ތެލުގެ އަގު ބޮޑުވުމާ އެކު ކަރަންޓް ބިލްތައް ބޮޑުވެއްޖެ

ތެލުގެ އަގު ބޮޑުވުމާ އެކު، ފިއުލް ސާޗާޖުގެ ފީ މައްޗަށް ގޮސް އެންމެ ފަހުގެ ކަރަންޓް ބިލްތައް ވަރަށް ބޮޑުވެއްޖެ އެވެ.
ބައެއް ގޭގޭގެ ކަރަންޓް ބިލުގެ ފިއުލް ސާޗާޖު ވަނީ ދެ ގުނަ މައްޗަށް ގޮސްފަ އެވެ. އެހެންވެ، ބައެއް ގޭގޭގެ ކަރަންޓް ބިލް ވެސް ވަނީ 50 ޕަސެންޓް ބޮޑުވެފަ އެވެ.
"މިދިޔަ މަހުގެ ކަރަންޓް ބިލް ކުރީ މަހާ އަޅާބަލާއިރު 700ރ. ބޮޑު. މަޑުމަޑުން މަޑުމަޑުން ކަރަންޓް ބިލް ބޮޑުވަމުން މިދަނީ،" ކަރަންޓް ބިލް ބޮޑުވުމުން ޝަކުވާ ކުރި މީހަކު "ހަވީރަ"ށް އައިސް ބުންޏެވެ.
ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ނަގަން ފެށި ފިއުލް ސާޗާޖް ބޮޑުވުމާ ގުޅިގެން ބައެއް ފަރާތްތަކުން ޝަކުވާ ކުރަމުން އަންނަ ކަމަށާއި ނަމަވެސް ފިއުލް ސާޗާޖް ބޮޑުވަނީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ ރާއްޖޭގައި ވެސް ތެޔޮ ވިއްކާ އަގު ބޮޑުވުމުން ކަމަށެވެ. ސްޓެލްކޯ އިން ސާޗާޖް ނަގަނީ ރާއްޖޭގެ ބާޒާރުގައި ޑީސަލް ލިޓަރެއްގެ އަގު 8ރ. އަށް ވުރެ ބޮޑުވެއްޖެ ނަމަ ބޮޑުވާ ކޮންމެ 10ލ. އަކަށް ޔުނިޓަކަށް 3ލ.ގެ ނިސްބަތުންނެވެ. މިހާރު އެސްޓީއޯ ޑީސަލް ލިޓަރެއް ވިއްކަނީ 13.50ރ. އަށް ކަމަށްވާ އިރު ފިއުލް ސާޗާޖްގެ ގޮތުގައި ކަރަންޓް ޔުނިޓަކަށް ޖެހެނީ 1.66ރ. އެވެ.
ސްޓެލްކޯ އިން ބުނީ ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މާޗު އަދި މޭ މަހު ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެ ބިލް އަބަދު ވެސް ބޮޑުވާ ކަމަށާއި އެހެން ވަނީ ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެގެން ކަމަށެވެ.
"އަޅުގަނޑުމެންގެ ރެކޯޑްތައް ދައްކާ ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު ކަރަންޓް ބިލް ބޮޑުވާ ކަމަށް. މީގެ އިތުރުން ތެލުގެ އަގު ބޮޑުވުމުން ފިއުލް ސާޗާޖް ބޮޑުވުމަކީ ވެސް ކަރަންޓް ބިލު ބޮޑުވަން މެދުވެރިވާ ސަބަބެއް. ތެލުގެ އަގު ކުޑަވި ވަރަކަށް ފިއުލް ސާޗާޖް ކުޑަވާނެ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފިއުލް ސާޗާޖަކީ ޔުނިޓަކަށް ޗާޖްކުރާ އެއްޗަކަށް ވުމުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވި ވަރަކަށް ފިއުލް ސާޗާޖް ވެސް ބޮޑުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ކަރަންޓް ބިލު ކުޑަކުރުމަށް ކަސްޓަމަރުން ވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށާއި ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރަން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.
"ކަރަންޓްގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކުން ހަރަދު ކުޑަކުރުމަށް މަސައްކަތްކުރުން މުހިންމު. ބޭނުންނުކުރާ އިލެކްޓްރޯނިކް ސާމާނާއި ބޮކި ފަދަ ތަކެތި ނިއްވާލުން ފަދަ ކަންތައްތަކަށް ސަމާލުވާން ޖެހޭ،" އޮފިޝަލް ވިދާޅުވި އެވެ.
ފިއުލް ސާޗާޖްގެ މައްސަލާގައި މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައި ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާ ވެސް ކޮށްފައި ވެ އެވެ. އެންސްޕާ އިން އަންނަނީ ތެލުގެ ސާޗާޖް ބައެއް ފަރާތްތަކަށް ދައްކައިދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ