މި މަސް ނިމުމުގެ ކުރިން ކަރަންޓު އަގުހެޔޮ ކުރަނީ

މި ހިނގަމުންދާ މާޗު މަސް ނިމުމުގެ ކުރިން ކަރަންޓު އަގުހެޔޮ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފި އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަހްމަދު އަލީ، ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކަރަންޓު އަގުހެޔޮ ކުރުމަށްޓަކައި ސްޓެލްކޯއާއި، ފެނަކައާއި، އެމްޑަބްލިއުއެސްސީއާއެކު ކުރި މަޝްވަރާތަކުގެ މައްޗަށް ބިނާކޮށް ޑްރާފްޓެއް އެކުލަވާލާވާފައިވާ ކަމަށެވެ.
ކަރަންޓު އަގުހެޔޮ ކުރުމަށްޓަކައި އެކުލަވާލި ޑްރާފްޓް މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވެސް ފޮނުވާފައި ވާނެ ކަމަށް އަހުމަދު އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ހަމަވުމުގެ ކުރިން ކަރަންޓު އަގުހެޔޮ ކުރުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަސް ހަމަވަނީ މި މަހުގެ 28 ވަނަ ދުވަހަށެވެ.
މި މަސް ނިމުމުގެ ކުރިން ކަރަންޓު އަގުހެޔޮ ވެގެންދާނެ ކަމަށް އަހުމަދު އަލީ ވިދާޅުވި ނަމަވެސް އަގުހެޔޮ ވާނެ މިންވަރެއް އޭނާ ވިދާޅެއް ނުވެ އެވެ.
ކަރަންޓުގެ އަގުހެޔޮ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ގޮތުން ކަރަންޓުގެ ހިދުމަތް ދޭ ފަރާތްތަކުން ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ޑީސަލުން ނަގާ އިމްޕޯޓް ޑިއުޓީ ވެސް މިސަރުކާރުން ވަނީ ކަނޑާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ