ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު ޖޭއެސްސީ އަށް ހަމަޖައްސައިފި

ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރުގެ މަގާމަށް ދިވެހިރާއްޖޭގެ ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންތިޚާބުކުރި އެ ކޯޓުގެ ފަނޑިޔާރު، ނ. ހެނބަދޫ ނޫރާނީމާގޭ އަލްއުސްތާޒު އަބްދުﷲ ހަމީދު، އެ ކޮމިޝަންގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ހަމަޖައްސަވައިފި އެވެ.
އަލްއުސްތާޒު އަބްދުﷲ ހަމީދު، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ހަމަޖެއްސެވިކަމުގެ ލިޔުން، އޭނާއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ މި ކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި މިނިވަން ޝަރުޢީ ނިޒާމެއް ގާއިމުކުރެއްވުމަށް އަލްއުސްތާޒު އަބްދުﷲ ހަމީދު މަސައްކަތްކުރައްވާނެ ކަމަށް ޔަގީންކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގެ ކުރިން، ހައި ކޯޓުގެ ފަނޑިޔާރު އައްޝައިޚް ޔޫސުފް ޙުސައިންގެ ކުރިމަތީގައި، ޖުޑީޝަލް ސަވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވައި، އަލްއުސްތާޒު އަބްދުﷲ ހަމީދު ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ