ގާސިމް މިނިވަންކުރުމަށް ގޮވާލާ ޕެޓިޝަންގައި ގިނަ ބަޔަކު ސޮއިކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިނިވަންކުރުމަށް ގޮވާލައި ތައްޔާރުކުރާ ޕެޓިޝަންގައި މިހާތަނަށް 2000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފި އެވެ.
މާމިގިލީ ރައްޔިތުން އިސްވެ ތައްޔާރުކުރާ ޕެޓިޝަނާއި ގުޅޭގޮތުން ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ފްރީ ގާސިމް އިވެންޓް ކޯޑިނޭޓަރު ޝިހާމް މުހައްމަދު ވިދާޅުވީ 2000 އަށް ވުރެ ގިނަ މީހުން މިޕެޓިޝަންގައި މިހާރު ވެސް ސޮއިކޮށްފައިވާ ކަމަށެވެ. މީގެ އިތުރަށް މިޕެޓިޝަންގައި ރިސޯޓުތަކުން ވެސް ގިނަ ބަޔަކު ސޮއިކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. މިޕެޓިޝަންގައި ސޮއިކުުރުމުގެ ހަރަކާތްތައް އިއްޔެ ހަވީރު ފެށީ މާމިގިލީ ޖުމުހޫރީ ޕާޓީ ޖަގަހަައިގަ އެވެ.
މާމިގިލީ ރައްޔިތުން އިސްވެ ތައްޔާރު ކުރާ މި ޕެޓިޝަންގައި މިހާތަނަށް މާމިގިލިން އެކަނި ވެސް 1000 އަށް ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް ޝިހާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދިގު ރަށުގައާއި ދަނގެތީގައިވެސް ޕެޓިޝަންގައި ސޮއިކުރުމުގެ ހަރަކާތްތައް ކުރިއަށްދާ ކަމަށެވެ. މިޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށްވެސް ހުށަހަޅާނެ ކަމަށާއި، އޭގެ އިތުރަށް ސަރުކާރުގެ ކަމާއިގުޅޭ މުއައްސަސާތަކަށް ވެސް ހުށަހަޅާނެ ކަމަށްވެސް ވިދާޅުވި އެވެ.
މިޕެޓިޝަނުގައި ބުނެފައިވަނީ ގާސިމް އިބްރާހީމަކީ ރާއްޖޭގެ ރައްޔިތުންގެ ތާއީދާއި ލޯބި ހޯއްދަވައި، އެމަނިކުފާނުގެ މަދަދާއި އެހީތެރިކަމުގައި ދިވެހި އެތަކެއް ރައްޔިތުންނަަށް ތަފާތު އެކި ރޮނގުރޮނގުން ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ދިވެހި ގައުމުގެ ލާބަޔާއި މަންފާއަށްޓަކައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ މަސައްކަތެއްގައި ފަސްނުޖެހި ކުރިއަށް ވަޑައިގަންނަވާ ބޭފުޅެއް ކަމުގައިވެސް ބުނެފައިވެ އެވެ.
މީގެ އިތުރަށް އެމަނިކުފާނަކީ 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ފެހި ގާނޫނު އަސާސީން ދިވެހިންނަށް އެތައް ހައްގުތަކެއް ހޯއްދަވައިދެއްވުމުގައި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅަކަށްވީ ހިނދު، އެ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިދިން ހައްގުތައް ބީވެގެން ދިއުމަކީ މިއަދު އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމުގައިވެސް ޕެޓިޝަނުގައި ބުނެފައިވެ އެވެ. އަދި ގާސިމް އިބުރާހިމާއި މެދު ކަމާއި ބެހޭ ފަރާތްތަކުން އަމަލު ކުރަމުންދަނީ އިންސާފުން ނޫންކަން ފާހަގަކޮށް، ގާސިމް އިބްރާހިމް ފަދަ ހިދުމަތްތެރިއަކު ޖަލުގައި ބަންދުކޮށް ބޭއިންސާފުން ކުރަމުންގެންދާ ކަންކަން ހުއްޓާލުމަށާއި، އެމަނިކުފާނު މިނިވަންކޮށް ދޫކޮށްލުމަށް ގޮވާލާ ކަމުގައިވެސް ޕެޓިޝަނުގައި ބުނެފައިވެ އެވެ.
މިޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ހުށަހަޅުއްވާނީ ޖުމުހޫރީ ޕާޓީގެ ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ