މިކުރަނީ ގައުމީ ރޫހުގައި ފަށާފައިވާ ގައުމީ މަސައްކަތްތަކެއް ހާސިލްކުރުމުގެ މަސައްކަތް: މައުމޫން

މިއަދު މިއީ ޒާތީކޮށް މަސައްކަތް ކުރަންޖެހޭ ދުވަހެއް ނޫން ކަމަށާއި މިއަދު މަސައްކަތް ކުރަންވީ ގައުމީ ރޫހުގައި ފަށާފައިވާ މަސައްކަތްތައް ހާސިލްކުރުމަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ ޕާޓީ ތަކުގެ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު އެމަނިކުފާނު މަސައްކަތް ކުރައްވަނީ ކީއްވެގެންތޯ ބައެއް ބޭފުޅުން އައްސަވާަ ކަމަށެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ "މިއަދު މިއީ ނަޝީދާއި މައުމޫންގެ ދުވަސް ނޫން" ކަމަށާއި އެހެންކަމުން މިއަދު މަސައްކަތް ކުރަންވީ ޒާތީ ރޫހުގެ ބަދަލުގައި ގައުމީ ރޫހުގައި ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނު މިއަދު ކުރައްވާ މަސައްކަތްތަކަކީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ދިވެހި ގައުމަށް ހެޔޮ އެދިގެން ކުރައްވާ ގައުމީ މަސައްކަތްތަކެއް ކަމަށެވެ.
ރައީސް ނަޝީދާ ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވީ ގައުމުން ބޭރުގައި ހުންނަވައިގެން އެމަނިކުފާނު އިސްލާހީ މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަތުމަކީ ބަލައިގަންނަންޖެހޭ ކަމެއް ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައިވެސް އެމަނިކުފާނުގެ ތަސައްވުރާ ސިޔާސަތާ އެއްގޮތަށް މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަންވެސް މައުމޫން ވަނީ ފާހަގަކުރައްވާފަ އެވެ.
މިޖަލްސާގައި ރައީސް މައުމޫން ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަދައްކަވާފަ އެވެ. އެގޮތުން ރައީސް މައުމޫން ވިދާޅުވީ ގާސިމް އިބްރާހީމަކީ އަބަދުވެސް އިސްލާހީ މަސައްކަތްތަކުގައި ވަރަށް ކެރިވަޑައިގެން ވަރަށް ހިތްވަރާއެކު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.
ގާސިމް އިބްރާހީމް އެތައް ފަހަރަކު ޖަލަށްލައި ފުލުސް އޮފީހަށް ހާޒިރުކޮށްފައިވީ ނަމަވެސް އެމަނިކުފާނުގެ ހިތްވަރަށް އެއްްވެސް ބަދަލެއް އައިސްފައި ނުވާ ކަން ފާހަގަކުރައްވަމުން މައުމޫން ވިދާޅުވީ ގާސިމް ކުރައްވާ ކޮންމެ ކަމެއްވެސް ކުރައްވާނީ ވަރަށް މޮޅަށް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ގާސިމް އިބްރާހީމް ހާއްސަ މަޖިލީހުގެ ރައީސް ކަމުގައި އިންނަވައިގެން ވަރަށް ފުރިހަމަ ގާނޫނު އަސާސީއެއް ދިވެހިންނަށް މިއަދު ހޯދައިދީފައިވާ ކަމަށެވެ. އަދި އެއީ ގާސިމް މަސައްކަތްތަކުގެ ތެރެއިން ފާހަގަކުރަންޖެހޭ މަސައްކަތްތަކެއް ކަމަށްވެސް ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲއާ ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވީ ޝައިހް އިމްރާނަކީ ގައުމަށް ވަރަށް ތެދުވެރި ބޭފުޅެއް ކަމަށެވެ. މިއަދު ޖަލުގައި އިމްރާން ހުންނެވި ނަމަވެސް އެމަނިކުފާނުގެ ހިތްވަރަށް އެއްވެސް ބަދަލެއް އައިސްފައި ނުވުމަކީ ޝައިހް އިމްރާންގެ މަސައްކަތް ފާހަަގަކުރަންޖެހޭ ސަބަބެއް ކަަމަށްވެސް ވިދާޅުވި އެވެ.
-- ތަފްސީލް އަންނަނީ --
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ