ކެމްޕޭން ތަކުގައި ސްކޫލް ކުދިން ބައިވެރިކުރުން ހުއްޓާލަން އެމްޑީޕީން ގޮވާލައިފި

ކެމްޕޭން ތަކުގައި ސްކޫލް ކުދިން ބައިވެރިކުރުން ހުއްޓާލަން އެމްޑީޕީން ގޮވާލައިފި އެވެ.
އެމްޑީޕީން މިހެން ގޮވާލާފައިވަނީ ހުކުރު ދުވަހު ހަވީރު ހއ. އިހަވަންދޫގައި ޕީޕީއެމްގެ އަބްދުﷲ ޔާމީންގެ ފެކްޝަަނުން އެރަށުގައި ޕީޕީއެމް އޮފީހެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުން ސްކޫލް ޔުނީފޯމުގައި ބައިވެރިކޮށްފައިވާތީ އެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްކޫލްތަކުގައި ތައުލީމު ހާސިލްކުރާ ކުދިން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިކުރުވުމަކީ އެޑިޔުކޭޝަން މިނިސްޓްރީން މަނާކޮށްފައިވާ ކަމެއް ކަމުގައިވާއިރު، ފާޅުކަންބޮޑު ގޮތުގައި މިފަދަ ގާނޫނާ ގަވާއިދާ ހިލާފް ކަންކަން ކުރުވުމަށް ރައީސުލްޖުމަހޫރިއްޔާ އަބްދުﷲ ޔާމީނާއި ފާތުމަތު އިބްރާހީމް ހިތްވަރު ދެމުން އަންނަކަމީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި މިއީ ދައުލަތުގެ ބާރުތަކާއި ވުޒާރާތަކަށް ނުފޫޒު ފޯރުވައި ދައުލަތުގެ މުވައްސަސާތައް ނަހަމަ ގޮތުގައި ބޭނުންކޮށް ސްކޫލްތަކާއި ދަރިވަރުން ސިޔާސީކުރަމުން އަންނަކަމުގެއް ހެއްކެއް ކަމަށްވެސް އެމްޑީޕީން ބުނެ އެވެ.
މި ބަޔާނުގައި ބުނެފައިވަނީ އިހަވަންދޫގައި ބޭއްވި ހަފްލާއަކީ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގެންނެވި ހަފްލާއަކަށް ނުވިނަމަވެސް ޕީޕީއެމްގެ މި ސިޔާސީ ހަރަކާތް ޓީވީއެމް އިން ވަގުތުން ގެނެސްދީފައިވާ ކަމަށެވެ. ދައުލަތުގެ މީޑިޔާއިން އެހެން ސިޔާސީ ޕާޓީތަކަށް މި ފުރުސަތު ނުދޭއިރު، މިކަން މިގޮތަށް ކުރުމަކީ ކަނޑައެޅިގެން ތަފާތުކުރުން ކަމަށްވެސް އެމްޑީޕީން ބުނެ އެވެ. އެހެންކަމުން މިއީ ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް ހިންގާފައިވާ ކޮރަޕްޝަންގެ ޢަމަލެއް ކަމަށްވެސް އެމްޑީޕީން ވަނީ ތުހުމަތު ކޮށްފައެވެ.
"ސްކޫލްތަކުގައި ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންނާއި ކުޑަކުދިން ސިޔާސީ ޕާޓީތަކުގައ ހަރަކާތްތަކުގައި ބައިވެރިކުރުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވެސް މަނާކަމެއް ކަމުގައިވާތީ ވެރިކަންކުރާ ޕީޕީއެމްގެ އަބްދުﷲ ޔާމީން ފެކްޝަނަށް އެކަން އަންގައި ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ގޮވާލަމެވެ. އަދި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުން ގެންދާއިރު އެކަން ހުއްޓުވައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ގޮވާލަމެވެ. އަދި މިހާރުން މިހާރަށް މިފަދަ ނާތަހުޒީބު ކަންކަން ކުރުން ހުއްޓާލުމަށް ޕީޕީއެމްގެ އަބްދުﷲ ޔާމީން ފެކްޝަނަށް ގޮވާލަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ