ކްރިމިނަލް ކޯޓު ހިންގުން ވަގުތީ ގޮތުން ގާޒީ އަލީ ރަޝީދަށް
ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ގާޒީ އަލީ ރަޝީދާ ހަވާލުކޮށްފި އެވެ. ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ހައިލަމް މަގާމުން ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ މިއަދު އެވެ. އެއީ އެ ކޮމިޝަނުން ބަލަމުންދާ ހައިލަމްގެ ސުލޫކީ މައްސަލައަކާ ގުޅިގެންނެވެ. 'ސަން' އަށް އެނގިފައިވާ ގޮތުން ހައިލަމް ސަސްޕެންޑް ކުރުމަށް ޖޭއެސްސީއިން ނިންމުމަށް ފަހު، ކްރިމިނަލް ކޯޓް ހިންގުން ވަގުތީ ގޮތުން ގާޒީ އަލީ ރަޝީދާ ހަވާލު ކުރުމަށް ވަނީ ނިންމާފަ އެވެ. ގާޒީ އަލީ ރަޝީދު ކްރިމިނަލް ކޯޓަށް ބަދަލު ކުރީ މި އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން ހުންނެވީ ޑްރަގް ކޯޓުގެ ގާޒީ ކަމުގަ އެވެ. ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވި ހައިލަމް ސަސްޕެންޑް ކޮށްފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަ ކުރުމުގެ މައްސަލައިގެ ހުކުމް މިއަދު އިއްވަން ތާވަލުކޮށްފައި ވަނިކޮށެވެ. މިހާރު ހުކުމް އިއްވުމުގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 152 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މައްސަލަ ބެލުމަށް ފަނޑިޔާރު ނުކުޅެދޭ ހާލަތުގައި އެ ކޯޓަކަށް ކަނޑައެޅިފައިވާ އެހެން ފަނޑިޔާރަކަށް މައްސަލަ ކުރިއަށް ގެންދެވިދާނެ އެވެ. ނުވަތަ މައްސަލައިގެ ޝަރީއަތް އަލުން ބޭއްވުމަށް ވެސް ކަނޑައެޅިދާނެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ކޮން ގޮތެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ގާޒީ ހައިލަމްގެ ސުލޫކީ މައްސަލައެއް ޖޭއެސްސީ އިން ބަލަމުން ދަނީ ނަސްރުގެ ދުވަހާ ގުޅިގެން ކްރިމިނަލް ކޯޓުގެ ވައިބާ ގުރޫޕަކަށް ތަހުނިޔާ ކިޔައި ފޮނުވި ފޮނުވި ފޮޓޯއެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ހިލިހިލާޖަހާފައިވާތީ އެވެ. ހައިލަމް ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ އޭނާ އެފޮޓޯ ގުރޫޕަށްލީ އިރު އެ ފޮޓޯގައި ރައީސް ސޯލިހު އަދި ރައީސް ނަޝީދު ހުރިކަން ނޭނގޭ ކަމަށެވެ. އެހެންވެ އެކަމަށް ހައިލަމް ރޭ ވަނީ މާފަށް އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ