އިސްލާމީ އުސޫލުން ހިންގާ ސިނާއަތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ބަދަލުކޮށްލުމަކީ ކުރެވިދާނެ ކަމެއް ކަމަށް މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް)ގެ ޗެއާޕާސަން ޑރ. އައިޝަތު މުނީޒާ ވިދާޅުވެއްޖެ އެވެ.
އިސްލާމިކް ފައިނޭންސް ކުރިއަރުވާ ޕްރޮމޯޓްކުރުމަށް ފަރުދީ ފެންވަރުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޑރ. މުނީޒާ މިހެން ވިދާޅުވީ މިއަދު ވީނިއުސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.
ޑރ. މުނީޒާ ވިދާޅުވީ އިސްލާމީ އުސޫލުން ހިންގާ ހަލާލު ޓޫރިޒަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ކުރެވިދާނެ ވިޔަފާރިއެއް ކަމަށެވެ. އެކަމަކީ ބަޔަކު ކުރަން އުޅެފިނަމަ ނުކުރެވޭނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ އިސްލާމީ އުސޫލުން ހިންގާ ސިނާއަތަކަށް ބަދަލުކުރުމުގައި ގޮތްތަކެއް ނިންމާނީ އެ ސިނާއަތުގައި މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށްވެސް ވިދާޅުވި އެވެ.
"ހަަމަގައިމުވެސް މިއަދު ދުނިޔެއަށް ޕްރޫވަން ކޮންސެޕްޓެއް އެއީ، ހަލާލު ޓޫރިޒަމްގެ ކޮންސެޕްޓަކީ. ހަލާލު ޓޫރިޒަމާ ބެހޭ އެތައް މިންގަނޑުތަކެއް ވެސް އެބަހުރި ޕަބްލިޝް ކުރެވިފައި ދުނިޔޭގެ ސްޓޭންޑަޑް ސެޓިން ބޮޑީސްތަކުން. އެހެންވީއިރުގައި އަޅުގަނޑަކަށް ނުދެންނެވޭނެ އެއީ އެ ކޮންސެޕްޝުއަލީ ރޯންގް އެއްޗެކޭ. އަޅުގަނޑަށް ހީވަނީ ދެން އެންމެ ސޭވް ގޮތަކަށް ވާނީ އިންޑަސްޓްރީން އެއްޗެއް ބުނުންހެން،" ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަންވެސް ކުރައްވަމުން ގެންދަވާ ޑރ. މުނީޒާ ވިދާޅުވި އެވެ.
ދިވެހިރާއްޖެއަށް ހަލާލު ޓޫރިޒަމް ތައާރަފްކުރުމަށްޓަކައި އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ހިންގާ ހަލާލް ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަން އެމްސީއައިއެފްއަށް ރަށެއް ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. ނައިބް ރައީސް އަބްދުﷲ ޖިހާދު ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 17 ވަަނަ ދުވަހު މި މަޝްރޫއު އިއުލާންކޮށްދެއްވާފަ އެވެ.
މި މަޝްރޫއާ ގުޅޭގޮތުން ސުވާލު ދެންނެވުމުން ޑރ. މުނީޒާ ވިދާޅުވީ ސަރުކާރުން އެކުންފުންޏަށް ރަށެއް ދޭން ނިންމި ނަމަވެސް ލިޔެކިޔުމުން އެކަން އަދި ނިމިފައި ނުވާ ކަމަށާއި ނަަމަވެސް ރަށެއް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ޑރ. މުނީޒާ ވިދާޅުވީ ހަލާލް ޓޫރިޒަމް ދިވެހިރާއްޖެއަށް ތައާރަފްކުރަން ޖެހެނީ ރާއްޖޭގެ ޓޫރިޒަމަކީ މުޅި ދުނިޔެއަށް ވެސް މަޝްހޫރު ޓޫރިޒަމަކަށް ވެފައި އަޅުގަނޑުމެންގެ އިގްތިސޯދުގެ އެންމެ ވަރުގަދަ ބާރަކީ ޓޫރިޒަމް ކަމަށްވާތީ ކަމަށެވެ. އަދި މިސަރަހައްދުގެ އެކި ގައުމުތަކުގައިވެސް ތަފާތު ނަންނަމުގައި އިސްލާމިކް ޓޫރިޒަމް ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްގީ ކުރާއިރު ރާއްޖެއިން އިސްނަގައިގެން އެމަސައްކަތް ފަށައިފިނަމަ މިދާއިރާއިން ރާއްޖެއަށް މާބޮޑެތި ކާމިޔާބީތައް ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"މި ރީޖަންގައި ދިވެހިރާއްޖެ އަކީ އަބަދުވެސް ފޭމަސް ހަނީމޫން ޑެސްޓިނޭޝަނެއްގެ ގޮތަށް މަޝްހޫރު ވެފައި އޮންނަ ތަނެއ ދެއްތޯ. އަޅުގަނޑުމެންގެ އެންމެ ބޮޑު ސްޓްރެންތަކީ ޓޫރިޒަމަށް ވާއިރުގައި ބުރޫނާއީ އާއި މެލޭޝިއާއި އަދި މިސާލަކަށް އިރާން ފަދަ ގައުމުތަކަށް ބެއްލެވި ނަމަވެސް އެމީހުން އެބަ ހަލާލު ޓޫރިޒަމް އިންޑަސްޓްރީއެއް ގޮތަށް ޕްރޮމޯޓްކޮށް ތަރައްގީކުރަމުން އެބަދޭ. ދާއިރުގައި ކީއްވެގެންބާއޭ އަޅުގަނޑުމެން އެ މާކެޓް އެ ނީޝް މާކެޓް ކުރިއޭޓް ނުކުރަންވީ ސައުތު އޭޝިއާ މިސަރަހައްދުގައި. މިހާރު ސްރީލަންކާއަށް ބެއްލެވި ކަމަސް ވިޔަސް ނޫނިއްޔާ ޕާކިސްތާނަށް ބެއްލެވި ކަމަށް ވިޔަސް ސީދާ އެ ކޮންސެޕްޓޭ ކިޔައިގެން އަދި ޕްރޮމޯޓް ނުކުރި ކަމަށްވިޔަސް އެބަހުރި މީގެ ބައެއް ފީޗާސްތައް ހިމަނޭ ޓޫރިޒަމަށް ހާއްސަ ކަންތައްތައް ތައާރަފްކޮށްފައި. އެހެންވީމާ ދިވެހިރާއްޖެއިން އެބަޖެހޭ މީގައި ލީޑް ނަގަން. ސަބަބަކީ ދިވެހިރާއްޖޭ ނެޗްރަލް ބިއުޓީއާ ދިވެހިރާއްޖޭގައި ޓޫރިޒަމްގެ ދާއިރާ މިހުރި ރިސޯސް ތަކަކީ އެހެން ގައުމަކަށް ކޮމްޕީޓް ނުކުރެވޭނެ ކަހަލަ މުއްސަނދި ވަސީލަތްތަކެއް. އެހެންވީމާ އަޅުގަނޑުމެން މީގެ ނީޝް މާކެޓެއް ކުރިއޭޓް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ފެނުނު ހިނދުގައި ދިވެހި ސަރުކާރުން ނިންމެވި ނިންމުމެއް އެއީ އިސްލާމިކް ޓޫރިޒަމްގެ ތެރެއަށް ޓެޕިން ކުރުން،" ރިސޯޓެއް ހަދަން އެމްސީއައިއެފްއަށް ރަށެއް ދިނުމަށް ސަރުކާރުން ނިންމި ސަބަބު ހާމަކޮށްދެއްވަމުން ޑރ. މުނީޒާ ވިދާޅުވި އެވެ.
އެމްސީއައިއެފްއާ ހަވާލުކޮށްފައިވާ ރަށުގައި ރިސޯޓް ހިންގައިގެން ލިބޭ ފައިދާ އިން ހަރަދުކުރާނީ އެހީއަށް ބޭނުންވެފައިވާ ދިވެހިންގެ ކަންކަން ހަމަޖެއްސުމަށް ކަމަށް ސަރުކާރުން ބުނެ އެވެ. އަދި މިކަމަށް ހާއްސަ ފަންޑެއް ގާއިމުކުރުމަށްވެސް ވަނީ ނިންމާފަ އެވެ.
އެމްސީއައިއެފް އިން އިސްލާމީ އިގްތިސޯދު ރާއްޖޭގައި ފުޅާކޮށް ރާއްޖޭގެ ހަލާލު އުފެއްދުންތަކުގެ ސިނާއަތް ފުޅާކުރުމާއެކު ގައުމުގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދަން މަސައްކަތް ކުރުން ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ. ރާއްޖެއަކީ މިސަރަހައްދުގެ އިސްލާމީ ފައިނޭންސްގެ މައި މަރުކަޒަކަށް ހެދުމަށް އެމްސީއައިއެފް އިން މިހާރު ގެންދަނީ ހާއްސަ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ.
ރާއްޖޭގެ ޓޫރިޒަމް ހަލާލް ސިނާއަތަކަށް ހެދިދާނެ، އެކަން ކުރެވޭނީ ދާއިރާގެ މީހުން: ޑރ. މުނީޒާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ