ހައްދުފަހަނައަޅާފައިވާ ފިކުރުތަކުގައި ތިބީ މަދު ބައެއްް: އުމަރު

ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރުތައް ކުރިއަރާ ގޮސްފައިވާ ނުވާ ކަމަށާއި އެފަދަ ފިކުރުތަކުގައި ތިބީ މަދު ބަޔަކު ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އުމަރު މިހެން ވިދާޅުވީ ހޯމް މިނިސްޓްރީއާއި ހޯމް މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ހިނގަމުންދާ ހުރިހާ މުއައްސަސާއަކުން މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރުމަށް މިއަދު ވެލާނާގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އުޅޭ ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ މީހުންނާއި ވަކި ޖަމާއަތް ހަދައިގެން ހުކުރު ކުރާ މީހުންނާ ޝަރުއީ ކޯޓެއްގައި ރަޖިސްޓްރީ ނުކޮށް ކައިވެނިކޮށްގެން އުޅޭ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ އެމީހުންނާ ދެކޮޅަށް އެންމެ ފުރަތަމަ ފަހަރަށް ބާރުގެ ބޭނުން ކުުރުމަކީ މިސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ސަރުކާރުން އިސްކަންދެނީ އެފަދަ މީހުންނަށް ދީނުގައި ކަންކަން އޮންނަ ގޮތް ސާފުކޮށްދީ އެމީހުން އިސްލާހު ކުރުމަށް ކަމަށާއި އެފުރުސަތުގެ ބޭނުން ހިފައިގެން ކަންކަން އިސްލާހު ނުކޮށްފިނަމަ ގާނޫނީ ގޮތުން ލިބިދޭ ބާރު ބޭނުން ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އެގޮތަށް ދަރުމަންވަންތަ މިސްކިތުގައި ވަކިން ޖަމާއަތް ހަދައިގެން ހުކުރު ކުރަމުންދިޔަ މީހުންނަށްވެސް އަޅުގަނޑުމެން ނަސޭހަތްދީ އެކަން ރަނގަޅުކުރަން އެންގިން. އެއަށްފަހު އަޅުގަނޑުމެން ބާރުގެ ބޭނުންކޮށް ފިޔަވަޅު އެޅީ. މިހާރު އެކަން ރަނގަޅުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ރ. އަތޮޅު މަޑުއްވަރީގައި ވަކިން ޖަމާއަތް ހަދައިގެން ބަޔަކު ނަމާދުކޮށް ހުކުރު ކުރާ މައްސަލަ ނުހުއްޓުވަނީ ކީއްވެގެންތޯ ނޫސްވެރިޔަކު ސުވާލު ދެންނެވުމުން އުމަރު ވިދާޅުވީ އެރަށަށް ފުލުހުން ފޮނުވައިގެން އެކަން ހުއްޓުވާ ވަރަށް އެރަށުގައި ބަޔަކު ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރާކަން އެނގިފައި ނުވާ ކަަމަށެވެ. އަދި އެރަށު ކައުންސިލުން އެތައް ފަހަރަކު އެމަނިކުފާނާ ބައްދަލުކުރައްވާފައިވާ ކަމަށާއި ކައުންސިލުންވެސް އެހާ ގިނަ ބަޔަކު ވަކިން ޖަމާއަތް ހަދައިގެން މަޑުއްވަރީގައި ނަމާދުކޮށް ހުކުރު ކުރާ ކަމަށް މައުލޫމާތު ދީފައި ނުވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މަޑުއްވަރީއަށް ވަރަށް ގިނައިން ފުލުހުން ގޮސް އެރަށުގައި ހުންނަ މައްސަލަތައް ބަލާ ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. މަޑުއްވަރީގެ ބަޔަކު ޖިހާދަށް ދިޔަ ކަަމަށް ބުނާ މައްސަލަތަކަކާއި އެރަށުގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރާ ކަމަށް ބުނާ މައްސަލަތަކެއް މީޑިއާ އިން ފާހަގަކުރަމުންދާތީ އެކަމާއި ގުޅުވާ މިނިސްޓަރު ވިދާޅުވީ މަޑުއްވަރީގައި ޕޮލިސް ސްޓޭޝަނެއް ގާއިމްވުމުން ގިނަ ކަންކަމަށް ހައްލު ގެނެވޭނެ ކަމަށެެވެ. އަދި އެރަށުގައި ޕޮލިސް ސްޓޭޝަނެއް ގާއިމްކޮށްދިނުމަށް ރަށު ކައުންސިލުން އެދެމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
މަޑުއްވަރީގެ ތިން މީހަކު ޖިހާދު ކުރަން ދިއުމަށްޓަކައި އަވަށްޓެރި ސްރީލަންކާ މަގުން ތުރުކީއަށް ދާން އުޅެނިކޮށް ހައްޔަރުކޮށް ރޭ މާލެ ގެނައި މައްސަލާގައި މިނިސްޓަރު ވިދާޅުވީ އެމީހުން މިހާރު ކޯޓުން އަންގައިގެން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެމީހުންނަށް ރާއްޖެއިން ނުފުރޭނެ ގޮތްތަކެއް ހަދަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ހިމެނޭ ދެ މީހަކީ ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅޭ ދެ މީހުން ކަމަށް އެނގިވަޑައިގަތީ ވަރަށް ފަހުން ކަމަށާއި އެމައްސަލަ ބަލަމުންދާ ކަމަށްވެސް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ