޑީ ދިނުމުގެ އުސޫލަށް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ގެނައި ބަދަލާއި ގުޅިގެން ކާޑުގެ އަގުތައް ވަނީ ބޮޑުވެފަ އެވެ. އެގޮތުން ކުރިން 3.98 ރުފިޔާއަށް ގަނެފައިވާ ހަނޑޫ ކިލޯއެއްގެ އަގު 7.96 ރުފިޔާއަށް، ކުރިން 4.50 ރުފިޔާއަށް ގަނެފައިވާ ހަކުރު ކިލޯއެއްގެ އަގު 8 ރުފިޔާއަށް އަދި ކުރިން 3.50 ރުފިޔާއަށް ގަނެފައިވާ ފުށް ކިލޯއެއްގެ އަގު 5.96 ރުފިޔާއަށް ވަނީ ބޮޑުވެގެން ގޮސްފަ އެވެ. މިއީ މާލޭގައި ކާޑުގެ ބާވަތްތައް ވިއްކާ އަގަށްވާއިރު އަތޮޅު ތެރޭގައި ކާޑުގެ ބާވަތްތައް ގަންނަން ލިބޭ އަގު މިއަށް ވުރެ ވެސް ބޮޑުވާނެ އެވެ.
ސަބްސިޑީ ދިނުމުގެ އުސޫލަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާއި އިދިކޮޅު ފަރާތްތަކުން ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ނަމަވެސް ސަރުކާރުގެ މިނިންމުން ދިފާއުކުރައްވާ ސަރުކާރުގެ އިސް ބައެއް އޮފިޝަލުން ގެންދަނީ ވާހަކަދައްކަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ