ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް

އިންޑިއާގެ ޓެމިލްނާޑޫގެ ޗީފް މިނިސްޓަރުކަމަށް ވަޑައިގަންނަވަން ހުންނެވި ފަރާތުގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ ހަތަރު އަހަރަށް ޖަލަށްލުމަށް އަންގާރަ ދުވަހު ހުކުމް ކޮށްފިއެވެ.
ވީކޭ ސަސިކަލާގެ މައްޗަށް ސާބިތުވެފައިވަނީ އާމްދަނީއާ ނުބައްދަލު މުދާ ހޯދާފައިވާކަމަށެވެ. މި ހުކުމާއެކު އޭނާއަށް އެ މަގާމަށް އައުން ބަންދުވެގެންދާނެއެވެ.
ޝަރުއީ މަރުހަލާގައި ދިގުދެމިގެން ދިއަ މި މައްސަލައިގައި އޭނާގެ އިތުރުން ޑިސެމްބަރު މަހު އަވަހާރަވީ ޖަޔަލަލީތާ ޖައިރަމްގެ ބައިވެރިވުންވެސް ހިމެނެއެވެ.
ކޯޓުގެ އަޑުއެހުމަށް ސަސިކަލާ ހާޒިރުވެ ވަޑައިގެންފައިނުވާއިރު ދިއްލީގެ ކޯޓުންވަނީ ހުކުމް ތަންފީޒު ކުރުމަށްޓަކައި އޭނާ ވަގުތުން ހައްޔަރުކުރުމަށް އަމަރުކޮށްފައެވެ.
ބެންޗުންވަނީ ސަސިކަލާގެ އެއްބަނޑު އެއްބަފާ މީހެއްގެ ދެ ދަރިއަކުވެސް ހަތަރު އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އެ ދެމީހުންނަކީ ދަށުކޯޓުން ކުށެއް ނެތްކަމަށް ސަލާމަތްވި ދެ މީހުންނެވެ.
ވީޑިއޯ ކެސެޓް ވިއްކަން އުޅުނު ސަސިކަލާ އަށް ޓެމިލްނާޑޫގެ ސްޓޭޓް މިނިސްޓަރުކަން ލިބިވަޑައިގަތި ޖަޔަލަލީތާ އަވަހާރަވުމުންނެވެ. އޭނާ ހުވާކުރުމަށް ކުރިން ހަމަޖެހިފައި އޮތީ މިހަފްތާގެ ފަހުކޮޅުއެވެ.
އުމުރުން 59 އަހަރުގެ ސަސިކަލާގެ މައްޗަށް އިއްވި ހުކުމާއެކު ކުރިޔަށް އޮތް ދިހަ އަހަރަށް އެއްވެސް އާއްމު އިންތިޚާބެއްގައި ވާދަކޮށް ދައުލަތުގެ މަގާމަކަށް އައުމުގެ ފުރުސަތު ގެއްލިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ