ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރު އައިޝަތު ޝިހާބުގެ ޕާސްޕޯޓު ހިފަހައްޓަން ސިވިލް ކޯޓުން އަމުރެއް ނެރެފިއެވެ.
ސިވިލް ކޯޓުން އޭނާއަށް ފުރައިގެން ނުދެވޭނެހެން ޕާސްޕޯޓު ހިފަހައްޓަން އަނގާފައިވަނީ އެރަށުގައި ވަޒީފާ އަދާ ކުރަމުން ދިޔަ މުވައްޒަފަކު ގާނޫނުތަކާއި ހިލާފަށް ވަކިކޮށްފައިވާތީ ވަޒީފާ އަނބުރާ ދޭން އެނގުމުން ވެސް ވަޒީފާ ދީފައިނުވާތީއެވެ. އައިޝަތު ޝިހާބުގެ ޕާސްޕޯޓު ހިފަހައްޓަން މިމަހުގެ އަށް ވަނަ ދުވަހު އަމުރެއް ނެރެފައިވަނީ 2009 ވަނަ އަހަރު އެރިސޯޓުގެ ވަޒީފާއިން ވަކިކޮށްފައިވާ މައުރޫފު ޒާކިރު އޭނާއަށް ވަޒީފާ އަނބުރާ ދިނުމަށާއި އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށާއި އެމުއްދަތުގެ ތެރޭގައި އޭނާއަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ދިނުމަށް ކުރި ހުކުމް ތަންފީޒު ކުރަން ކޯޓަށް ހުށަހެޅުމުންނެވެ.
މައުރޫފު ޒާކިރަށް ވަޒީފާ ދިނުމަށް ޓްރައިބިއުނަލުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން ވެސްވަނީ ތާއިދުކޮށްފައެވެ. އަދި އެމައްސަލަ ސްޕްރީމު ކޯޓުގައި އިލްތިމާސް ކުރެވޭނެ މުއްދަތު ވެސް މިހާރުވަނީ ހަމަވެފައެވެ.
އެމައްސަލައާއި ގުޅިގެން މީގެ ކުރިން އެކުންފުނީގެ ބޭންކު އެކައުންޓުތައް ވެސް ފްރީޒުކޮށްފައިވެއެވެ. އައިޝަތު ޝިހާބަކީ ޑީއާރުޕީގެ ލީޑަރު އަދި ގައުމައިގެން ކޯލިޝަންގެ ރަނިންމޭޓު މުހައްމަދު ތަސްމީނު އަލީގެ ކޮއްކޮ މުހައްމަދު އާދިލުގެ އަނބިކަނބަލުންނެވެ. މުހައްމަދު އާދިލަކީ ރީތިރަށް ރިސޯޓު ޕްރައިވެޓް ލިމިޓެޑުގެ އެއްޑިރެކްޓަރެވެ.
ރީތިރަށުގެ އެމްޑީގެ ޕާސްޕޯޓު ހިފަހައްޓަން ކޯޓުން އަމުރެއް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ