ދިފާޢީ ހެކި ދިނުމަށް ތިނަދޫގެ ހުރިހާ ރައްޔިތުން މާލެ އައުމަށް ނަޝީދު ގޮވާލައްވައިފި

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ގދ.ތިނަދޫގައި ހުޅުޖެހި މައްސަލައިގައި ދަޢުލަތުން ޓެރަރިޒަމްގެ ދައުވާ ކުރި 89 މީހުންގެ ފަރާތުން ދިފާޢީ ހެކި ދިނުމަށް ތިނަދޫގެ ހުރިހާ ރައްޔިތުން މާލެ އައުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ތިނަދޫގައި ހުޅުޖެހި ކަމަށް ދަޢުލަތުން ދަޢުވާ އުފުލާ 89 މީހުންނާއެކު، ރައީސް ނަޝީދު މިރޭ މާލެ ސިޓީ ކައުންސިލްގައި ބައްދަލުވުމުގައި، އެމަނިކުފާނު ވިދާޅުވީ މިހާރު މި މައްސަލަ ކޯޓުން ބޭރުކޮށްލާފައިވާ އިރު، އަނެއްކާވެސް މިމައްސަލަ ބެލުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި ނަމަ، އެމަނިކުފާނަށް ރަނގަޅީ 89 މީހުންގެ ފަރާތުން ދިފާޢީ ހެކި ދިނުމަށް މުޅި ތިނަދޫގެ އާބާދީ އެއްކޮށް މާލެ އައުން ކަމަށެވެ.
"އަޅުގަނޑަށް ރަނގަޅީ މުޅި ތިނަދޫ އެކީގައި ހެކި ދިނުމަށް މާލެ އައުމަށް ދަތުރަށް އެރުން. އެއީ އަޅުގަނޑު ވަރަށް އެދޭނެ ކަމެއް. އަޅުގަނޑަށް ހީވަނީ މުޅި ތިނަދޫ އެކީގައި ހެކިދިނުމަށް މާލެ އައުމަކީ ބުއްދިވެރިކަމެއް ހެން. އެކަމުގައި ތިކަމުގައި ވެދެވެން އޮތް އެހީތެރިކަމެއް ވެދޭނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެއީ 300 މީހުން ވިޔަސް ނުވަތަ 1000 މީހުން ވިޔަސް ބޯޓުތަކުގައި މާލެ އައިސް ދިފާޢީ ހެކި ދިނުމަށް އެދޭ ކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ 89 މީހުން މާލޭގައި ތިބުމަށް ވަރަށް ދަތިވާ ކަން ފާހަގަ ކުރެވޭ ކަމަށާއި، އެމްޑީޕީގެ ޗެއަރޕާސަނާއި، އެމްޑީޕީގެ އަންހެނުންގެ ރޫހާއި މާލޭ ދާއިރާތަކާ ގުޅިގެން، މިއިން ކޮންމެ މީހަކު މާލޭގެ އާއިލާއަކާ ގުޅުވުމުގެ މަސައްކަތް ކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގެންފައި ވާނެ ކަމަށެވެ.
ގދ.ތިނަދޫގައި ހުޅުޖެހިކަމަށް ބުނެ ދަޢުލަތުން ދަޢުވާ ކުރާ 89 މީހުންގެ ތެރެއިން، 55 މީހުންނާ ދެކޮޅަށް ދަޢުލަތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގަން އޮތް ދުވަހު، އެ 55 މީހުންގެ ތެރެއިން ބަޔަކު ހެކިންނަށް ބިރުދައްކަމުންދާ ކަމުގެ "މަޢުލޫމާތު ކޯޓަށް ލިބިއްޖެ" ކަމަށާއި އެހެން ކަމުން އެ 55 މީހުން ވެސް ބަންދު ކުރުމަށް ކޯޓުން ބުރާސްފަތު ދުވަހު ނިންމި ނަމަވެސް، އެމައްސަލަ ކުރިޔަށް ގެންދިއުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެއްބާރުލުން ނުދެއްވާ ކަމަށް ބުނެ ކްރިމިނަލް ކޯޓުން ވަނީ ބަންދުކުރި އެންމެން ދޫކޮށްލައި، މައްސަލަ ވެސް ކޯޓުން ބޭރުކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ