ޖަމްބު ހަސަން އަފީފު، އަލީ އުމަރު މަނިކު އަދި އަފީފް ޕީޕީއެމަށް ސޮއިކުރައްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ޗެއާމަން އިބްރާހިމް އުމަރު މަނިކުގެ އިތުރުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ އަފީފު މިއަދު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކުރައްވައިފި އެވެ.
މި ތިން ބޭފުޅުން ވެސް ޕީޕީއެމަށް ސޮއިކުރައްވާފައިވަނީ މިއަދު މެންދުރުފަހު އެޕާޓީގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެވެ. މި ތިން ބޭފުޅުން ސޮއިކުރެއްވި ފޯމާއި ހަވާލުވެވަޑައިގެންނެވި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމެވެ.
މީގެއިތުރުން މި ރަސްމިއްޔާތުގައި ބައެއް ޒުވާނުން ވެސް ޕީޕީއެމަށް ސޮއިކުރި އެވެ.
މިބައްދަލުވުމުގައި އައްޑޫ ސިޓީއިންނާއި އެހެން ދާއިރާތަކުގެ ގިނަ އަދަދެއްގެ ފޯމުތައް ވަނީ ރައީސް މައުމޫނަށް ހަވާލުކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިބްރާހިމް އުމަރު މަނިކު ވިދާޅުވީ ޕީޕީއެމްއަށް ސޮއިކުރެއްވިނަމަވެސް މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިނުވާ ކަމަށާއި އެއީ އެ ކޯޕަރޭޝަނުގެ އެއްވެސް މެންބަރަކު ސިޔާސީ ޕާޓީއަކަށް ވަނުން އެމްބީސީ ގާނޫނުން މަނާކޮށްފައި ނުވާތީ ކަމަށެވެ.
މަނިކު ވިދާޅުވީ ޕީޕީއެމާ ގުޅިވަޑައިގަތީ ވިސްނުމާއި ފިކުރާއި ހިޔާލު ދިމާވާތީ ކަމަށާއި ކުރިން ވެސް ޕީޕީއެމްގެ ފިކުރަކީ ވަރަށް ކަމުދާ ފިކުރެއް ކަމަށެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޓިކެޓްގައި ވާދަކުރައްވަން ގަސްތުކުރައްވާފައިވާކަން މަނިކު ވަނީ ހާމަކުރައްވާފައެވެ. އެމްބީސީގެ ގާނޫނުގައި ބުނާ ގޮތުން އިންތިހާބީ މަގާމަކަށް ކުރިމަތި ލާނަމަ އެމްބީސީން އިސްތިއުފާދޭން ޖެހެ އެވެ. އޭނާ މިއަދު ވިދާޅުވީ ޕީޕީއެމް ޓިކެޓު ލިބިވަޑައިގެންފިނަމަ އެމްބީސީގެ ޗެއާމަން ކަމުން އިސްތިއުފާދެއްވާނެ ކަމަށެވެ.
ޖަމްބު ހަސަން ވިދާޅުވީ އޭނާ ޕީޕީއެމާ ގުޅިވަޑައިގަތީ ގައުމަށް ހިދުމަތް ކުރެއްވުމަށް ކަމަށާއި ޕީޕީއެމާއި ގުޅިވަޑައިގެންނެވީ ފައިސާއަށް ނޫން ކަމަށެވެ. އަދި އެއީ އަމިއްލައަށް ނިންމެވި ނިންމެވުމެއް ކަމަށާއި މިގައުމަށް ތަރައްގީ ހޯދައިދެވޭނީ ޕީޕީއެމާއި ގުޅިގެން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޑރ.އަފީފް ދެއްކެވި ވާހަކައިގައި މަޖިލިސް އިންތިހާބުގައި އައްޑޫ ސިޓީ މީދޫ ދާއިރާއަށް ވާދަކުރައްވާނެ ކަން އިއުލާންކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ