ގާހިރާ (ޖަނަވަރީ 12): މިސްރުގެ ރައްޔިތުންނާއި ސިފައިން އެދިއްޖެ ނަމަ މިސްރުގެ ރިޔާސަތަށް ކުރިމަތިލައްވަން ތައްޔާރަށް ހުންނެވި ކަމަށް އެގައުމުގެ އިންގިލާބީ ލީޑަރު އަދި ދިފާޢީ ވަޒީރު ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ ވިދާޅުވެއްޖެ އެވެ.
މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ މަގާމުން ދުރުކުރުމަށް މިދިޔަ ޖުލައި މަހު މިސްރުގެ ސިފައިން ގެނައި ޢަސްކަރީ އިންގިލާބުގެ އިސްވެރިއަކަށް ހުންނެވި ޖެނެރަލް ސީސީ އާ ހަވާލާދީ މިސްރުގެ އަލްއަހްރާމް ނޫސް ބުނީ އޭނާ ރިޔާސީ އިންތިޚާބަށް ކުރިމަތިލައް ވާނީ މިސްރުގެ ރައްޔިތުން އެކަމަށް އެދި ސިފައިންގެ ލަޝްކަރުތަކުން އެކަމަށް އިޢުތިރާޒް ނުކުރާ ޙާލަތެއްގައި ކަމުގަ އެވެ. ޖެނެރަލް ސީސީ މިހެން ވިދާޅުވެފައި މި ވަނީ އޭނާ އިސްކޮށް ހުންނަވައިގެން މިސްރަށް ގެނައި ޢަސްކަރީ އިންގިލާބާ ދެކޮޅަށް މިސްރުގެ ކަންކޮޅުތަކުގައި އެތައް ހާސްބަޔަކު ކޮންމެ ދުވަހަކު އަޑުއުފުލައި ކުރަމުން ގެންދާ މުޒާހަރާތަކާ އެކު އިންގިލާބީންގެ މުސްތަގްބަލަށް ނުރައްކާވެފައިވާ ދަނޑިވަޅެއް ގައެވެ.
މިސްރުގެ ރައީސް ކަމަށް ޖެނެރަލް ސީސީ އިންތިޚާބުކުރުމަށް ތާއީދުކުރަނީ ޑރ. މުރުސީ މަގާމުން ދުރުކުރުމަށް ސިފައިންނަށް ހިއްވަރުދެއްވި މިސްރުގެ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި ސިފައިންނެވެ. މިސްރުގެ ވެރިކަން އެހެންފަރާތަކަށް ލިބިއްޖެ ނަމަ އިންގިލާބީ ލީޑަރުންނަށް ނުރައްކާވެދާނެ ކަމަށް އެފަރާތްތަކުން ބިރުގަންނަކަމަށް ރިޕޯޓްތައް ބުނެ އެވެ. އިންގިލާބަށް ފަހު މިސްރުގައި އުފައްދާފައިވާ ވަގުތީ ސަރުކާރުން ވަނީ އަންނަ މާޗް މަހު މިސްރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް މަސައްކަތްކުރަމުން ގެންދާކަން ހާމަކޮށްފަ އެވެ. (އަލްޖަޒީރާ)
ރައްޔިތުން އެދޭ ނަމަ މިސްރުގެ ރިޔާސަތަށް ކުރިމަތިލައްވަން ތައްޔާރު: ޖެނެރަލް ސީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ