މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެއްޖެ
މިއަދާއި މާދަމާވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، މޫސުން ގޯސްވާނޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ. ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާލާއިރު އެންމެ ބޯކޮށް ވާރޭވެހި އަދި ވައިގަދަ ވެފައިވަނީ ރާއްޖޭގެ އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށެވެ. ކުރިއަށް އޮތް 24 ގަޑި އިރަށް ބަލާލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާ ކުރާކަމަށް މެޓް އޮފީހުން ބުނެއެވެ. މެޓް އޮފީހުން ބުނީ ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. މެޓް އޮފީހުން ވަނީ ވައިގަދަވެ ރާއްޖޭގެ ކަނޑުތައް އާއްމުކޮށް ގަދަވާނެތީ މޫސުމަށް ސަލާމުވެގެން ދަތުރުކުރެއްމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ