ރިޔާސީ އިންތިޙާބުގެ ދެވަނަ ބުރުގައި ވޯޓް ދޭނެ ކެނޑިޑޭޓެއް ނިންމާނީ ދިވެހި ރައްޔިތުން ކަމަށް އިންތިޙާބު ގައި ބޮޑު ނާކާމިޔާބަކާއި ކުރިމަތިލާންޖެހި ވަޑައިގެންނެވި ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމްގެ ޓީވީ ޗެނަލް "ވީޓީވީ" މެދުވެރިކޮށް ގައުމާއި މުހާތަބު ކުރަށްވާ ގާސިމް ވިދާޅުވީ ރިޔާސީ އިންތިޙާބުގެ ދެވަނަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް ތާއިދު ނުކުރަން ނިންމާފައިވާ ކަމަށާއި މީގެ ކުރިން ވެސް ދެތިން ފަހަރު އެއްވެސް މީހަކު ރާއްޖޭގެ ވެރިކަމަށް ގެންނަން މަސައްކަތް ނުކުރަށްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.
އަދި ޖޭޕީގެ ކައުންސިލުން ވެސް އެއްވެސް ކެނޑިޑޭޓަކަށް ތާއިދު ނުކުރަން ނިންމާފައިވާ ކަމަށް ވެސް 2008 ވަނަ އަހަރު ރިޔާސީ އިންތިޙާބުގައި ވާދަކޮށް ބޮޑު ނާކާމިޔާބަކާއި ކުރިމަތިވި ގާސިމް އިބުރާހިމް ވިދާޅުވިއެވެ.
އެއްވެސް ބޭފުޅަކު ވެރިކަމަށް ގެންނަން ތާއިދު ނުކުރަން ނިންމަވާފައި ވަނީ ވޭތުވެދިޔަ ތަނުގެ ތަޖުރިބާއަށް ބަލާއިރު، ވެރިކަމުގައި ހުންނަވާ ބޭފުޅަކު ކުރައްވާ ބައެއް ކަހަލަ ކަންކަމުގެ ސަބަބުން، އެބޭފުޅަކަށް ވެރިކަން ހޯދައިދޭން އިސްވެ މަސައްކަތްކުރި މީހުން ބަދުނާމުވެ ލަދުގަންނަން ޖެހޭތީ ކަމަށެވެ.
އިންތިހާބުގައި ލިބުނު ބޮޑު ނާކާމިޔާބަށް ފަހު ދެވަނަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް ތާއިދު ނުކުރަށްވާނެ ކަން އިއުލާން ކުރަން ގާސިމް ދެއްވި ތިން މިނެޓް 45 ސިކުންތުގެ ޙިޠާބުގައި ވިދާޅުވީ "ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދިވެހި ރައްޔިތުންގެ ކުރިމަތީގައި މި ވަގުތު ދެ ކެންޑިޑޭޓަކު އެބަ ތިއްބެވި. އެ ދެ ކެންޑިޑޭޓުންގެ ތެރެއިން ގައުމުގެ ރައީސް ކަމަށް ބޭފުޅަކު އިހުތިޔާރު ކުރުން މިއަދު މިވަނީ ތިޔަ ލޮބުވެތި ރައްޔިތުންގެ އަތްމަތީގައި،" ކަމަށެވެ.
ގާސިމް ވިދާޅުވީ އެކި ދާއިރާތަކުން ރާއްޖެއަށް ގާސިމް ކޮށްދެއްވާ ހިދުމަތް ގަބޫލު ކުރާ އެތަކެއްހާސް ރަޢިއްޔަތުން އެބަ ތިބި ކަމަށާއި އަދި އެމަނިކުފާނަށް ހެޔޮ ދުއާ ކޮށް، ހެޔޮ އެދޭ އެތަކެއްހާސް ރަޢިއްޔަތުންވެސް އެބަތިބި ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ގާސިމްއަށް ވޯޓް ދެއްވި ބައިލައްކައެއްހާ ރައްޔިތުންނަށް ގާސިމް ވަނީ ޝުކުރު އަދާކުރަށްވާފައެވެ.
ވޯޓް ދޭނެ ކެނޑިޑޭޓެއް ނިންމާނީ ރައްޔިތުން – ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ