ވޯޓުލާ ދުވަހު މެންދުރުފަހުން ތަންތަނުގައި ރޯކުރަން ފަށާނެ - ގާސިމް

އަންނަ މަހުގެ 7 ވަނަ ދުވަހު ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު އެދުވަހުގެ މެންދުރުފަހުން ތަންތަނުގައި ރޯކުރަން ފަށާނެ ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ގދ.ތިނަދޫގައި ޖުމްހޫރީ ގުޅުމުގެ ފަރާތުން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ތަންތަނުގައި ރޯކުރާނެ ކަން ޔަގީން ކަމަށާއި މީގެކުރިން ވެސް ދައުލަތުގެ އިމާރާތްތަކުގައި ރޯކޮށްލާފައިވާ މިއީ ހަމަހޭ ހުރި، ނުވަތަ ބުއްދި ސަލާމަތުން ހުރި މީހަކު ކުރާނެ ކަމެއް ނޫން ކަމަށެވެ.
"އެ އިމާރާތްތައް ކުރީ ކޮން ކަމެއްތޯ؟ ބަލަ އަމިއްލައަށް މޮޔަ ހަދާފައި އަމިއްލައަށް ބުއްދި ސަލާމަތުން ނެތިގެން ގޮސް އެމްއެންޑީއެފްގެ ތެރެއަށް ވަދެގަނެ ސިފައިންނަށާއި ފުލުހުންނަށް އެތައް ދުވަހެއްގެ މަތިން ޣައިރު ގާނޫނީ އަމުރުކޮށް، އެ ޣައިރު ގާނޫނީ އަމުރަށް ތަބާނުވީމަ އަމިއްލައަށް އިސްތިއުފާ ދިނީ." ރައީސް ނަޝީދަށް އިޝާރާތްކުރައްވާ ގާސިމް ވިދާޅުވި އެވެ.
ރައީސް ނަޝީދު އިސްތިއުފާދެއްވުމަށްފަހު ޖެހިގެން އައި ދުވަހު ތަން ތަނުގައި ރޯކޮށްލުމަށްފަހު "ބަޣާވާތް" ކޮށްގެން ވެރިކަމުން ދުރުކުރީ ކަމަށް ނަޝީދު ވިދާޅުވާން ލަދު ގަންނަން ޖެހޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑަށް ޔަގީން ރާއްޖޭގެ ރައްޔިތުން އޭނާއަށް ވޯޓެއް ނުލާނެކަން، ކޮންމެވެސް ބަޔަކު ވޯޓެއް ލާފާނެ ކަންނޭންގެ، އެކަމަކު އޭނާ (ނަޝީދު) ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ނާންނާނެ ކަމަށް ސަތޭކަ ސަތޭކަ އެބައޮތް، ސަތޭކައަކުން ދުއިއްސަތަ ޔަގީންކަން އަޅުގަނޑަށް އެބައޮތް." ގާސިމް ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގައި އޮތް މިނިވަންކަމުގެ މައްޗަށް ބަޔަކު ޖެހިގަންނަން ބަޔަކު މަސައްކަތްކުރާ ކަމަށާއި އެގޮތުން މިއަދު ބަޔަކު ހެސްކިޔާފަ ލާރި ދިނުމުން ހަރަދުކުރަމުންދާ ކަމަށެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގެ އެކ ރަށް ރަށުގައި ރީންދޫ ފޮތީގެ ސަނދުވާތަކުން މުޅި ހުރިހާ މަގެއް ޖަރީކޮށް ފާރުތަކުގައި ކުލަލާ ހަދާފައިވާ ކަމަށާއި ނަމަވެސް ކިތަންމެ ވަރަކަށް ކުލަޔާއި ސަނދުވާ ދެމިޔަސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ދެން ރައީސް ނަޝީދު ނުހޮވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ ރައީސް ނަޝީދު ވެރިކަން ކުރަންވީ އަނެއް ރާއްޖެއަށާއި ދޫނި ރާއްޖެ ފަދަ ތަން ތަނަށް ގޮސްގެން ކަމަށެވެ.
"އެނގިވަޑައިގަންނަވާތޯ ދޫނި ރާއްޖޭގައިވާ ގޮތް، ކުކުޅު ހާލަކީ ވެސް މަޔެއް ދަރިއެއް ބަފައެއް ވަކިނުވާ ގޮތަކަށް، (އުޅޭ ބައެއް) ބިސް އަޅައިގެން ބޮޑުވީމަ އޭނާއަކަށް ނޭންގޭނެ މަންމައެއް ބައްޕައެއް ވަކިކުރާކަށް، ސެކްޝުއަލް ކަންތައްތައް ހިންގުމުގައި ވެސް އެއްވެސް ކަހަލަ އުސޫލެއް ނެތި ދާނެ، އެހެންވީމަ އެއީ އެ ދައްކާ ވާހަކައަކީ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިރެއް ނެތި މަޖާކުރަން އޮންނަނީ ޔަހޫދީންނާއި ކްރިސްޓިއަން މީހުންގެ ތެރޭގައި އޮންނަ ކަމެއް ކަމަށާއި އެއީ ދީނެއް ނެތް ނުވަތަ ކަލާންގެ އެއް ގަބޫލުނުކުރާ މީހުންގެ ވެސް އޮންނަ ކަމެއް ކަމަށެވެ. އަދި ކޮންމެ ކަމެއް ކުރުމުގައި ވެސް އިންތަކަކާއި މިންތަކެއް އޮންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ