ގާސިމް ބޭރަށް ގެންދަން ބޭނުންވާ ލިޔުންތައް ހަވާލުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ޓަކައި ފުރިހަމަ ކުރަން ބޭނުންވާ ލިޔުންތައް ކަރެކްޝަންސްއާ ހަވާލު ކޮށްފި ކަމަށް ގާސިމްގެ ފަރާތުން މިރޭ ބުނެފި އެވެ.
ހިތުގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް ގާސިމަށް ކޯޓުން ރޭ ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ ހުކުމް ކުރިޔަސް ރާއްޖެެއިން ބޭރުން ގާސިމަށް ދޭންޖެހޭ ފަރުވާތަކަށް ހުރަސް އެޅިގެން ނުވާނެ ކަމަށް ކޯޓުގެ ހުކުމުގައި ދައުލަތުގެ އިދާރާތަކަށް ވަނީ އަންގައިފަ އެވެ.
ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ގާސިމް ރާއްޖެއިން ބޭރަށް ގެންދެވެން އޮތީ ހިތުގެ ޚާއްސަ ދެ ޑޮކްޓަރެއްގެ ލިޔުމެއް ލިބިގެން ކަމަށާއި އެކަމަކު އައިޖީއެމްއެޗްގައި ހުންނަނީ ހިތުގެ ޚާއްސަ އެންމެ ޑޮކްޓަރެއް ކަމަށެވެ. އަލީ ޝަފީގް ފިޔަވައި، ހިތުގެ އިތުރު ޑޮކްޓަރެއް ނެތުމުން އިތުރު ޑޮކްޓަރެއް ނެތް ކަމުގެ ލިޔުމެއް ކަރެކްޝަންސް އިން ބޭނުންވާތީ އެ ލިޔުންތައް ވެސް މިހާރު ފޯރުކޮށްދީފައިވާނެ ކަމަށް ސަމީރު ވިދާޅުވި އެވެ.
"އައިޖީއެމްއެޗްގައި ހިތުގެ ޚާއްސަ ޑޮކްޓަރަކަށް މި ހުންނަވަނީ އަލީ ޝަފީގް އެކަނި. ދެން ކަރެކްޝަންސް އިން ވިދާޅުވީ ހިތުގެ އިތުރު ޑޮކްޓަރަކު ނެތްކަމުގެ ލިޔުމެއް ގެނެސްދޭށޭ. އެހެންވެ އަޅުގަނޑުމެން އެ ލިޔުންތައް ވެސް މިހާރު ފޯރުކޮށްދީފައިވާނީ. ކަރެކްޝަންސް އިން ގޮތެއް ނިންމަންދެން މަޑުކޮށްގެން މިތިބީ،" ސަމީރު ވިދާޅުވި އެވެ.
ކަރެކްޝަންސްގެ ތަރުޖަމާނު އަހުމަދު ލުގުމާން ވިދާޅުވީ އެ އިދާރާގެ ބެލުމުގެ ދަށުގައި ތިބޭ މީހުން ރާއްޖެއިން ބޭރަށް ގެންދެވޭނީ ވަކި އިޖްރާއަތުތަކެއް ފުރިހަމަ ކުރުމަށް ފަހު ކަމަށާއި ގާސިމް ބޭރަށް ފޮނުވޭނެ ދުވަހެއް އަދި ބުނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި ދަންނަވާކަށް ނޭނގެ ބޭރަށް ފޮނުވޭނެ ދުވަހެއް،" ލުގުމާން ވިދާޅުވި އެވެ.
ގާސިމްގެ ހިތުގެ މައްސަލަތަކަށް ފަރުވާ ހޯދަން އަވަހަށް ރާއްޖެއިން ބޭރަށް ގެންދަން ޑޮކްޓަރު އަލީ ޝަފީގް އިއްޔެ ލަފާ ދެއްވާފައިވާއިރު އެކަން މިހާތަނަށް ނުކުރެވި އޮތީ ގާސިމްގެ މައްސަލަ ކޯޓުގައި އޮތުމުން ޕާސްޕޯޓް ހިފަހައްޓާފައިވާތީ އެވެ. އެކަމަކު ރޭ ކުރި ހުކުމަށް ފަހު، ގާސިމްގެ ޕާސްޕޯޓް ދޫކޮށްލަން އިމިގްރޭޝަނަށް ކޯޓުން ވަނީ އަންގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ