ދިވެހިރާއްޖެއަކީ ކަނޑާއި ފަޅުފަޅުގެ ރާއްޖެއެކެވެ. ގުދުރަތީ ސައްބީސް އަތޮޅުގެ މައްޗަށް އެކުލެވިގެންވާ މިރާއްޖޭގެ މުއްސަނދިކަމުގެ އަސާސަކީ ކަނޑާއި ފަޅުފަޅެވެ. އަދި އެފަޅުފަޅުގެ ތެރޭގައިވާ ރަށްރަށެވެ. ރާއްޖޭގައި އެކިސައިޒުގެ ދުއިސައްތައެއްހާ ފަޅުފަޅު އެބަހުއްޓެވެ. ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ފަޅުފަޅާއި އެފަދަ ސިފައެއް ނެތް ހުސް ފަޅުފަޅެވެ. މިހުރިހާ ފަޅުފަޅުގެ ތެރެއިން މިއަދު ރާއްޖޭގެ ބައިތުލްމާލަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ވައްދަނީ ކޮން ފަޅަކުން ބާވައެވެ. ތަފާސް ހިސާބުތަކުން އިގްތިސާދު މިނެކިރާ ޒަމާނެއްގައި މިއީ އެންމެނަށްވެސް އެނގި ބަޔާންވެފައި އޮންނާން ޖެހޭނެ ކަމެއް ކަމަށް ގަބޫލު ކުރެވެއެވެ.
އެންމެ ގިނަ ފައިސާ ވައްދާ ފަޅުކަމަށް ވާނީ ރާއްޖޭގެ އިގްތިސާދާއި ގުޅުންހުރި އެންމެ މުހިއްމު ގިނަ މަސައްކަތްތައް ހިނގާ ފަޅެކެވެ. ރިސޯޓުތައް ހުންނާން ޖެހެއެވެ. އެއަޕޯޓެއް އޮންނާން ޖެހެއެވެ. ވަރުގަދަ ބިޔަ ބަނދަރެއް އޮންނާން ޖެހެއެވެ. އިގްތިސާދީ މުހިއްމު މަސައްކަތްތަކެއް ހިންގާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް ނުވަތަ ރަށްތަކެއްވެސް ހުންނާން ޖެހެއެވެ. މިހުރިހާ ސިފަތަކަށް ބެލީމާ މިސިފަތައް ލިބިފައިވާ މާގިނަ ފަޅުފަޅެއް ނެތެވެ. ސަމުގާގެ ކަށި ގޮސް ހަރުލަނީ ހަމަ އެންމެ ތަނެއްގައެވެ. އެއީ އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ފަޅެވެ. މީހުން ދިރިއުޅޭ ދެ ރަށް އެބައޮތެވެ. ބިޔަ ދެ ރިސޯޓު އެބައޮތެވެ. ތިންވަނަ އަދި ހަތަރުވަނަ ރިސޯޓެއް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. އެއަރޕޯޓެއް އެބައޮތެވެ. ވިހިހާސް ޓަނުގެ ބޮޑެތި އާގުބޯޓުފަހަރު ލޯޑުކޮށްގެން އައިސް އެލޯންގްސައިޑް ކޮށްލެވޭވަރުގެ ބޮޑު ބިޔަ ބަނދަރެއް އެބައޮތެވެ. ޓެކްސް ފައިސާޔާއި އެނޫންވެސް ފައިސާ ދިވެހި މާލިއްޔާއަށް ވަންނަ ގޮތުގެ ހިސާބުކިތާބަށް ބަލައިލީމާ އެއްފަޅަކުން ދިވެހިރާއްޖޭގެ ހަގީގީ މުއްސަނދިކަން އެންމެ ބޮޑަށް ފާޅުވާ ފަޅަކީ މާމިގިލީ ފަޅުކަން އޮޅުމެއްނެތި ސާފުވެއެވެ.
ފްލައިމީގެ މަތިންދާބޯޓެއްގައި މާމިގިއްޔަށް ގޮސް އެތަނުން ލޯންޗެއްގައި ފުރައިގެން ހޮލިޑޭ އައިލެންޑުގެ ބަނޑުދޮށުން ދުއްވާފައިގޮސް ސަން އައިލެންޑަށް ފޭބި ދުވަހުން ފެށިގެން އަޅުގަޑުގެ ޚިޔާލުތަކުގެ ވާފަށް މި ފަޅުން ނެއްޓޭ ގޮތެއް ނުވިއެވެ. މާމިގިލީ އެއަރޕޯޓަކީ އަމިއްލަ ފަރުދެއްގެ ދުރުވިސްނުމަށް އެމީހާގެ އަމިއްލަ ޖީބުން ޚަރަދުކޮށްގެން ތަރައްގީކޮށްފައިވާ އެއަރޕޯޓެކެވެ. މާމިގިލީ ބަނދަރު ހަމައެފަދައެވެ. ސަން އައިލެންޑަކީ ރާއްޖޭގައިވާ އެންމެ ބޮޑު ރިސޯޓެވެ. ހޮލިޑޭ އައިލެންޑަކީވެސް ކުޑަކުޑަ ތަނެއް ނޫނެވެ.
މާމިގިއްޔަކީ އަރިއަތޮޅުގައި މިހާރު އެންމެ ފުޅާ އިގްތިސާދެއް އޮތް ރަށެވެ. ގެސްޓު ހައުސްތައް ބައިވަރެވެ. އުފެއްދުންތެރިކަމާ ގުޅުންހުރި ކިތަންމެކިތަންމެ މަސައްކަތެއް އެރަށުގައި ދަނީ ހިނގަމުންނެވެ. ސީޕޯޓާއި އެއަރޕޯޓުގެ ސަބަބުން އުފެދުނު ވަޒީފާތައް ބައިވަރެވެ. ދަނޑުވެރިކަން ސިނާއީ ފެންވަރެއްގައި ކުރާ ރަށެކެވެ. މާމިގިލީގެ ވިޔަފާރިވެރިއެއްކަމަށްވާ މަހުމޫދު ޝުޖާ (ޗާނދަނީ) ގެ އަމިއްލަ ދިރާސާއަކަށްފަހު އޭނާ ވިދާޅުވާގޮތުން މާމިގިލީގެ ރައްޔިތުންގެ ތެރެއިން ނުވަދިހަ ހަތަރު އިންސައްތައަކީ އިގްތިސާދީ މަސައްކަތްތަކުގެ ތެރޭގައި ސީދާގޮތުން ޝާމިލްވެ އާމްދަނީ ހޯދަމުންދާ މީހުންނެވެ. މިއީ ރާއްޖޭގެ އެއްރަށަކަށް ނިސްބަތްކުރާނަމަ އެންމެ މަތީ އިންސައްތައެވެ.
ކުޑަ ރަށެއް ކަމުގައިވިޔަސް ފެންފުށީގައިވެސް މަސައްކަތްތައް ބައިވަރެވެ. މި ފަޅުގައި ބައިނަލްއަގުވާމީ ނަންހުރި ދެ ކުންފުންޏަކުން އާ ދެ ރިސޯޓެއް ހެދުމުގެ މަސައްކަތް ބާރަށް ދަނީ ހިންގަމުންނެވެ. މާމިގިލީގައިވެސް އަދި ފެންފުށީގައިވެސް މަސްވެރިކަމުގެ ސިނާއަތް ފަތުއަޑުކިޔާފައި ކުރިއަށްދެއެވެ. އެހެންވީމާ މިހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ މީހުންގެ އާމްދަނީ އާއި މި ވިޔަފާރިތަކުން ދައުލަތަށް ވަންނަ ޓެކުހާއި ވަންނާނެ ޓެކުހަށް ވިސްނުން ހިންގައިލީމާ މި ފަޅަކީ ހަގީގީ މާނައިގައި ދިވެހި އިގްތިސާދުގެ އެންމެ އަލިގަދަ ޖަވާހިރުކަން ދެނެގަންނަން މާގިނަ ވަގުތެއް ނުނަގާނެއެވެ.
ޖަވާހިރަކަސް މީހުންނަށް އޭގެ ވިދުން ފެންނާން ފަށާނީ ކޮންމެވެސް މީހަކު އެ ޖަވާހިރު ސާފުކޮށް އޮމާންކުރީމައެވެ. ޖަވާހިރެއްގެ ސިފަ ގެނައުމުންނެވެ. މިޒަމާނުގައި އެބާވަތުގެ ޖައުހަރީންނަށް ކިޔަނީ އިންވެސްޓަރުންނެވެ. މާމިގިލީ ފަޅުގެ ވިދުން ޖަވާހިރެއްގެ ސިފައިގައި ދިވެހި ގައުމަށް ދެއްކެވި ޖައުހަރީއަކީ އެއްވެސް އޮޅުމެއްނެތި އޮނަރަބަލް ގާސިމް އިބްރާހީމެވެ. ހުރިހާވެސް ޝުކުރެއް ހައްގުވަނީ އެމަނިކުފާނުގެ ދުރުވިސްނުންފުޅަށެވެ.
ގާސިމް އިބްރާހީމްގެ ދުރުމި މާމިގިލީ ފަޅަށް އަމާޒުވުމަކީ އިއްތިފާގެއް ނޫނެވެ. އެމަނިކުފާނަކީ އެފަޅަށް ނިސްބަތްވެވަޑައިގަންނަވާ ފަޚުރުވެރި ދިވެހި ދަރިއެކެވެ. އެމަނިކުފާނުގެ ވިންދާއި ނޭވާ ގުޅިފައިވަނީ ހުރިހާ ގޮތަކުންވެސް އެފަޅާއެވެ. އެހެންވީމާ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މާމިގިލީ ފަޅުގެ ހަގީގީ މަންފާ މުޅި ދިވެހިރާއްޖެއަށް ފޯރާނެ ގޮތުގެ ތަސްވީރެއް އޮނަރަބަލް ގާސިމް އިބްރާހީމްގެ ސިކުނޑީގައި ކުރެހިފައި އޮތުމަކީ އެއްވެސް މީހަކު އަޖާއިބުވާންޖެހޭ ކަމެއް ނޫނެވެ. މާމިގިލީ ފަޅުގެ ހަގީގީ އަގު ވަޒަންކުރެވޭނީ އެފަޅަށް ނިސްބަތްވާ ބަޔަކަށެވެ. އެމަނިކުފާނު އެފަޅުގައި ކުރެއްވި އަދި ކުރައްވަމުން ގެންދަވާ ކޮންމެ އިންވެސްޓްމަންޓަކީ މުޅި ދިވެހިރާއްޖޭގެ އިގްތިސާދަށް ވިސްނުންފުޅު ބަހައްޓަވައިގެން ކުރައްވާ ގައުމީ އިންވެސްޓްމަންޓެކެވެ.
ސަން އައިލެންޑުގެ ރެސްޓޯރަންޓެއްގެ ޑެކުމަތީގައި އިއްތާލައިގެން އިނދެ އުތުރާއި ދެކުނަށް ކަޅި އުކައިލީމާ އަޅުގަޑަށް ފެނުނީ މާމިގިއްޔާއި ފެންފުއްޓެވެ. އެކަނި އިނދެ ތަންތަނަށް ބަލައި ވިސްނީމާ އާއްމުކޮށް އަޅުގަޑުގެ ސިކުނޑިއަށް ބާރުފޯރުވާ ޖިންނި މިފަހަރުވެސް އޭގެ މަސައްކަތް ފަށައިފިއެވެ. އެއީ މިފެންނަ މަންޒަރުތައް ދިވެހި ތާރީޚާއި ގުޅުވައިލުމާއި އިހުޒަމާނުގައި މިމަންޒަރު އޮންނާނެ ގޮތުގެ ތަސްވީރު ކުރެހުމެވެ. މި ފަޅުގެ މަންފާ މާމިގިލީ ރައްޔިތުންނާއި ފެންފުށީ ރައްޔިތުން ކުރީ ޒަމާނުގައި ނެގިގޮތް ވިސްނުމަށް ގެނައުމެވެ. އިހުޒަމާނުގައި ދިވެހިރާއްޖެއަށް މިފަޅު ދަސްވެފައި އޮތްގޮތުގެ ވަނަވަރު ހަނދާނަށް ގެނައުމެވެ. ދިވެހި ތާރީޚުގެ ތެރެއަށް އަޅުގަޑަށް ފީނިފައިވާ މިންވަރުން މިއީ ވަރަށްވެސް ފަސޭހަ ކަމެކެވެ.
ރާއްޖޭގެ ޚަޒާނާއަށް އެންމެ ގިނަ ފައިސާ ވައްދާ މާމިގިލީ ފަޅުގެ ވާހަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ